ވަރަށް ކެރިހުރެގެން ބުނަމެވެ! އަހަރެމެން އީމާންވެގެން މިތިބަ ﷲ ތަޢާލާގެ ދީލަތިވަންތަކަމުގެ ބޮޑުކަން ވިސްނޭނަމަ އެކަނިވެސް ޝުކުރުގެ ސޖިދައިން ނުވެސް ތެދުވާނެއެވެ.
ހަމަ ވަރަށް ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ.
ދުނިޔޭގައި ފާފަކޮށް އުޅުނު މީހެކެވެ. ޤިޔާމަތް ދުވަހު އޭނާއަށް ނަރަކައަށް ވަންނަން ޖެހުމުން ކަންބޮޑުވާނެއެވެ. އަތްފައިގައި ޗޭނު ޖަހައި ނަރަކައަށް ވައްދަން ގެންދަން ފެށުމުން އެކަމަށް ޝަކުވާވެސް ކުރާނެއެވެ. އޑުގަދަ ކުރާނެތެވެ. "އޭ ﷲ! އިނބަ ﷲ ގެ ޙަމްރަތުން މިހައި ބޮޑު އަނިޔާއެއް ތިމާއަށް ލިބޭނެ ކަމަށް ހީވެސް ނުކުރަމެވެ."
އޭނާގެ ޝަކުވާތަކުގެ އަޑު އިވިވަޑައިގަތމުން ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ! "ކަލޭ ދުނިޔޭގައި ފާފަތައް ކޮށް އުޅުނު އިރު ނަރަކައަށް ވަންނަން ޖެހޭނެ ކަމެއް ނުއެނގޭހެއްޔެވެ؟ ނުވަތަ ނަރަކައިން ސަލާމަތްވާން ކަލޭ ކުރީ ކޮންކަމެއް ހެއްޔެވެ؟ އަދި އެފާފަތައް ކުރިއިރު ނަރަކައިން ސަލާމަތްވެވޭނެ ކަމަށް ކަލޭ އުންމީދުކުރީ ކޮންކަމަކުން ހެއްޔެވެ؟"
އޭނާ ދަންނަވާނެތެވެ! "މިއަޅާ އުންމީދުކޮށްގެން ހުރީ މިއަޅާފަދަ ނުބައި ފާފަތައް ކުރެވޭ މީހުންނަށްވެސް އިނބަ ﷲ ގެ ދީލަތިވަންތަކަމާ، ރަޙްމާންވަންތަކަމާ، ރަޙީމްވަންތަ އޯގާތެރިވަންތަކަމުންވެސް ސުވަރުގެ ވައްދަވާނެ ކަމަށެވެ."
އޭނާގެ އަޑު އައްސވައި ވޮޑިގެން އޭނާއަށް ޢަފޫކުރައްވަވަތެވެ. ނަރަކައިން ސަލާމަތްކުރައްވަވައި ސުވަރުގެ ވައްދަވަތެވެ. އެއީ އޭނާ ﷲ ތަޢާލާ އާއިމެދު ޤަބޫލުކޮށްގެން ހުރި ސިފަފުޅުތަކުގެ ވާހަކައިން ދެންނެވީތީއެވެ.
މިއަދު މީސްތަކުންނަށް ނުއެނގިގެން މިއުޅެނީ ﷲ ތަޢާލާގެ ދީލަތިވަންތަކަމެވެ. އޯގާތެރިވަންތަކަމެވެ. ރަހްމާންވަންތަކަމާއި ރަޙީމްވަންތަކަމެވެ. ﷲ ތަޢާލާއީ މިހައި ދީލަތިވަންތަކަން ބޮޑު ރަސްކަލާނގެކަން ހިތުގެ އަޑިން ޤަބޫލުވެސް ނުކުރެވެނީއެވެ.
މީސްތަކުންނޭވެ! މިދެއްކި ވާހަކައިގެ މާނަ އޮޅުވައި ނުލާށެވެ! މިބުނަނީ އެއްވެސް ޙާލެއްގައި އެމީހަކު ކުރާނެ ވަރަކަށް ފާފަކޮށްފައި މިފަދައިން ދަންނަވައިލުމުން ސުވަރުގެ ވައްދަވާނެ ވާހަކައެއް ނޫނެވެ. އަދި އެގޮތަށް ދަންނަވަން ކޮންމެ މީހަކަށް ފުރުޞަތުވެސް ލިބޭނެ ވާހަކައެއް ނޫނެވެ. އެފުރުޞަތު ލިބޭނީ ފުރުޞަތު ލިބުން ޙައްޤު މީހަކަށެވެ. ފުރުޞަތު ލިބުން ޙައްޤުވާނީ ޙައްޤުވާނެ ގޮތަށް ދުނިޔޭގައި އުޅެވުނު ނަމައެވެ.
މިހުންނަނީ ﷲ ތަޢާލާގެ މަތިވެރިވެގެންވާ ސިފަފުޅުތައް ޤަބޫލުކޮށް ޢަމަލުކުރުމުން ޙާޞީލުކުރެވެން ހުރި ޢިބްރަތަތްކުގެ ވާހަކައެވެ.
- ޔޫޝަޢު އިވާންސްގެ ދަރުސަކުން