ކައިވެނި ރޫޅުނުކަމާ އިބިލީސް ކުށްވެރިކޮށްގެން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ މިކަންކަމަށް ވިސްނައިގެން ދިރިއުޅުނީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ކައިވެނި ރޫޅުނުކަމާ އިބިލީސް ކުށްވެރިކޮށްގެން ކުރާނެ ފައިދާއެއް ނެތް! ފައިދާކުރާނީ މިކަންކަމަށް ވިސްނައިގެން ދިރިއުޅުނީމަ!

މިއަދުގެ ދުނިޔެއަށް ބަލައިފިނަމަ ތައްޔާރީ ކާނާތަކާއި ޗޮކްލެޓްގެ ބާވަތްތަކާއި ޞިއްހަތަށް ގެއްލުންހުރި ބުއިންތައް ގިނަވީ ފަދައިން މުޖުތަމަޢުއަށް އެންމެ ބޮޑަށް ގެއްލުންދޭ ޢަމަލު ކަމުގައިވާ ވަރިކުރުން މިވަނީ އިންތިހާއަށް ގިނަވެފައެވެ. މިހެން ބުނި ނަމަވެސް ވަރިކުރުމެވެ ބުނެގެން އެއީ ވެސް އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ވަރިގިނަވާ އެއް ސަބަބަކީ ވަރިވުންވެސް ގިނަވުމެވެ.  

ދެން މިވާގޮތަކީ ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ކަންކަން ކުރެވުންވެސް ގިނަވަނީއެވެ. އެކަންކަން ކޮށްފައި ކުށްވެރިކުރަނީ ކައިވެނި ރޫޅުނުކަމާއި އިބިލީހެވެ. އެހެންވެ މިކަމުގައި ކުޑަކޮށް ވިސްނާލަން އެބަޖެހެއެވެ.  

ކޮންމެ ދެމަފިރިއަކު ވެސް ވަރިކުރުވޭތޯ ޝައިޠޯނާއަށް ކުރެވުނުހައި މަސައްކަތެއް އަބަދުވެސް ކުރާނެއެވެ. އެކަމުން ސަލާމަތްވެތިބެވޭނެ އެއްވެސް ދެމަފިރިއަކު ނުވެއެވެ. ކައިވެނި ރޫޅުނަ ނުދީ ހިފަހައްޓައިލެވެނީ ޝައިޠޯނާގެ ވަސްވާސްތަކަށް ނުހެއްލި ސާބިތުވެވޭ ދެމަފިރިންނަށެވެ.  

ދެން ވިސްނާލަންވީ ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލިފައި ޝައިޠޯނާ ކުށްވެރިކުރުމުން ކުރާނެ އެއްވެސް ފައިދާއެއް އޮތްތޯއެވެ. ޝައިޠޯނާ ޤިޔާމަތް ދުވަހުން ބުނާނެއެވެ. "ކަލޭގެ މައްޗަށް އަހަރެންނަކަށް އެއްވެސް ބާރެއް ނެތެވެ. އަހަރެން ކުރި ހަމައެކަނި ކަމަކީ ވަސްވާސް ދިނުމެވެ. އަހަރެން ދިން ވަސްވާސްތަކަށް ހެއްލުނީ ކަލޭ އަމިއްލައަށެވެ. ވީމާ މިއަދު އަހަރެން ކުށްވެރި ނުކުރާށެވެ."  

ވިސްނާލަންވީ މިކަންކަމަށެވެ. ފުރަތަމަކަމަކީ ޝައިޠޯނާ ދޭ ވަސްވާސްތަކަށް ހެއްލި ކައިވެނި ރޫޅައި ނުލުމެވެ. ދެވަނަ ކަމަކީ ކައިވެނި ރޫޅުނަސް ފާފައަކަށް އަރައި ނުގަތުމެވެ. ފާފައަކަށް އަރައި ނުގެނެ ކެތްތެރިވުމުގެ ބާރު ލިބިގަންނަން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އެބާރު ދެއްވަވާނެތެވެ. އިން ޝާ ﷲ  

ފާފައަކަށްވެދާނެ އެއްވެސް ކަމެއް ކުރަން ހިތަށް އަރައިފިނަމަ ފުރަތަމަ ކަމަކަށްވެސް އެއީ ޝައިޠޯނާގެ ކިބައިން އަންނަ ވަސްވާސްކަން ޤަބޫލުކުރަން މަސައްކަތްކުރާށެވެ! އަޢޫޛް ކިޔައި ޝައިޠޯނާ ފައްސައިލާށެވެ! އެއަށްފަހު ﷲ ތަޢާލާގެމަތިން ހަނދުމަކުރަން މަސައްކަތްކުރާށެވެ! އެމީހަކަށް ޘާބިތުކަން ﷲ ތަޢާލާ ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން