ދުނިޔޭގެ ޙަޔާތުގަ މިކަންކަމަށް ޣާފިލުނުވާށެވެ!: ބިލާލް އައްސަދު

ކިޔުމަށް ހޭދަވާނީ 6މ 20ސ
ދުނިޔޭގެ ޙަޔާތުގަ މިކަންކަމަށް ޣާފިލުނުވާށެވެ!: ބިލާލް އައްސަދު

ޢާއިޝަތު ރަފާޙް ޢަލީ

 

ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. 

كُنْ في الدُّنيا كأنَّك غريبٌ أو كعابرِ سبيلٍ

މާނައީ: "ދުނިޔޭގައި ތިބާ އުޅޭއިރު، ތިބާއަކީ ބޭރު މީހެއް ނުވަތަ ދަތުރުވެރިއެއް ކަމުގައި ދެކޭށެވެ." 

"މި ފަނާވަނިވި ދުނިޔޭގައި ދިރިއުޅުމުގެ ޙަޤީޤަތް ވިސްނައި އަޅައިބަލާށެވެ. ތިބާގެ ޙަޔާތަކީ މި ދުނިޔޭގެ ވަގުތީ ހުރުމެއްކަން ދަނެ، އެކަން ޤަބޫލުކުރާށެވެ. ޙަޤީޤަތުގައި މި ދިރިއުޅުމަކީ ކުޑަކުޑަ މުއްދަތެކެވެ. އަދި އަޅުގަނޑުމެންގެ ޢުމުރުފުޅުގެ ނިމުން އަންނާނެ ވަގުތު އެއްވެސް މީހަކަށް ނޭނގެއެވެ." 

ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 34 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ

މާނައީ: އަދި އެއްވެސް نفس އަކަށް، އެ نفس އެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް نفس އަކަށް އެ نفس އެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ." 

އަހަރެމެންނަށް ރޭވިދާނެއެވެ. އަދި ގިނަގުނަ މަސައްކަތްތަކެއް ކުރެވިދާނެއެވެ. ނަމަވެސް، މި ދުނިޔޭގައި އަހަރެމެން ދިރިތިބޭނީ ކިހާ މުއްދަތަކަށްކަން ނޭނގެއެވެ. އެއީ މާތްﷲގެ ޢިލްމުފުޅުގައިވާ ކަމެކެވެ. 

ޤިޔާމަތް ދުވަހު އިންސާނުން އެއްތަނަކަށް ޖަމާކުރެވޭ ހިނދު، ހެޔޮ ޢަމަލު ކުރި މީހުންނާއި، ނުބައި ޢަމަލު ކުރި މީހުންނާއި، އަދި އޭގެ ދެމެދުގައިވާ އެންމެން ވެސް މާތްﷲ އެއްތަނަކަށް ޖަމާކުރައްވާނެއެވެ. އަދި އެ އެންމެންނާ މުޚާޠަބުކުރައްވާނެއެވެ. ޙިސާބު ބެއްލެވުން ފެށުމުގެ ކުރިން މާތްﷲ އިންސާނުންނަށް ބަސްފުޅު ވަޙީކުރައްވަވާނެތެވެ. އަދި އެކަލާނގެ އެންމެންނަށް ޚިސާބުކުރައްވާނެއެވެ. 

ﷲ ތަޢާލާ މުއުމިނޫން ސޫރަތުގެ 112 ވަނަ އާޔަތުން 116 ވަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

قَالَ كَمْ لَبِثْتُمْ فِي الْأَرْضِ عَدَدَ سِنِينَ ﴿١١٢﴾‏ قَالُوا لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ فَاسْأَلِ الْعَادِّينَ ﴿١١٣﴾‏ قَالَ إِن لَّبِثْتُمْ إِلَّا قَلِيلًا ۖ لَّوْ أَنَّكُمْ كُنتُمْ تَعْلَمُونَ ﴿١١٤﴾‏ أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴿١١٥﴾‏ فَتَعَالَى اللَّهُ الْمَلِكُ الْحَقُّ ۖ لَا إِلَٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ﴿١١٦﴾‏

މާނައީ: އެކަލާނގެ وحى ކުރައްވާނެތެވެ. ތިޔަބައިމީހުން ކިތައް އަހަރު ބިމުގައި ތިބީމުހެއްޔެވެ؟ (112) އެއުރެން ދަންނަވާނެތެވެ. ތިމަންމެން ތިބީ، އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހެއްގެ ބައެއްގައެވެ. ފަހެ، ހިސާބުކޮށް އަދަދުކުރާ މީހުންނާ سؤال ކުރައްވާށެވެ! (113) އެކަލާނގެ وحى ކުރައްވާނެތެވެ. ދާދި ކުޑަ ދުވަސްކޮޅަކު މެނުވީ، ތިޔަބައިމީހުން ލަސްވެ ނުތިބެމުއެވެ. ތިޔަބައިމީހުންނަށް އެކަން އެނގޭކަމުގައި ވީނަމައެވެ. (114) 

ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ބޭކާރުގޮތުގައި، ކުޅިވަރަށްކަމަށާއި، ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ حضرة އަށް رجوع ނުކުރައްވާނޭކަމަށް، ތިޔަބައިމީހުން ފަހެ، ހީކުޅައީ ހެއްޔެވެ؟ (115) ފަހެ، ރަސްވަންތަ، حق ވަންތަ اللَّه، މަތިވެރިވެވޮޑިގެންފިއެވެ. އެކަލާނގެ މެނުވީ، إله އަކު ނެތެވެ. އެއީ މާތްވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ. (116)" 

މަތިވެރި މަލާއިކަތް ބޭކަލުން އިންސާނުންގެ ޢަމަލުތަކުގެ ތަފްޞީލީ ރެކޯޑުތައް އަމާނާތްތެރިކަމާއެކު ލިޔުއްވަމުން ގެންދަވައެވެ. ޤިޔާމަތް ދުވަހުން އެޢަމަލްތަކުގެ ޙަޤީޤަތް ހާމަވުމާއެކު، އެއްވެސް ޢަމަލެއް ނުވަތަ ނިޔަތެއް ވަންހަނާވެފައެއް ނޯންނާނެއެވެ. 

ﷲ ތަޢާލާ ޠާހާ ސޫރަތުގެ 102 އާއި 103 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَوْمَ يُنفَخُ فِي الصُّورِ ۚ وَنَحْشُرُ الْمُجْرِمِينَ يَوْمَئِذٍ زُرْقًا ﴿١٠٢﴾‏ يَتَخَافَتُونَ بَيْنَهُمْ إِن لَّبِثْتُمْ إِلَّا عَشْرًا ﴿١٠٣﴾‏

މާނައީ: ތާޅަފިލި ފުމެލައްވާ ދުވަހުއެވެ. އަދި އެދުވަހުން ކުށްވެރިން (ގެ މޫނުތައް ބިރުވެރިކަމުން) ނޫވެގެންވާ حال، محشر އަށް ފޮނުއްވާހުށީމެވެ. (102) އެއުރެންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް ސިއްރު ވާހަކަ ދައްކަމުން ބުނާނެތެވެ. ތިޔަބައިމީހުން (ދުނިޔެމަތީގައި) ދިހަ ދުވަހު މެނުވީ ނުތިބެމުއެވެ. (103)

 

- ބިލާލް އައްސަދުގެ ދަރުސަކުން

 

 

މިއަދު އޮންލައިން