އަލިފާނުން ހޫނުވާތީ ކަންބޮޑުވަމުން ގޮސް އަލިފާންގަނޑަކަށް އެރުނީމާ ވާނީ ކިހިކަމުންހެއްޔެވެ؟ ސަލާމަވްެ ހުރެވޭނީ އަލިފާންގަނޑާއި ދުރުގައި ހުރެގެން ނޫން ހެއްޔެވެ؟ ރައްކައުތެރިވާން މަސައްކަތްކޮށްގެން ނޫންހެއްޔެވެ؟ ކައިވެންޏާއިމެދުގައިވެސް ހަމަ މިމޭރުމުން ވިސްނަން އެބަޖެހެއެވެ.
މިއަދުގެ ޙާލަތަށް ބަލައިފިނަމަ ބައެއް މުޖުތަމަޢުތަކުގައި ކުރެވޭ ކައިވެންޏަށްވުރެ ވަރި އެބަ ގިނަވެއެވެ. އެކަމުގެ ކަންބޮޑުވުން ފައުޅުކުރެއެވެ. އެހެނަސް ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅެމުންދާއިރު އެންމެ ބޮޑު ބަލިފައާއިމެދު ވިސްނައިލަނީ މަދު މީހެކެވެ.
އަންހެންކުދިންވެސް އަދި މައިންބަފައިންވެސް ބަލަނީ ކައިވެނިކުރެވޭ މީހާއަށް ލިބޭ އާމްދަނީއަށެވެ. އަޚްލާޤަކީ ކޮބައިތޯ؟ ނަމާދުކުރޭތޯ؟ ބަލައިވެސް ނުލައެވެ. ނުބަލަނީ ކީއްވެގެންތޯ؟ ސުވާލުކޮށްފިނަމަ ބުނަނީ އޭނާއަކީ ޙަރާމްކަންކަން ކުރާ މީހެއް ނޫން ކަމަށެވެ. ވީމާ އޭނާއަކީ ރަނގަޅު މީހެއް ކަމަށެވެ.
މިއީ ވަރަށް ނުބައި ވިސްނުމެކެވެ. ކުރެވޭ ޙަރާމްކަމަކަށްވުރެ ނަމާދު ނުކުރުމުގެ ފާފަ މާބޮޑެވެ. ނަމާދުނުކުރާނަމަ އެމީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހެއް ނޫނެވެ! އާޚިރަތް ދުވަހާއިމެދު ވިސްނާ މީހެއް ނޫނެވެ. ނަރަކައަށް ވަންނަން ޖެހިދާނެތީ ބިރުގަންނަ މީހެއް ނޫނެވެ. ޤިޔާމަތް ދުވަހު ފުރަތަމަ ފާސްވާންޖެހޭ ސުވާލަށް ޖަވާބުދޭން ތައްޔާރުވާ މީހެއް ނޫނެވެ.
ކައިވެނިކުރާއިއރު މިކަމަށް ސަމާލުކަންދޭނަމަވެސް ވަރިވާންޖެހިދާނެއެވެ. ވަރިކޮށްފާނެއެވެ. ނަމަވެސް ދިރިއުޅުމުގައި ޖެހޭ މައްސަލަތައް މަދުވާނެއެވެ. އަދި ވަރިވެސް މަދުވާނެއެވެ! ވީމާ
ވީމާ ފުރަތަމަކަމަކަށް އަޚްލާޤަށާއި ނަމާދުކުރުމަށް ބަލައިލާށެވެ! ފައިސާވެރިކަމާއި ދެންހުރި ހުރިހާ ކަންކަން އެދެކަންތަކުގެ ފަހަތަށް ޖައްސައިލާށެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން