އެކުގައި މަސައްކަތްކުރިޔަސް މިހާރު މިއޮންނަނީ ޙަސަދަވެރިކަމެވެ. ދަތިޙާލުގައި ހުރި މީހަކަށް އެއްޗެއް ލިބިއްޖެނަމަ އެކަމަށް އުފާކުރުމުގެ ބަދަލުގައި އެކަންވެސް ހަދަނީ ބޮޑު މައްސަލައަކަށެވެ. ޙަސަދަވެރިކަމަކީ އެންމެ ނުބައި ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ނަމަވެސް ހިތްތައް މިއަދު ފުރިފައިމިވަނީ ޙަސަދަވެރިކަމުންނެވެ.
އެހެންވެ މިގެނެސްދެނީ ވިސްނައިލުމުން ފައިދާކުރާނެ ޢިބްރަތްތެރި ޙާދިށާއެއްގެ ވާހަކައެކެވެ.
އެއީ ކުންފުންޏެއްގެ ދެ ޙިއްޞާދާރުންނެވެ. އެއް ޙިއްޞާދާރަކަށް ލިބެނީ ޝަކުވާއެކެވެ. ކުނިކަހާ ސާފުކުރާ އަންހެނެއްގެ މުސާރަ 3 ގުނަ އިތުރަށް ދިންކަމަށެވެ. އަދި އެކަންކޮށްފައިވަނީ އަނެއް ޙިއްޞާދާރުގެ އަމުރަކަށް ކަމަށެވެ. ޝަކުވާގައިވާ ގޮތުން އެޙިއްޞާދާރު އުޅެނީ އެއަންހެން މީހާގެ ހުރި ވަރަށް ރީތި އަންހެންދަރިއަކު ބޭނުންވެގެންނެވެ.
ޝަކުވާ ލިބުމުން މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "އޭނާ ދިރިއުޅޭ ދަތިޙާލު އެނގުމުން އަހުރެން އޭނާއަށް ހަމްދަރުދީވީއެވެ. އޭނާއަކީ ޞަދަޤާތްވެސް ޤަބޫލުކުރާ އަންހެނެއް ނޫނެވެ. އެއްޗެއް ދެވޭނީ މުސާރަކަމަށް ހަދައިގެން ކަމަށްވީމާ ދިނީއެވެ. އެކަމަކު ޗެކްކޮށްލާށެވެ! އިތުރުކުރި ފައިސާ އަހުރެން ވާނީ އަހުރެންގެ އަމިއްލަ ފައިސާއިން ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައެވެ. ވީމާ އިތުރަށް ދީފައި އެވަނީ އަހުރެންގެ އަމިއްލަ ފައިސާއެވެ. އެއީ އަހުރެންކުރި ޞަދަޤާތެކެވެ."
އަދިވެސް ބުންޏެވެ. "އަހުރެން ކުރިކަމަކާ އަހުރެންނާ ސުވާލުނުކޮށް އެކަން މައްސަލައަކަށް ހެދި މުވައްޒިފުންނަށް ފިޔަވަޅު އަޅަންޖެހެއެވެ. އެއީ ފިތުނައެއް އުފައްދަން މަސައްކަތްކުރީތީއެވެ. ނޫންނަމަ ފުރަތަމަ ޖެހޭނީ އަހުރެންނާއި ސުވާލުކުރަންތާއެވެ!"
ޙިއްޞާދާރުގެ ވާހަކަ އަޑުއިވުމުން އަނެއް ޙިއްޞާދާރު ބުންޏެވެ. "ކަލޭ ހެޔޮ ޢަމަލުކުރުމުގަ އަހުރެންނަށްވުރެ ކުރިއެރީތާއެވެ. އަހުރެންނަށް ފެންނަ ގޮތެއް ބުނެފާނަމެވެ. ކުންފުނީގެ ޞަދަޤާތު ފަންޑުން ނަގައި ރަނގަޅު ޢަދަދެއް އެނިކަމެތި މީހާއަށް ދެމާ ހިނގާށެވެ. އޭނާ ގެނެސް ރަނގަޅަށް ވިސްނައިދީފައި ދިނީމާ ހިފާނެއެވެ. ދެން އެކަން ސިއްރުކުރާނީއެވެ. ހަދާނެ ގޮތަކީ ނަޤުދު ފައިސާ ނަގާފައި އެހެން މުވައްޒިފުންނަށް ސިއްރުން ދޭނީއެވެ. އެހެން ނޫނީ އަނެއްކާވެސް މުވައްޒިފުންގެ މެދުގައި އުފެދޭނީ އިތުރު ފިތުނައެވެ."
ދެ ޙިއްޞާދާރުން އެއްބަސްވެ އެއަންހެން މީހާއަށް 50،000 ރުފިޔާގެ އެހީއެއް ދިނެވެ. ޝަކުވާކުރި މުވައްޒިފުން ގެނެސް ނަޞީޙަތާއި އިންޒާރު ދިނެވެ.
ނިކަން ވިސްނައިލަބަލާށެވެ! އެންމެ 8000 ރުފިޔާ އިތުރަށް ދީގެން ޙަސަދަވެރިވެ ކުރި ޝަކުވާގެ ސަބަބުން އެނިކަމެތި މީހާއަށް އެލިބުނީ ބައިލައްކަ ރުފިޔާއެވެ. ވިސްނައިފި މީހަކަށް ކޮންފަދަ ބޮޑު ޢިބްރަތެއް ހެއްޔެވެ؟