މުސްލިމަކު ކޮންމެ ކަމަކަށް އެދިގެން ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ދެންނެވިނަމަވެސް ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަމެއް ވެއެވެ. ހުރިހާ މައްސަލަތަކާއި ދަތިތަކާއި މިހެންގޮސް މީހާއަށް ކަންބޮޑުވާންޖެހޭ ހުރިހާ ކަންކަމުގެ ޙައްލުވަނީ އެޢަމަލުގައެވެ. ވީމާ އެ ޢަމަލާއިމެދު ކުޑަކޮށް ވިސްނަލަމާހިނގާށެވެ!
އެއްވެސް މީހަކީ މަރުވުމަށް އެދޭނެ މީހެއްކަމަށް ނުވެދާނެއެވެ. އަދި ވީހައި ގިނަ ދުވަހު ދުނިޔޭގައި ހުންނަން ބޭނުންވެސްވާނެ މީހެކެވެ. ނަމަވެސް ކޮންމެ މުސްލިމަކީވެސް މަރުވާނެކަން ޤަބޫލުކުރާ މީހެކެވެ. އަދި މަރުވުމަށްފަހު ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭނެ މީހެއްކަމާއި ބައްދަލުކުރަންޖެހޭނެ ކަމާއި ޖަވާބުދާރީވާންޖެހޭނެކަން ޤަބޫލުކުރާ މީހެކެވެ.
ކަން މިހެން އޮތްއިރު ކޮންމެ މުސްލިމަކުވެސް އުންމީދުކުރާނީ މަރުވުމަށްފަހު އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމަށެވެ. "އަހަރެން ދުނިޔޭގައި މިއުޅެނީ ﷲ ތަޢަލާ އެންގެވިގޮތަށެވެ. ކުރެވުނު ހައި ގިނައިން އަޅުކަން ކުރަމެވެ. ﷲ ތަޢާލާ އާއި އަހުރެން ބައްދަލުވާހިނދު އަހުރެންގެ ކުށްތަކަށް އެކަލާނގެ ޢަފޫކުރައްވަވައި ދެއްވަވާނެތެވެ.!"
މިފަދަ އުންމީދުތައް ކުރުމަށް ފުރަތަމަ ކަމަކަށް އޮތީ ތިމާކުރާ ނަމާދުތަކަށް ރައްކައުތެރިވުމެވެ. ނަމާދު ޤާއިމުކުރާމީހަކަށްވުމެވެ. ނަމާދު ޤާއިމުކުރުމަކީ އެންމެ ނަމާދެއްވެސް ދޫނުކޮށް ޤަވާއިދުން ނަމާދުކުރަމުން ގެންދިއުމެވެ. އަދި ނަމާދުކުރެވުމަކީ ޚުޝޫޢަތްތެރިކަމާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ މަގުން ނަމާދު ކުރުމެވެ. އަދި މިބުނި މަގުން ނަމާދުކުރުމުގައި ސާބިތުވެ ހުންނަ މީހަކަށް ﷲ ތަޢާލާ އެތައް ކަމަކަށް މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ.
ނަމާދު އެޅުމަށް އޮތީ އެންމެ ދެ ޢުޒުރެކެވެ. އެއީ ނަމާދުވަގުތުވަދެ ފާއިތުވެގެންދާއިރު ނިދިފައި އޮތުމާއި ހަނދާންނެތުމެވެ. ނިދުނު މީހާއަށްވެސް އަދި ހަނދާންނެތުނު މީހާއަށްވެސް އޮތީ ވީހައި އަވަހަކަށް ނަމާދުކުރުމެވެ. ހޭލެވުމާއިއެކު އަދި ހަނދާންވުމާއިއެކު ނަމާދުކުރުމެވެ.
ﷲ ތަޢާލާގެ ރަޙްމަތަށް އެދެންވެސް އަދި ފާފަތައް ފުއްސަވައިދެއްވެވުމަށް އެދެންވެސް ކުރަންޖެހޭ ފުރަތަމަ ކަމަކީ ނަމާދު ޤާއިމުކުރުމެވެ. އެހެނީ ފުރަތަމަކަމަކަށް އޮތީ ތިމާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިއަކުކަން ޢަމަލުން ދެއްކުމެވެ. އެކަން ހާމަކުރަން ފުރަތަމަކަމަށް ކުރަންޖެހޭކަމަކީ ނަމާދުތައް ބަރާބަރަށް ކުރަމުން ގެންދިއުމެވެ. "ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިކަމާއިއެކު ނަމާދު ޤާއިމުކުރާ މީހުންނާއިއެކުގައި"ކަމަށް އޮތް ވަޙީ ބަސްފުޅުގައި ހިމެނޭ މީހަކުކަމުގައި ވެވޭނީ ނަމާދު ޤާއިމުރުމުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން