ހިތާމަވެރި ޙާލަތެއް ކުރިމަތިވީމާ ޙަސަދަވެރިންގެ ވާހަކަ ދެއްކުމުގެ ކުރިން ތިމާއަށް ﷲ ތަޢާލާގެ ޢަމުރުފުޅުތަކަށް ކިޔަމަންތެރިވެވޭ މިންވަރަށް ބަލަންވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތާމަވެރި ޙާލަތެއް ކުރިމަތިވީމާ ޙަސަދަވެރިންގެ ވާހަކަ ދެއްކުމުގެ ކުރިން ތިމާއަށް ﷲ ތަޢާލާގެ ޢަމުރުފުޅުތަކަށް ކިޔަމަންތެރިވެވޭ މިންވަރަށް ބަލަންވާނެ!

ކޮންމެ މީހަކަށްވެސް އެހެން މީހުން ކުށްވެރިކުރުމަކީ އެންމެ ފަސޭހައިން ކުރެވޭނެ ކަންތަކެވެ. އުނދަގޫކަމަކަށްވަނީ ތިމާގެ ކަންކަން އިޞްލާޙްކުރުމެވެ. އެންމެ ބޮޑަށް ސަމާލުކަންދޭން އޮތީ ތިމާ އިޞްލާޙްވުމަށެވެ…

ކޮންމެ މުޞީބާތަކީވެސް ނުވަތަ ހިތްދަތިކަމަކީވެސް ކުރެވެމުންދާ ފާފައެއް ނުވަތަ ފާފަތައް ހުއްޓާލުމަށް އަންގަވާ އެންގެވުމެކެވެ. ނޫން ނަމަ ކުރައްވަވާ އިމްތިޙާނެކެވެ. އެހެންކަމުން އެފަދަ ހާލަތެއްގައި ފުރަތަމަވެސް ވިސްނައިލަން ޖެހޭނީ ކުރިން ބުނި ފަދައިން އެމީހަކަށް ކުރެވެމުންދާ ފާފައަކީ ނުވަތަ ނުރަނގަޅު އަމަލަކީ ކޮބައި ކަމާއިމެދުގައެވެ.

އެއަށްފަހު އަވަހަށް އެކަންކަން އިޞްލާޙްކޮށްލާށެވެ! އެކަމުގެ ފައިދާ އިސާހިތަކު ތިބާއަށް ފެންނަން ފާށާނެއެވެ. މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އެކަމުގެ މަންފާ ފެނިގެންދާނެއެވެ. ހުރިހާ ވެސް މައްސަލައަކީ މިފަދަ ކަންކަމަށް ވިސްނައި ނުލެވޭ ކަމެވެ.

އެއްވެސް ބާވަތެއްގެ މުޞީބާތެއް ނުވަތަ ހިތަދަތި ކަމެއް ކުރިމަތިވެއްޖެނަމަ އަދި ދިރިއުޅުމަށް ކުރާ މަސައްކަތަކަށް ހުރަސްތައް ކުރިމަތިވެ ލިބެންޖެހޭ ކުރިއެރުން ނުލިބޭ ނަމަ އެކަން އެގޮތަށް މެދުވެރިވަނީ އެހެން މީހެއްގެ ސަބަބުން ކަމަށް ނުނިންމާށެވެ! ފުރަތަމަ ވެސް ހަމަޖެހިލައިގެން އިނދެ ވިސްނަންވީ އެމީހަކަށް ކުރެވެމުންދާ ފާފައަކީ ކޮބައިތޯއެވެ!

ފުރަތަމަ ކަމަކަށްވެސް ޢާއިލީ ގުޅުންތައް ދެމެހެއްޓޭވަރާއި ތިމާގެ ބެލުމުގެދަށުގައި ތިބި މީހުންގެ ކަންކަން ބެލެހެއްޓޭވަރާއިމެދު ވިސްނައިލާށެވެ! މައިންބަފައިންނަށް އަޅައިލެވޭމިންވަރާއިމެދު ވިސްނައިލާށެވެ! އަނބިދަރިންނަށް ހެޔޮކޮށްހިތައި ރަޙިމުގެ ގުޅުން ދެމެހެއްޓޭ މިންވަރާއިމެދު ވިސްނައިލާށެވެ!

އެހެނީ އިންސާނުންނަށް ﷲ ތަޢާލާ ބަސްފުޅު ވަޙީ ކުރައްވަވައި މީހަކު ކުރަންއުޅޭ ފާފައެއް ނުކުރުމަށް އަމުރުފުޅު ކުރައްވަވާނެ ކަމަށް އުންމީދުކުރުމެއް ނެތެވެ. މުސްލިމުން ދުނިޔޭގައި އުޅެންވީ ގޮތާއި ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަން ﷲ ތައާލާ ވަނީ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވައިފައެވެ. ވީމާ އަހުރެމެންނަށް އޮތީ ޤުރްއާނަށް ބޯލަނބައި އެފޮތުގައިވާ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން