ﷲ ސުބުހާނަހޫ ވަތަޢާލާ އީ އަދުލުވެރި ރަސްކަލާނގެއެވެ. އެކަލާނގެ މިންވަރުކުރައްވާފައިވާ ކޮންމެ ކަމެއްގައިވެސް، އެއީ ލިބޭ އުފަލަކަށް ވިޔަސް ނުވަތަ ދެރަޔަކަށް ވިޔަސް، އެކަލާނގެ ޙިކުމަތް ފެންނަން އޮވެއެވެ. އަޅުގަނޑުމެން ކުރާ ކުށްފާފަތަކަށް ޖަޒާ ދެއްވުން އެކަލާނގެ ވަނީ އާޚިރަތަށް ފަސްކުރައްވާފައެވެ. ނަމަވެސް، ބައެއް ފާފަތަކަށް އަވަސްކުރައްވަވައި ދުނިޔޭގައިވެސް ޢަޛާބް ދެއްވަވާކަން ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތަކުން އެނގިބަޔާންވެއެވެ.
އެފަދަ ފާފަތަކުން ދުރުހެލިވުމަށް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. ދުނިޔޭގައި ﷲ ސުބުހާނަހޫ ވަތަޢާލާ ޢަޛާބު ދެއްވަވާ ތިން ފާފައެއްވެއެވެ.
1: މައިންބަފައިންނަށް ނުކިޔަމަންތެރިވުން:
އިސްލާމްދީނުގައި މައިންބަފައިންނަށް އިޙްތިރާމްކޮށް، ހެޔޮކޮށްހިތުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. އެބޭފުޅުންނަށް ހެޔޮކޮށް ހިތުމަކީ ﷲ ތަޢާލާގެ ރުއްސެވުން ލިބޭނެ ކަމެކެވެ. އެހެންކަމުން، މައިންބަފައިންނަށް ނުކިޔަމަންތެރިވެ އަދި އެބޭފުޅުންނަށް ދުއްތުރާކޮށް، އެއްޗެހި ކިއުމަކީ ވަރަށް ބޮޑު ކުށެކެވެ.
އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުމަކީވެސް ދުނިޔޭގައި ޢަޛާބު އަވަސްކުރައްވާނެ ކަމެއް ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. ކިޔަމަންނުވާ ދަރިންނަށް ދުނިޔެމަތީގައި ހަމަޖެހުމެއް ނުލިބުމާއި، ބަރަކާތް ނެތިގެން ދިއުމާއި، އެމީހުންގެ އަމިއްލަ ދަރިންގެ ފަރާތުންވެސް ހަމަ އެފަދަ ކަންތައްތަކާ ކުރިމަތިލާންޖެހުމަކީ މިފަދަ އަދަބުތަކުގެ ތެރޭގައި ހިމނޭ ކަންކަމެވެ.
2 އަނިޔާވެރިވުން:
އިސްލާމްދީނަކީ އަބަދުވެސް އެކަކު އަނެކަކަށް އަޅާލާ އޯގާތެރިވެ އެހީތެރިވުމަށް ލޯބިކުރާ ދީނެކެވެ. ﷲ ތަޢާލާގެ އަޅުތަކުންނަށް އަނިޔާވެރިވުމަކީ އެކަލާނގެ އެއްގޮތަކަށްވެސް ރުހިވޮޑިނުގަންނަވާ ކަމެކެވެ.
ތާރީޚުންވެސް އެނގެން އޮތް ގޮތުގައި، އަނިޔާވެރިވި ރަސްރަސްކަލުންނާއި ބާރުގަދަ މީހުންނަށް ދުނިޔޭގައިވެސް ވަނީ ވަރަށް ބޮޑެތި އަދަބުތައް ލިބިފައެވެ. އެބައިމީހުންގެ ވެރިކަން ގެއްލި، ނިކަމެތިވެ، އަދި ބައެއް ފަހަރު ވަރަށް ނުބައި ގޮތްގޮތަށް ދުނިޔެ ދޫކުރަން ވަނީ ޖެހިފައެވެ.
3 ގާތްތިމާގެ ގުޅުން ކެނޑުން:
އިސްލާމްދީނުގައި ގާތްތިމާގެ ގުޅުން ބަދަހިކޮށް، އެބައިމީހުންނަށް ހެޔޮކޮށް ހިތުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. ރަސޫލާ صلى الله عليه وسلم ގެ ހަދީޘްފުޅެއްގެ މާނައިގައިވެއެވެ:
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم " الرَّحِمُ مُعَلَّقَةٌ بِالْعَرْشِ تَقُولُ مَنْ وَصَلَنِي وَصَلَهُ اللَّهُ وَمَنْ قَطَعَنِي قَطَعَهُ اللَّهُ " .
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: "ރަޙިމް ވަނީ ޢަރުޝީގައި އެލުވިގެންނެވެ. އަދި އެ އަރުޝި ބުނެއެވެ. ތިމަން ގުޅުވައިފި މީހާ ﷲ ގުޅުއްވާނެތެވެ. އަދި ތިމަން ކަނޑައިފި މީހާ ﷲ ކަނޑުއްވަވާނެތެވެ".
ޞަޙީޙް މުސްލިމް: 2555
ގާތްތިމާގެ ކަމުގެ ގުޅުން ކެނޑުމުގެ ސަބަބުން ދުނިޔެމަތީގެ ދިރިއުޅުމުގައި ބަރަކާތް ކުޑަވެ، ރިޒުޤު ހަނިވެ، އުމުރުގެ ބަރަކާތް ކެނޑިގެންދާކަމަށް ދީނީ ނައްޞުތަކުން އެނގެއެވެ. މީގެ އިތުރުން، އެފަދަ މީހުންނަށް މުޖުތަމަޢުން އެހީތެރިކަމާއި އެކުވެރިކަން ލިބުން ދަތިވެ، އެކަނިވެރިކަމުގެ ތެރޭގައި ދިރިއުޅުން ޖެހިދާނެއެވެ.
ކުރުގޮތަކަށް ދަންނަވާނަމަ، ދުނިޔޭގައި އަދަބު ލިބޭ މިފަދަ ފާފަތަކަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާ ހަނދާންކޮށްދިނުމެކެވެ. އެކަލާނގެ އަދުލުވެރިކަމާއި، ކުށްތަކުގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަށް އަންގަވައިދެއްވައެވެ. މިފަދަ ފާފަތަކުން ދުރުވެ، މާތް ﷲގެ ޙަޟްރަތަށް ތައުބާވެ، ޞާލިޙު ޢަމަލުތައް ގިނަ ކުރުމަށް އަބަދުވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެނީ ﷲ ތަޢާލާގެ އަދަބު އެކަލާނގެ ފިއްލަވައިފިނަމަ ނޫނީ ނުފިލާނެއެވެ. އަދި އެކަލާނގެ އަޅުތަކުންނަށް އެއްވެސް އަނިޔާއެއް ނުކުރައްވަވާނެތެވެ.
- މަޢުލޫމާތު: ޝައިޚް ޢާޒިމް ޚާލިދު