ކިތަންމެ ގާތް ދެމަފިރިއަކަށްވީނަމަވެސް އެމީހުންގެ ކަންކަމުގެ ތެރެއަށް ވަނުން ހުއްދަވާނީ އެމީހުން ވެއްދި ވަރަކަށް! ނަޞީޙަތް ދިނުމަކީ ތަފާތުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކިތަންމެ ގާތް ދެމަފިރިއަކަށްވީނަމަވެސް އެމީހުންގެ ކަންކަމުގެ ތެރެއަށް ވަނުން ހުއްދަވާނީ އެމީހުން ވެއްދި ވަރަކަށް! ނަޞީޙަތް ދިނުމަކީ ތަފާތުކަމެއް!

މީހަކަށް ކަމެއްޖެހި ހިތްދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ އެއީ އޭނާ މިވެނި ނުބައިކަމެއް ކުރާތީ ކަމަށްބުނެ ނިންމައިނުލާށެވެ! އެނުބައިކަން ކުރެވުނުފަހުން އޭނާ ކުރީ ކިހައި ގިނަ ހެޔޮ ޢަމަލުތަކެއްކަން އެނގޭނީ ކާކަށް ހެއްޔެވެ؟

މީހަކަށް އެއްވެސް ބާވަތެއްގެ މައްސަލައެއް ކުރިމަތިވެފައިވާނަމަ، އަދި ހިތްދަތިކަމެއް ކުރިމަތިވެފައިވީނަމަވެސް އެމީހަކަށް އެހީތެރިވުމުގެ ގޮތުން ނޫނީ އެކަމުގެ ވާހަކަ ނުދައްކާށެވެ! އެކަން އޭނާގެ އަމިއްލަ ކަމެއްގެ ގޮތުގައި ދޫކޮށްލާށެވެ!

މީހަކަށް މީހަކާއި މައްސަލައެއް ދިމާވެފައިވާނަމަ އެކަން ޙައްލުކުރުމަކީ އެދެމީހުންގެ ކަމެކެވެ. ފާފައެއް ކުރިނަމަ އެއީ އޭނާ އާއި ﷲ ތަޢާލާ އާއި ދެމެދުގައިވާ މައްސަލައެކެވެ. އެކަމުގެ ތެރެއަށްވަދެގަނެ އެކަމެއްގެ ވާހަކަތައް ނުދައްކާށެވެ!

ދެމަފިރިއެއްގެ ދެމެދުގައި މައްސަލައެއް ޖެހިގެން އުޅުނު ނަމަވެސް އެކަމާއި ބެހުމަކީ އެންމެން ކުރަންޖެހޭ ކަމެއް ނޫނެވެ. އެކަމަކީ އެދެމަފިރިންގެ އަމިއްލަކަމެކެވެ. ދެން އެކަމާއި ބެހެން ތިބޭނީ ދެމަފިރިންގެ ޢާއިލާގެ މީހުންނެވެ. ނުވަތަ އެމީހުން ބެއްސި ބައެކެވެ.

މީސްތަކުންނޭވެ! މިބުނި ކަންކަމަށް ނުބަލައި މީހުންގެ ކަންކަމާއިބެހުމަކީ ނެތިމޮށުމެވެ. ދެބައުޑުވުމެވެ. އެކެވެނީ މުސްލިމް އަޚާގެ މަހެވެ. އެކުރެވެނީ ބޮޑުފާފައެކެވެ. ޤިޔާމަތްދުވަހު ބަދަލުދޭންޖެހޭނެ ބޮޑު ފާފައެކެވެ. އަނެކާގެ ޙައްޤު ނުކަނޑަނީސް ނުވަތަ ބަދަލު ދިނުމުން ނޫނީ ﷲ ތަޢާލާ ނުފުއްސަވާނެ ފާފައެކެވެ.

ވީމާ ވާހަކަހިފައިގެން ހިނގާ މީހުންނާއި ސޯޝަލްމީޑިއާގައި ވާހަކަފަތުރާމީހުން މިކަންކަމަށް ސަމާލުކަންދޭށެވެ! އެއީ އެއްވެސް ފާފައެއް ނޫންކަމަށް ޤަބޫލުކުރެވިގެން ތިއަކުރެވޭ ބޮޑެތި ފާފަތަކުގެ ސަބަބުން ތިމާއަށް ނަރަކައަށް ވަންނަން ޖެހުން ވަރަށް ގާތެވެ. ހަމަ ޥާހަކައެއްގެ އަޑުއިވޭއިރަށް މީސްމީހުންގެ ވާހަކަތައް ފަތުރައިގަންނަ މީހުން މިބުނި ކަންކަމަށް ވިސްނައި ހޭލުންތެރި ނުވެވޭނަމަ ޤިޔާމަތް ދުވަހު ކުރަންޖެހޭނެ ހިތާއިގެ ބޮޑުކަން ވިސްނައިލާށެވެ!

ވީމާ ސުވަރުގެ އެދޭނަމަ މީސްމީހުންގެ ކަންކަމުގެ ފަހަތުން ދުވުން ހުއްޓައިލާށެވެ! އަމިއްލަ ކަންކަން އިޞްލާޙްކުރާށެވެ! މީހަކު ކުރި ކަމަކުން އެމީހާއަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް، މީހަކު ކުރިފާފައަކުން އެމީހާއަށް ނަރަކައަށް ވަންނަން ޖެހުނު ނަމަވެސް އެއީ އެމީހެއްގެ ކަމެކެވެ. އެކަމާ ބެހިގަނެގެން އުޅެން ހަދައިގެން ތިމާ ފާފަވެރިވެ ނަރަކައަށް ވަންނަން ޖެހިއްޖެ ނަމަ އެބޮޑު ދެރަ ލިބޭނީ ތިމާއަށެވެ!

އެއްކަމެއް ހަނދާނުގައި ބަހައްޓަންވާނެއެވެ! މިދެއްކީ ޢާންމު ފަރުދުންގެ ވާހަކައެވެ. މުޖުތަމަޢުގެ ކަންކަން އިޞްލާޙްކުރަން ޙަވާލުވެގެން ތިބޭ މީޙުންގެ ވާހަކައެއް ނޫނެވެ. އެމީހުންގެ ކިބައިން މީސްތަކުންނަށް ގެއްލުންވާނަމަ އެކަމުގެ ވާހަކަ ދެއްކުމަކީ ތަފާތު ކަމެކެވެ. އަދި ނަޞީޙަތް ދިނުމަކީވެސް ތަފާތު ކަމެކެވެ. އެކަމަކު ނަބީޙަތްދޭންވާނީވެސް ވިސްނުންތެރިކަމާއިއެކުގައެވެ.

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން