ކޮމްޕިޔުޓަރާއި ޓީވީއާއި ސްމާތްފޯނާއި މިހެން ގޮސް އެތައް ބައިވަރު އެއްޗެއް މިއަދު ވެފައި މިއޮތީ އެތަކެއްޗާއި ނުލައި އަހުރެމެންނަށް ދިރިނުއުޅެވޭނެ ތަސކެއްޗަށް ކަމަށް މިއޮތީވެފައެވެ. އެހެނެއް ކަމަކު މިއިން ކޮންމެ އެއްޗަކީވެސް ތިމާ އާއި ﷲ ތަޢާލާ އާއި ދުރުކުރުވާ އެއްޗެއްސެވެ. ނަތީޖާއަކީ މީސްތަކުންނަށް ﷲ ތަޢާލާ އާއި ދުރުހެލިވެވެމުން އަންނަ ކަމެވެ.
މިކަންކމުގެ ޙަޤީޤީ ނަތީޖާއަކީ ކޮބައިކަން އެނގޭހެއްޔެވެ؟ އަހުރެމެންނާއި ﷲ ތަޢާލާ އާއި އޮންނަންޖެހޭ ގުޅުންތައް މިއަންނަނީ ކެނޑެމުންނެވެ. ﷲ ތަޢާލާ އާއި ދުރުހެލިވެވެމުންނެވެ. ނަތީޖާއަކީ އަހުރެމެންނަށް ދެރަ ގޮތްތައް މެދުވެރިވަމުން އަންނަ ކަމެވެ.
މިކަމަށް އޮތް ޙައްލަކީ ކޮބައި ހެއްޔެވެ؟ ﷲ ތަޢާލާގެ މަތިން ހަނދުމަކުރުން ގިނަކުރުން ނޫން އިތުރު އެއްވެސް ޙައްލެއް ނެތެވެ. ދެން ކުރާނެ ސުވާލަކީ އެކަން ކުރާނީ ކިހިނަކުން ހެއްޔެވެ؟ އެސުވާލުގެ ޖަވާބަކީ ހަމައެކަނި 2 އިރު ޛިކުރުކުރުމުން ފުއްދައިނުލާށެވެ. ކޮންމެ ތަނެއްގައި ކޮންމެ ކަމެއް ކުރަން އުޅުނަސް ހުސްވަޤުތެއް ލިބޭއިރަށް ކޮންމެވެސް މިންވަރަކަށް ޛިކުރުކުރާށެވެ. ކޮންމެވެސް ކަލިމައެއް ކިޔައިލާށެވެ. އިޚްލާޞް ސޫރަތް ފަދަ ކުރުކުރު ސޫރަތެއް ނަމަވެސް ކިޔަވައިލާށެވެ.
ﷲ ތަޢާލާގެ މަތިން މީހަކު ހަނދުމަކުރާނަމަ އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަފުޅުކުރައްވަވާނެތެވެ. އެކަމުން ކުރާނެ އެންމެ ބޮޑު އެއް ފައިދާއަކީ އެމީހެއްގެ މަތިން ﷲ ތަޢާލާ ގިނަގިނައިން ހަނދުމަފުޅުކުރައްވަވާ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެ ކަމެވެ. އަދި އެމީހަކަށް ކުރިމަތިވާ މުޞީބާތްތަކުން އެމީހަކަށް ސަލާމަތްކަން ދެއްވަވާނެ ކަމެވެ.
ވީމާ މިސަބަބަށްޓަކައިވެސް އަހުރެމެން ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދުމަކުރާ މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން