ޢާއިޝަތު ރަފާޙް ޢަލީ
އެސްފީނާ، ހަސަދަ، ސިޙްރް އަދި ޖިންނީންގެ އަސަރުން ސަލާމަތްވުމަށް ރުޤްޔާ ކުރާނެ ގޮތް:
ރުޤްޔާއަކީ ޤުރުއާނުގެ އާޔަތްތަކާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތަކާއި، އަދި ދުޢާތައް ކިޔެވުމެވެ. މިއީ އެކަމުގެ ބޭނުންވެފައިވާ މީހެއްގެ މައްޗަށް ކިޔަވާ އެއްޗެކެވެ. އެއީ ޖިންނި ޖެހިފައިވާ މީހެއް، ސިޙްރު ޖެހިފައިވާ މީހެއް، ނުވަތަ އެސްފީނާ ޖެހިފައިވާ މީހެއް ކަމުގައި ވިޔަސް މެއެވެ. މަޤްޞަދަކީ މިފަދަ ބަލިތަކުން އެ މީހަކު ރަނގަޅުކުރުމަށް ވީހާވެސް ބޮޑަކަށް މަސައްކަތްކުރުމެވެ.
ރުޤްޔާ ކުރެވޭނީ ސީދާ އެ މީހެއްގެ މައްޗަށް ކިޔަވައިގެންނެވެ. އަބޫ ސަޢީދުލް ޚުދުރީ ރަޟިޔަﷲ ޢަންހު ބަޔާންކުރައްވާފައިވާ ފަދައިން، މުސްލިމުންގެ ބަޔަކު ކާފިރުންގެ ޤަބީލާއެއްގެ ކައިރިން ދަތުރުކުރަމުން ދަނިކޮށް، އެ ޤަބީލާގެ ވެރިޔާއަށް ގޮނޑިއެއް ޖަހާފައިވާތީ އޭނާ މަރުވަމުން ދިޔައެވެ. އެހެންކަމުން އެ މުސްލިމުންގެ ތެރެއިން މީހަކު އައިސް ސޫރަތުލް ފާތިޙާ ކިޔަވައި، ކޮންމެ ފަހަރަކު ކިޔެވުމަށްފަހު އޭނާގެ މައްޗަށް ހިކި ކުޅުފުމުނެވެ. މިގޮތަށް ފުމުމަކީ ކުޅު ނާންނަ ގޮތަށް އަދި އަޑެއްވެސް ނުނުކުންނަ ގޮތަށް ކުރާ ކަމެކެވެ. އޭނާ މިގޮތަށް ތަކުރާރުކޮށް ކިޔަވަމުން ދިޔައެވެ. ކުއްލިއަކަށް އެ ބަލިމީހާ ރަނގަޅުވެ، އެއްވެސް ކަމެއް ނުވިހެން ވެއްޖެއެވެ. އެހެންކަމުން މިއީ ރުޤްޔާ ކުރެވޭނެ އެއް ގޮތެވެ.
ރުޤްޔާގައި ކިޔަވާނީ ކޮން އެއްޗެއްތޯ؟ ސޫރަތުލް ފާތިޙާ ކިޔެވުމަކީ އެންމެ ރަނގަޅު ގޮތެވެ. މި ސޫރަތް 7 ފަހަރު، 5 ފަހަރު، ނުވަތަ 3 ފަހަރު ކިޔަވާށެވެ. އަދި ދުވާލާއި ރޭގަނޑު ގިނަގިނައިން ކިޔަވާށެވެ. އޭގެ އިތުރުން އާޔަތުލް ކުރުސީ ކިޔަވާށެވެ. އަދި ސޫރަތުލް ބަޤަރާގެ ފަހު ދެ އާޔަތް ކިޔަވާށެވެ. އަދި ޤުރުއާނުގެ ފަހު ތިން ސޫރަތް (މުޢައްވިޛާތައިން) ކިޔަވާށެވެ.
ސިޙްރް ނުވަތަ ޖިންނިގެ ޙާލަތުގައި، ސޫރަތުލް އަޢުރާފު އަދި ސޫރަތު ޔޫނުސް އަދި ޠާހާ ސޫރަތުގެ ބައެއް އާޔަތްތައް އިތުރުކުރެވިދާނެއެވެ.
ﷲ ތަޢާލާ ޠާހާ ސޫރަތުގެ 69 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾
މާނައީ: "އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެތެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ޖާދޫގަރުންގެ މަކަރު ކަމުގައެވެ. އަދި ޖާދޫގަރު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެތެވެ. (69)"
ޒަމްޒަމް ފެނުގެ މައްޗަށް ކިޔަވައި، ހިކި ކުޅުފުމާ، ބަލިމީހާއަށް ދުވާލާއި ރޭގަނޑު ގިނަގިނައިން އެއިން ބޯން ދޭށެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އެ ފެނުން ހަށިގަނޑުގައި އުނގުޅާލުމަކީ ވެސް ރަނގަޅު ކަމެކެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން