"ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅާއިމެދު ވިސްނާނަމަ ވަކިން ޚާއްޞަ ކަމަކީ މިވެނި ކަމެއް ކަމަށް ބުނަން ވަރަށް އުނދަގުލެވެ. އެހެނީ ފުންކޮށް ވިސްނާލައިފިނަމަ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގެ ކޮންމެ ކަމަކީވެސް ވަރަށް އަގުހުރި ފިލާވަޅެކެވެ.
އެހެންކަމާއިއެކުވެސް އަހުރެންނަށް ވަރަށް ޚާއްޞަކަމެއް ދެވޭ ޙަދީޘްބަސްފުޅެއް އޮވެއެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުންމަތާއިމެދު ދެއްވަވާފައިވާ ސަމާލުކަން ބޮޑުކަމެވެ. އެކަން އަހުރެންނަށް އެންމެ ބޮޑަށް ފާހަގަކުރެވޭ ޙަދީޘްބަސްފުޅުގެ ވާހަކަ ފާހަގަކޮށްލާނަމެވެ.
އެ ޙަދީޘްފުޅަކީ މިއަދުގެ މުސްލިމުންނާއި އަދި ކުރިއަށް އޮތްތަނުގައި އަންނަން ތިބި މުސްލިމުންވެސް ފަޚުވެރިވާންޖެހޭނެ ޙަދީޘްފުޅެކެވެ. އެ ޙަދީޘްފުޅަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚުންނަކީ އިތުރު ޞާހިބާގެ ޙަޔާތްޕުޅުގައި ބައްދަލުވެވަޑައި ނުގަންނަވާ، ފަހުން އަންނަން ތިބި މުސްލިމުން ކަމުގައި ކުރެއްވެވި ޙަދީޘްފުޅެވެ.
އެ ޙަދީޘްފުޅުން އެނގިގެންދަނީ އެކުގައި އަރިއަހުގައި އަބަދު އުޅުއްވެވި ޞަޙާބީންނަށްވުރެވެސް ބޮޑަށް ފަހުން ދުނިޔޭގައި އުޅޭނެ މުސްލިމުންދެކެ ލޯބިފުޅުވެ ވަޑައިގެންނެވި ކަމާއި ފަހުން އުޅޭނެ މުސްލިމުންނަށް ސަމާލުކަން ދެއްވެވި މިންވަރެވެ. މިއީ އަހުރެންގެ އަމިއްލަ ވިސްނުމެވެ. އަހުރެންނަށް މިޙަދީޘްފުޅު މާނަކުރެވޭ ގޮތެވެ."
މިއީ އަލަށް އިސްލާމްވި އަންހެނަކު އަހުރެމެންގެ ލިބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއިމެދު ބުނެފައިވާ ބަސްކޮޅެކެވެ. މިހުރީ އަލަށް އިސްލާމްވާ މީހުންގެ ވިސްނުންހުރިގޮތެވެ.
ސުވާލަކީ މިފަދަ ހެޔޮ ވިސްނުން އަހުރެމެންނަށް ލިބޭނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ؟ ނުލިބޭ ސަބަބަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަޔާތްޕުޅާއިމެދު ވިސްނައި ދިރާސާ ނުކުރެވޭކަން ނޫން ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން