ވަރިކުރުމުން އެކަނިވެރިވާ ކޮންމެ އަންހެނަކީ ނުރަނގަޅު އަންހެނެއް ނޫން! ހެޔޮލަފާ ތަޤްވާވެރި އަންހެނުންވެސް ވަރިކުރަނީ މަދަކުން ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ވަރިކުރުމުން އެކަނިވެރިވާ ކޮންމެ އަންހެނަކީ ނުރަނގަޅު އަންހެނެއް ނޫން! ހެޔޮލަފާ ތަޤްވާވެރި އަންހެނުންވެސް ވަރިކުރަނީ މަދަކުން ނޫން!

ކައިވެނި ރޫޅޭއިރަށް އެކަން މެދުވެރިވީ ވަކި މީހަކުގެ ސަބަބުންކަމަށް އަމިއްލައަށް ކަނޑައަޅައި ކުށްވެރިކުރުމުގެ އާދަ ދޫކޮށްލަން އެބްޖެހެއެވެ. މިހެން ބުނަން މިޖެހެނީ ކަމުގެ ޙަޤީޤަތް ބަލައިވެސް ނުލައި އަނބިން ކުއްވެރިކުރާ ބައަކު އެބައުޅެއެވެ.  

އަހުރެންގެ ވިސްނުމަށް އަންނަނީ ފިރިމީހާ ކުރިން މަރުވެއްޖެނަމަ އެއީ އަނބިމީހާގެ ސުންޕާކަމުން ކަމަށް ދެކޭ ބައަކުވެސް އުޅޭކަމެވެ. އަދި މިހާރުވެސް ފިރިމީހާ ކުރިން މަރުވެއްޖެނަމަ އަނބިމީހާ ޢާއި އަނގައިން ބުނަންވެސް ބޭނުން ނުވާ ބައަކުވެސް އުޅެއެވެ.  

އެއިރުން އެދެވެނީ މީގެ އެތައް ސަތޭކަ އަހަރެއް ކުރިއަށެވެ. ޖާހިލިއްޔަ ޒަމާނަށެވެ. އެއިރު ބައެއް މުޖުތަމައުތަކުގައި ފިރިމީހާ ކުރިން މަރުވެއްޖެނަމަ އެކުގައި އަނބިމީހާ ޖަޒާކޮށްފައިވެސް އެބަހުއްޓެވެ. މިހުރީ ތާރީޚުން އެނގެން ހުރި ކަންކަމެވެ.  

އަހުރެން މިއުޅެނީ ކައިވެނި ރޫޅެނީ ވަކިމީހެއްގެ ސަބަބުން ކަމަށްބުނާކަށް ނޫނެވެ. އެއީ ބުނުން ޙައްޤު ބަހެއްވެސް ނޫނެވެ. ބުނެވިގެންވާނެ ބަހެއްވެސް ނޫނެވެ. ބަހެއް ބުނަން ބޭނުންވެގެން މިއުޅެނީ ބައެއް މީހުންގެ ވިސްނުމާއިމެދުގައެވެ. އެމީހުން ވިސްނާ ގޮތާއިމެދުގައެވެ.  

ހަމައެކަނި މިޒަމާނުގައެއްވެސް ނޫނެވެ. ހުރިހާ ޒަމާނެއްގައިވެސް ކައިވެނި ރޫޅެއެވެ. އަދި ރޫޅެނީ އަނބިމީހާގެ ސަބަބުން ނުވަތަ ފިރިމީހާގެ ސަބަބުން ކަމަށް ބުނެވޭކަށް ނެތެވެ. ދެމީހުންގެ ސަބަބުންވެސް ކައިވެނި ރޫޅޭތީއެވެ.  

ރަނގަޅަށް ވިސްނަމާ ހިނގާށެވެ! ފުރަތަމަ ކައިވެނީގައި އެކުގައި ނުއުޅެވިގެން ކައިވެނި ރޫޅުނީއެވެ. ދެވަނަ ކައިވެނީގެ ބައިވެރިޔާއަށް ހަމަ އޭނާ ކަމުދާވަރު ބޮޑުވެގެންގޮސް އުފަލުން ފުރިއުތުރި އަރަނީ މަދުން ހެއްޔެވެ؟  

ހަމަ އެއާއިއެކު ކައިވެނި ރޫޅެން މެދުވެރިވާ ހަމައެކަނި މައްސަލައަކީ އެކަކު ގޯސްވުމެއްވެސް ނޫނެވެ. ކުރިމަތިވާ ކޮންމެވެސް ކަމެއްގައި ޚިޔާލުތަފާތުވުން ފަދަ ވަރަށް އާދައިގެ ކަންކަމުގައިވެސް ކައިވެނި ރޫޅެއެވެ. އަދި ފައިދާ ބޮޑުވާނީ ދެމީހުން ވަކިވެގެންކަން ދެމީހުންނަށްވެސް ޤަބޫލުކުރެވިގެންވެސް ކައިވެނި ރޫޅައިލައެވެ.  

ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރި އަނބިންވެސް ވަރިކުރެވޭ ކަމެވެ. އެއީ އެއްވެސް ޙާލެއްގައި އޭނާގެ ކުށެއް އޮވެގެނެއް ނޫނެވެ. އޭނާއަށްވުރެ ތިމާއަށް ރަނގަޅުވެދާނެކަމަށް ޤަބޫލުކުރެވޭ އެހެން އަންހެނަކު ފެނުމުން ވަރިކުރަނީއެވެ.  

ދާދިފަހުން ބައްދަލުވި އަންހެނަކު ވަރިކޮށް އެކަނިވެރިކޮށްލީ ދެޖިންސުގެ މީހުން އެރިއުޅޭ ސްވިމިންގޕޫލަކަށް އެރެން ބުރުގާ ނުނެގުމުންނެވެ. އަހުރެން އޭނާއަށް ތަޢްރީފްކޮށް ހިތްވަރުދިނީމެވެ. އޭނާއަށް ޘާބިތުކަން ދެއްވެވުން އެދި ދުޢާވެސް ކުރީމެވެ.  

ވީމާ ވަރިކުރެވޭ ކޮންމެ އަންހެނަކީ ކުށްވެރިއެއް ކަމަށް ނުދެކޭށެވެ. ދެމީހެއްގެ ކައިވެނި ރޫޅިއްޖެނަމަ ސަބަބު ރަނގަޅަށް އޮޅުންނުފިލުވައި ވާހަކަ ނުދައްކާށެވެ. އެކަމަކީ ފާފަވެރިވާނެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން