ތިބާއަށް އިޙްތިރާމް ނުކުރާ، އިހާނެތިކޮށް ވާހަކަދައްކާ މީހުންނާމެދު ޢަމަލުކުރާނެ ގޮތް: ޝެއިޚް އާޞިމް އަލްޙަކީމް

ކިޔުމަށް ހޭދަވާނީ 3މ 38ސ
ތިބާއަށް އިޙްތިރާމް ނުކުރާ، އިހާނެތިކޮށް ވާހަކަދައްކާ މީހުންނާމެދު ޢަމަލުކުރާނެ ގޮތް: ޝެއިޚް އާޞިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ޝެއިޚްއެވެ. މީހަކު ތިބާއަށް ފުރައްސާރަކޮށްފި ހިނދު، އަދި ތިބާގެ މޫނުމަތީގައި ބަސްބުނާނަމަ ޢަމަލީގޮތުން ތިބާއަށް އަމިއްލަ ނަފްސު ހަމަޖެއްސޭނެ އަދި ހިނިތުންވެހުރެ ކުރިއަށް ދެވޭނެ ގޮތަކީ ކޮބައިތޯ؟ މިކަމާ ގުޅޭގޮތުން ޝެއީޚްގެ ލަފާ ލިބުމުން އަޅުގަނޑު އުފާވާނަމެވެ. 

ޖަވާބު:  

އިންސާނަކަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ދެ މަގެއް އޮވެއެވެ. އޭގެ ތެރެއިން އެއް މަގަކީ ހަމަހަމަ ގޮތެއްގައި ބަދަލު ހިފުމެވެ. މިސާލަކަށް، މީހަކު ތިބާއަށް ނޭދެވޭ ބަހެއް ބުނެފިނަމަ، އިސްލާމްދީނުގައި ހުއްދަވެގެންވަނީ ހަމަ އެފަދަ ބަހަކުން ޖަވާބުދިނުމެވެ. ނަމަވެސް، މިންވަރަށްވުރެ އިތުރުވެ، އަނިޔާވެރިވުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. 

މީހަކު ތިބާއަށް އަނިޔާވެރިވެއްޖެނަމަ، ހަމަ އެ މިންވަރަށް ބަދަލު ހިފުމުގެ ޙައްޤު އިސްލާމްދީނުގައި ތިބާއަށް ލިބިގެންވެއެވެ. އެހެންނަމަވެސް، މާތްﷲ ގެ ރުއްސެވުން އެދި މާފުކޮށް، ދޫކޮށްލުމަކީ މާ މަތިވެރި ޢަމަލެކެވެ. އެހެންކަމުން، ދެވަނަ މަގަކީ ކެތްތެރިކަމާއެކު މައްސަލަ ދޫކޮށްލުމެވެ.

މި ދެވަނަ މަގަކީ ރަސޫލާ އާއި ޙިކުމަތްތެރިން އިޚްތިޔާރުކުރައްވާ މަގެވެ. އެބޭކަލުން އަބަދުވެސް މާފުކުރައްވައި، ކެތްތެރިކަމާއެކު ކަންކަން ދޫކޮށްލައްވައެވެ. 

ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރު ހިނގި ހާދިސާއަކުން މިކަން ރަނގަޅަށް ސާފުވެއެވެ. އެއްފަހަރަކު މީހަކު ޢުމަރުގެފާނުގެ އަރިހަށް އައިސް، އެކަލޭގެފާނަށް ހަރުކަށި ބަހުން މުޚާޠަބުކޮށް، ފުރައްސާރަކުރަން ފެށިއެވެ. ރައްޔިތުންނުންނަށް އެކަށީގެންވާ ވަގުތު ނުދޭކަމަށާއި، އިންސާފުވެރިނޫން ކަމަށް ތުހުމަތުކުރިއެވެ. މިކަމުން ޢުމަރުގެފާނު ވަރަށް ބޮޑަށް ކޯފާވިއެވެ. ނަމަވެސް، އެތަނުގައި ހުރި ޢިލްމުވެރިއަކު ޢުމަރުގެފާނަށް ހަނދުމަފުޅުކޮށް އެރުވީ ސޫރަތުލް އަޢުރާފުގެ 199 ވަނަ އާޔަތެވެ.  

އެއާޔަތުގައިވަނީ خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ ﴿١٩٩﴾‏މާނައީ: ކަލޭގެފާނު عفو ކުރެއްވުމުގައި ހިއްޕަވާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރައްވާށެވެ! އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! (199) މި އާޔަތް އަޑުއިވިވަދައިގަތުމާއިއެކު ޢުމަރުގެފާނު ވަގުތުން މަޑުމައިތިރިވެވަޑައިގަތެވެ. 

އެހެންކަމުން، މީހަކު ތިބާއަށް އުނދަގޫކޮށްފި ހިނދެއްގައި، ރަސޫލާ ގެ ސުންނަތަށް ތަބާވެ، މާފުކޮށް، ކެތްތެރިކަމާއެކު ކަންކަން ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތެވެ. މިފަދަ ޖާހިލު ޢަމަލުތަކަށް އެކަށީގެންވާ ޖަވާބަކީ އެކަމާ ދުރުހެލިވުމެވެ. 

އަނިޔާވެރި މީހުންގެ ބަސްތަކަށް ނުވަތަ ޢަމަލުތަކަށް މާބޮޑު ސަމާލުކަމެއް ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެފަދަ މީހުންގެ މަޤްޞަދަކީ ތިބާ ކަންބޮޑުކުރުވައި، ރުޅިއެރުވުމެވެ. އެހެންކަމުން، އެމީހުންނަށް އެ މަޤްޞަދު ޙާޞިލުކުރުމުގެ ފުރުޞަތު ނުދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ޙާލަތްތަކުގައި އެންމެ ރަނގަޅު ގޮތަކީ ކެތްތެރިކަމާއެކު ހަނުހުރުމެވެ. 

އަދި ހަނދާން ބަހައްޓަންވީ ކަމަކީ، މިފަދަ ދަތި ވަގުތުތަކުގައި ކެތްތެރިވުމަކީ އަޖުރު އިތުރުވާނެ ކަމެއް ކަމެވެ. މާތްﷲ ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ: إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ ﴿١٠﴾‏މާނައީ: ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. (10)  

އަދި ހަމައެހެންމެ، މިފަދަ ޙާލަތްތަކުގައި ދުޢާކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. މާތްﷲ ގެ ޙަޟްރަތުން އެހީތެރިކަމާއި މަގުދެއްކެވުން އެދި ދުޢާކުރުމުން، ހިތަށް ހަމަޖެހުމާއި ހިތްވަރު ލިބިގެންދާނެއެވެ. 

ނިންމާލަމުން ދަންނަވާނީ، އިންސާނީ ގުޅުންތަކުގައި ދިމާވާ ކޮންމެ ކަމެއްގައިވެސް އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ތަބާވުމަކީ އެންމެ ރަނގަޅު ގޮތް ކަމެވެ. މާފުކުރުމާއި، ކެތްތެރިވުމާއި، އޯގާތެރިކަމާއެކު މުޢާމަލާތްކުރުމަކީ މުސްލިމުންގެ ސިފައެވެ. މިގޮތަށް ޢަމަލުކުރުމުން، ދުނިޔެއާއި އާޚިރަތުގައި ކާމިޔާބާއި ފާގަތިކަން ލިބިގެންދާނެކަން ކަށަވަރެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން 

މިއަދު އޮންލައިން