ފުރަތަމަވެސް ބުނެލަން އޮތީ ދުނިޔެ ދެމިއޮތްހައި ދުވަހަކު ދުނިޔެއިން ހަސަދަވެރިން ހުހެއް ނުކުރެވޭނެއެވެ. ހަމަ ކޮންމެ މީހަކަށްވެސް ހަސަދަވެރިވާ ބައަކު އުޅޭނެއެވެ. ވީމާ ޙަސަދަވެރިއަކު ހުރިކަން އެނގުމަކީ އެހައި ބޮޑަށް ކަންބޮޑުވާންޖެހޭނެ ކަމެއް ނޫނެވެ.
ހަސަދަވެރިންނަށް ނަމަވެސް ތިމާގެ ހިތުގައި ހަސަދަލުމަކީ ތިމާކުރާ ހެޔޮކަންތައްތައް ތިމާއަށް ގެއްލިގެންދާނެ ކަމެކެވެ. ޙަދީސްފުޅުގައި އޮތީ ހަސަދައަކީ އަލިފާން ދަރު އަންދާފަދައިން މީހާކުރާ ހެޔޮ ޢަމަލުތައް އަންދައިލާނެ އެއްޗެއް ކަމަށެވެ! ވީމާ ހަސަދަވެރިޔާ، އޭނާގެ ހެޔޮ ޢަމަލުތައް ހަސަދަވެރިކަމުން އަންދައި އަމިއްލައަށް ބަނގުރޫޓުވާން ދޫކޮށްލާށެވެ! ތިބާ ހަސަދަވެރިނުވުމުން ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ މުއްސަނދިކަން ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ
ބުއްދިވެރިންނަކީ އެހެން މީހަކު ކިޔައިފާނެ އެއްޗަކަށް ނުބަލައި ﷲ ތައާލާ ތިމާގެ މައްޗަށް ވާޖިބުކުރެއްވވި ކޮންމެ ކަމަކީ ތިމާކުރަންޖެހޭ ކަންކަންކަމުގައި ދެކެގެން އެކަންކަން ބަރާބަރަށް ކުރަމުން ގެންދާ މީހާއެވެ.
ތިބާކުރާ ކަންކަމުން އެއްވެސް ރަނގަޅުކަމެއް އެހެން މީހަކަށް ނުފެނިދާނެއެވެ. ނަމަވެސް އެއީ ތިބާ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. ކުރާ ޢަމަލުތަކަށް ޖަޒާ ދެއްވަވަނީ ﷲ ތަޢާލާއެވެ. އެކަލާނގެ ރުހިވަޑައިގަންނަވާނެ އެންމެހައި ކަންކަން ކުރުމާއި ރުހިވޮޑި ނުގަންނަވާނެ ހުރިހާ ކަމަކުން ދުރުގައި ހުރުމުން ތިބާއަށް ދެއްވަވަން އޮތް ޘަވާބު ﷲ ގެންދަވާނީ ދެއްވަވަމުންނެވެ.
ވީމާ އެއްވެސް މީހަކަށް ކަމުނުގޮސްފާނެ ކަމުގެ ބިރަށް އެންމެ ހެޔޮ ޢަމަލެއްވެސް ނުކޮށް ނުހުންނާށެވެ! ބަލަންވީ އެއްވެސް މީހަކަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އެއީ ތިމާގެ ކިތަންމެ ބޮޑު ޢަދާވާތްތެރިއެއް ނަމަވެސްމެއެވެ. ޙަސަދަވެރިންނަށާއި ޢަދާވާތްތެރިންނަށްވެސް ހެޔޮ އެދިގެން ކަންކަން ކުރުމަކީ އެކަމުގެ ފައިދާ ދެ ދުނިޔޭގައިވެސް އެމީހަކަށް ކުރާނެ ކަމެކެވެ. އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން ާ