ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތްތަކުން ގިނަ ބައަކަށް ފެންނަނީ ވަރަށް މަދު ކަންތައްތަކެކެވެ. ގިނަ ކަންތައްތަކެއް ނުފެނެއެވެ. އެހެންވީމާ އެއީ އަހުރެމެން ކޮންމެ މީހަކުވެސް ވިސްނަން ޖެހިފައިވާ ކަމެކެވެ.
މިޘާލެއްގެ ގޮތުން ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ފެންބުއިން:
ކަނައަތުން ތށީގައި ހިފުމާއި އިށީނދެ އިނދެގެން ފެން ބުއިމާއި ތިން ފަހަރަށް ބަހާލައިގެން ފެންތަށި ބުއިމަކީ ހިފަހައްޓަންޖެހޭ އާދަތަކެވެ.
ފައިވާނަށް އެރުމާއި ހެދުންލުން:
ފައިވާނަށް އަރާއިއރުވެސް ހެދުންލާއިއރުވެސް ކަނައަތް ކިބަ އިސްކުރުމާއި ފައިވާނުން ފައިބާއިއރު އާއި އަދި ހެދުން ބާލާއިއރު ވައަތް ކިބަ އިސްކުރުމަކީވެސް ހިފަހައްޓަންޖެހޭ ސުންނަތް ތަކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތަށް ޢަމަލުކުރުމަކީ މަތިވެރި އަޅުކަމެކެވެ. އެއިރުން އެމީހަކު ވެގެންދާނީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ދިރުވައި އާލާކުރަން މަސައްކަތްކުރާ މީހަކަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހުރިހާ ސުންނަތެއްގައި ހިފެހެއްޓުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އަދި ނުވެސް އެނގިދާނެއެވެ. އެހެންކަމުން މަސައްކަތްކުރަންވީ އެމީހަކަށް އެނގޭ ވީހާ ގިނަ ސުންނަތަކަށް ޢަމަލުކުރާށެވެ! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ ލޯބިވުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން