އެންމެ ބޮޑު މައްސަލައަކަށްވެގެން މިއުޅެނީ ސުވަރުގެ ވަންނަން ބޭނުންވުމުގެ އިތުރުން ސުވަރުގެ އިން ތިމާ އެންމެ ލޯބިވީ މީހާއާއި ބައްދަލުނުވެދާނެތީ ކަންބޮޑުވާ މައްސަލައެވެ. މިއީ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
އަހުރެންނާއި ބައްދަލުކުރި އަންހެނުންތަކަކާއި ވާހަކަދައްކަމުން ސުވާލުކުރީމެވެ. "ކަލޭމެން އެންމެ ކުޑަމިނުން ފަތިސް ނަމާދުކުރަމު ހެއްޔެވެ؟" އެމީހުން ބުނީ ފަތިހު ނުހޭލެވޭ ކަމަށެވެ. އަހުރެން ވަކި ބަހެއް ނުބުނަމެވެ.
ޥާހަކަދައްކަމުންގޮސް ބޮޑު ތަނެއްގައި ޖެހިއްޖެއެވެ. މިބުނީ މަޝްހޫރު ބޮޑު ސުވާލެއް ކުރި ވާހަކައެވެ. "އަހުރެމެންނަށް ސުވަރުގޭގައި އަހުރެމެން އެންމެ ލޯބިވާ މީހާ ލިބޭނެ ހެއްޔެވެ؟"
ޖަވާބުގައި ބުނީމެވެ. "އެކުވެރިންނޭވެ! ސުވަރުގެއިން ތިއަ ބުނާ އެންމެ ލޯބިވާ މީހަކާއި ބައްދަލުކުރެވޭނެތޯ ސުވާލު އުފުއްދުމުމެ ކުރިން ތިމާއަށް ސުވާލުގެ ވަދެވޭނެ ކަމާއިމެދު އަމިއްލަ ނަފްސާއި ސުވާލުކުރަންވީ ނޫންހެއްޔެވެ؟"
އެސުވާލުކުރުމުން އެމީހުން ހިތްހަމައެއް ނުޖެހުނެވެ. ބުނީ އަހުރެންގެ ޖަވާބު ވާންޖެހޭނީ އެމީހުންނަށް އުންމީދީ ޖަވާބަކަށް ކަމަށެވެ. އެވާހަކައަށް އަހުރެން ބުނީމެވެ. "ބަލަ މިދިނީ ކިހައި ބޮޑު އުންމީދެއް ހެއްޔެވެ؟ ދެންވެސް ފުރަތަމަ ކަމަކަށް އަވަހަށް ހޭލައި ކޮންމެ ރެއަކު ފަތިސްނަމާދުކުރަން ފަށައި ސުވަރުގެ ވަދެވޭތޯ މަސައްކަތްކުރަން ފަށަންވީނޫންހެއްޔެވެ؟
ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ސުވަރުގެ ވައްދަވާ ބައަކު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ! އަހުރެންނަށް އެނގެން އޮތް ގޮތުން ފަތިސްނަމާދުން ދުވަސް ނުފަށައި ކަންނެތްވެ ނިދަންއޮވެ، ފަރުޟު ނަމާދުތަކަށް ރައްކައުތެރިނުވާ މީހަކުނަމަ ފުރަތަމަ ސުވާލާ ހަމައިން އެމީހަކު ފޭލްވާނެއެވެ.
ފޭލްވެއްޖެ ނަމަ ސުވަރުގެ ވަދެވޭނީ ކިހިނަކުން ހެއްޔެވެ؟ ސުވަރުގެ ނުވަދެވި ތިއަބުނާ އެންމެ ލޯބިވާ މީހަކާއި ސުވަރުގެއިން ބައްދަލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟"
އިން ޝާ ﷲ އެމީހުންނަށް ހެޔޮ ވިސްނުން ލިބުނެވެ. ނުކުމެގެންދިއައީ ފަތިސްނަމާދަށާއި އެހެން ހުރިހާ ނަމާދުތަކަށް ޚާއްޞަ ސަމާލުކަމެއް ދޭނެ ކަމަށް ވަޢުދުވެ އެކަމަށް ޢަޒުމް ކަނޑައަޅައިގެންނެވެ.
އަހުރެންގެ ދުޢާއަކީ މިވާހަކަތަކުން އެންމެންވެސް އެންމެންނަށްވެސް ޢިބްރަތް ޙާޞިލްވުމެވެ. އާމީން
- މުފްތީ މެންކުގެ ދަރުސަކުން