ބަލިޙާލުގައިވާ ތިމާގެ ގާތް މީހުންނަށް ރަމަޟާންމަހު ގެއްލުނު ރޯދަތަކާއިމެދު ޢަމަލުކުރާނެ ގޮތް އޮޅުން ފިލުވަން ގިނަބައަކު ބޭނުންވާތީ އެކަން އެނގޭނެ ލިޔުމެކެވެ.
ފަސޭހަވާނެކަމުގެ އުއްމީދެއް ނެތް ބަލީގައިވާ މީހާގެ މައްޗަށް ރޯދަ ހިފުމެއްނެތެވެ. އަދި ގެއްލުނު ރޯދަ ގަޟާ ކުރުމެއްވެސް ނެތެވެ. އޭގެ ބަދަލުގައިގެއްލޭ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. އޭނާ ދުނިޔޭގައިހުރެއްޖެނަމަ އެކަން އަމިއްލަ އަށް ކުރާނީއެވެ. ނިޔާވެފައިވާނަމަ ވާރުތަވެރިން އެކަން ކުރާނީއެވެ.
އެހެންނަމަވެސް، އެމީހެއްގެބައްޔަކީ ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބައްޔަކަށް ވަނީނަމަ، ބަލީގެސަބަބުން އެމީހެއްގެ މައްޗަށް ރަމަޟާން މަހު ރޯދަ ހިފުން ވާޖިބު ވެގެންނެއްނުވެއެވެ. އޭގެ ބަދަލުގައި ބަލި ފަސޭހަ ވުމުން އެހެން ދުވަސްތަކެއްގައިއެރޯދަ ގަޟާ ކުރާނީއެވެ. ބަލި ފަސޭހަ ނުވުމުގެ ސަބަބުން ރޯދަ ގަޟާ ނުކުރެވިވާނަމަ، އެމީހެއްގެ މައްޗަށް ފާފަ އެއް ނެތެވެ. ރޯދަ ހިފުމެއްވެސް އަދިމިސްކީނަކަށް ކާންދިނުމެއްވެސް ނެތެވެ. އަދި އޭނާގެ ވާރުތަ ވެރިން އެރޯދަހިފައިދޭކަށްވެސް އަދި މިސްކީނުންނަށް ކާންދޭކަށްވެސް ނުޖެހޭނެއެވެ.
އެހެންނަމަވެސް، ރޯދަ ގަޟާ ކުރުމުގެ ފުރުޞަތުލިބި، އެކަން ނުކޮށް ހުއްޓާ މަރުވެއްޖެނަމަ،އޭނާގެ ވާރުތަ ވެރިން އެރޯދަ ހިފައިދިނުމަކީ އެދެވިގެންވާ ކަމެކެވެ. ވާރުތަވެރިންނަށް އެރޯދަތައް ހިފައިދިނުން އުނދަގޫ ކަމަކަށް ވެއްޖެނަމަ ކޮންމެރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.
(مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ )
މާނައަކީ: "މީހަކު މަރުވާ އިރު އެމީހަކު ހިފަންޖެހޭ ރޯދައެއް ވާނަމަ އޭނަގެ ވަލީވެރިޔާ އެރޯދަ އެއް ހިފާ ހުށިކަމެވެ". މިޙަދީޘްގެ މުރާދަކީ ރޯދަ މަހުގެ ރޯދައެއް ގެއްލި އެރޯދަ ގަޟާ ކުރުމުގެފުރުޞަތު ލިބި، އެކަން ނުކުރެވި ވަނިކޮށް މަރުވެއްޖެމީހާގެ މަތިން ރޯދަހިފައިދިނުމެވެ. والله أعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް