ޗެޓްކުރި މީހާގެ ކިބައިން އެއިރު ޤަބޫލުކުރެވުނު ކަންކަމާ އެމީހާއާ ކައިވެނިކުރުމުން ފެންނަ ކަންކަމާ ދިމާނުވުން- ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވަމުން އަންނަ ސަބަކަށްވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ޗެޓްކުރި މީހާގެ ކިބައިން އެއިރު ޤަބޫލުކުރެވުނު ކަންކަމާ އެމީހާއާ ކައިވެނިކުރުމުން ފެންނަ ކަންކަމާ ދިމާނުވުން- ގިނަ ބައެއްގެ ދިރިއުޅުން ހަލާކުވަމުން އަންނަ ސަބަކަށްވެއްޖެ!

ގުގުރިޖަހާ އަޑުއިވުމުން ބިރުގަންނާނެއެވެ. ހޮނު ނުވަތަ އަލިފާން ފައިބާތަން ފެނިއްޖެ ނަމަ ވަކިން ބޮޑަށް ބިރުގަންނާނެއެވެ. ގޭގެ އެންމެ މަތީގާ ދަގަނޑެއް ޖަހައި އެއަލިފާނުން ސަލާމަތްވާންވެސް މަސައްކަތްކުރަމުއެވެ.  

ދައްކަން މިއުޅެނީ ދިރިއުޅުމަށް އެޅެމުން އަންނަ މާނުރައްކައުތެރިކަން ބޮޑު ހޮނެއްގެ ޥާހަކައެވެ. ރަނގަޅަށް އަޑުއަހާށެވެ. ފޯނުތައް މިވަޤުތަށް ނަމަވެސް ދުރަށް ޖައްސާލައި މިދައްކާ ވާހަކަ ނިކަން އަޑުއަހާލަބަލާށެވެ!  

މިހާރުގެ އުޞޫލަކަށްވެފައި މިއޮންނަނީ ފޯނުން ނުވަތަ އެނޫންވެސް ވަސީލަތަކުން ޗެޓްކޮށްގެން ޙަޔާތަށް ބައިވެރިއަކު ހޯދުމެވެ. ތިމާ އެންމެ ހިތް އެދޭގޮތަށް ވާހަކަދައްކައި މެސެޖުކޮށް އަދި އެހެންވެސް ކަންކަން ކުރާ މީހަކާއި އަވަހަށް ކައިވެނިކުރުން އަންނަނީ ގިނަވަމުންނެވެ.   

ކައިވެނިކުރާތާ ކުޑަދުވަސްކޮޅެއްވެސް ނުވަނީސް މިއެނގެނީ ކުރިން ޗެޓް ކުރި މީހާގެ ސިފަތަކާ ކައިވެނީގެ ބައިވެރިޔާގެ ސިފަތަކާއި ދިމާނުވާކަމެވެ. މޫނު އެއްގޮތްވެފައި ހަށިގަނޑު އެއްގޮތް ނަމަވެސް ޢަމަލުތަކާއި އަޚްލާޤް މުޅިން ތަފާތުކަމެވެ. ވާހަކަ ދެއްކިއިރު ހުރި މަޑުމައިތިރިކަމާއި ކެތްތެރިކަން ދިރިއުޅުމުގެ ކަންކަމުގައި ނެތްކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމެއް ނެތްކަމާއި އިންސާނުންނަށް ރަޙުމްކުރުން ކުޑަކަމެވެ. ޗެޓްކުރިއިރު ވާހަކަދެއްކި ބަހުރުވަ ކިތަންމެހައި ރިވެތިވެފައި، ލޯބިވެފައި އޯގާތެރިނަމަވެސް މިހާރު އިވެނީ އަމުރުވެރި ބަސްތައްކަމެވެ.  

މިފަދަ ކޮންމެ ޙާލަތެއް ދިމާވުމުންވެސް އެގިގެން މިދަނީ ސޯޝަލް މީޑިއާގެ ދުނިޔެއިން ބައްދަލުވާ މީހުންނާއި އަދި އެކަހެރިކޮށް ބައްދަލުކޮށްގެން މިހޯދޭ ބައިވެރިންގެ ކިބައިގައި ބޮޑެތި މައްސަލަތަކެއް ހުންނަކަމެވެ. އެއީ ހަމަ ވަރަށް ބޮޑެތި އޮޅުވައިލުންތައް ހިނގާ ކަމެއްކަމެވެ. 

ލޮބުވެތި ޒުވާނުންނޭވެ! އަންހެންކުދިންވެސް ފިރިހެންކުދިންވެސް މިކަންކަމަށް ސަމާލުކަންދޭށެވެ! ކައިވެންޏަކީ މުޅި އުމުރަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ވީމާ ސޯޝަލް މީޑިއާގެ ތެރެއިންނާއި އެކަހެހެރި ބައްދަލުވުމުގެތެރެއިން ބައިވެރިއަކު އިޚްތިޔާރު ކުރާނަމަ އޭނާގެ ޙަޤީޤަތް ދެނެގަތުމަށްފަހުގައި ނޫނީ ކައިވެނި ނުކުރާށެވެ! 

ތިމާ ޝައުޤުވެރިވާ މީހަކު ފެނި، ބައްދަލުވިނަމަވެސް ފުރަތަމަ ކަމަކަށް އެމީހާގެ ޙަޤީޤަތް އޮޅުންފިލުވާށެވެ! ޙަދީޘްފުޅުގައި އޮންނަފަދައިން އެމީހަކީ ތަޤްވާވެރި، އަޚްލާޤް ރަނގަޅު މީހަކުކަން ކަށަވަރުކުރާށެވެ! ނޫންނަމަ އެކަމުގެ ހިތާމަ މުޅި އުމުރަށްވެސް ކުރަންޖެހިދާނެއެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން