އަނބިދަރިންގެ ކިބައިން ތިމާ ނުރުހޭ ކަންކަން ފެންނަނަމަ އެހެން މީހުން ކުށްވެރިކުރުމުގެ ކުރިން ތިމާއަށް އެންމެ ކުޑަމިނުން މިދުޢާކުރެވޭ މިންވަރާއިމެދު ވިސްނައިލުން ބުއްދިވެރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
އަނބިދަރިންގެ ކިބައިން ތިމާ ނުރުހޭ ކަންކަން ފެންނަނަމަ އެހެން މީހުން ކުށްވެރިކުރުމުގެ ކުރިން ތިމާއަށް އެންމެ ކުޑަމިނުން މިދުޢާކުރެވޭ މިންވަރާއިމެދު ވިސްނައިލުން ބުއްދިވެރި!

މީސްތަކުންގެ ތެރޭގައި ގިނައީ ވާހަކަ ގިނަ މީހުންނާއި ޝަކުވާކުރުން ގިނަ މީހުންނެވެ. މި ދެ ކަންތަކަށް ބެލިނަމަވެސް މިއިން އެއްވެސް ކަމަކީ އެއްވެސް ކަމެއް ޙައްލުކުރެވޭނެ ސަބަބެއް ނޫނެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހަކަށް ކުރިމަތިވާ ކަންކަން ޙައްލުކުރަން އެދޭނަމަ ޙައްލުކުރެވޭނެ ސަބަބުތަކުގައި ހިފަން އެބަޖެހެއެވެ.

ކަންކަން ކުރިމަތިވުމުން ގިނަ ބައަކަށް އަވަސްވެ ގަނެވެނީ ކޮންމެވެސް މީހަކު ކުށްވެރިކުރުމަށެވެ. ސުވާލަކީ ކިތަންމެ ވަރަކަށް މީހަކު ކުށްވެރިކޮށް ވާހަކަދެއްކިޔަސް އެކަމުން ތިބާގެ ދިރިއުޅުމަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ފައިދާކުރާނީ ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކޮށްގެން ނޫންހެއްޔެވެ؟

އަހަރެމެންގެ ތެރެއިން ގިނަ ޢަދަދެއްގެ މައިންބަފައިން، ބެލެނިވެރިން، އެންމެ ބޮޑަށް ކަންބޮޑުވާ އެއްކަމަކީ އެމީހުންގެ ދަރިން މަސްތުވާތަކެތީގައި ޖެހުން، ނުވަތަ އަންހެންދަރިން ޢާއިލާގެ ޢަބުރާއި ޢިއްޒަތް ގެއްލޭފަދަ ކަންކަން ކުރުމެވެ. ސުވާލަކީ އެކަންކަން ހުއްޓުވަން ނުވަތަ ދަރިންނަކީ އެފަދަ ކަންކަން ނުކުރާބައަކަށް ހެދުމަށް ތިބާކުރަނީ ކޮންކަމެއް ހެއްޔެވެ؟

އެކަންކަން އެހެން އެވަނީ ބެލެނިވެރިންގެ ނުވަތަ މައިންބަފައިންގެ ސަބަބުން ކަމަށްބުނެފިނަމަ ޤަބޫލެއް ނުކުރާނެއެވެ. ރުޅިވެސް އަންނާނެއެވެ. ނަމަވެސް ބުނަން އޮތީ އެކަމުގައި އެންމެ ބޮޑީ ބެލެނިވެރިންނާއި މައިންބަފައިންގެ ދައުރު ކަމަށެވެ. ފުރަތަމަ ކަމަކީ ތިމާމެންގެ އަޚްލާޤެވެ. އަޅުކަމާއި ދުރުހެލިވެވޭ މިންވަރެވެ! ދެވަނަ ކަމަކީ ކުރަންޖެހޭ ދުޢާތައް ނުކުރެވުމެވެ.

ނިކަން ބުނެބަލާށެވެ! ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ މިފަދަ ދުޢާކުރަނީ ކިތައް މީހުން ހެއްޔެވެ؟

رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا

"އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވަވަނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވަވާނދޭވެ!" (އަލްފުރްޤާން: 74)

މީސްތަކުންނޭވެ! ފުރަތަމަ ތިމާމެން ތަޤްވާވެރިވެ ނަމޫނާ ދައްކާށެވެ! ރިވެތި އަޚްލާޤަށް ޢަމަލުކުރުމުގެ ނަމޫނާ ދައްކާށެވެ! އެއާއިއެކު ﷲ ތަޢާލާއަށް ދުޢާކުރަމުން ގެންދާށެވެ! އަނބިންނާއި ދަރިންނަކީ ލޮލަށް ފިނިކަން ލިބިދޭ ބައަކު ކަމުގައި ލައްވަވައިދެއްވަވާނެތެވެ!

ވީމާ އަނބިދަރިންގެ ކިބައިން އުފާ ހޯދަން ކުރަންޖެހޭ މައިގަނޑު 2 ކަމަކީ، ދިރިއުޅުމާއި އަޅުވެރިކަމުގައި ތިމާ ނަމޫނާ ދެއްކުމާއި ދުޢާކުރުމެވެ. މައްސަލަތައް ކުރިމަތިވާނަމަ މި 2 ކަންތައް ތިމާއަށް ކުރެވޭ މިންވަރާއިމެދު ވިސްނައި ކަންކަން އިޞްލާޙްކޮށްލާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން