ކޮންމެ ފަރުޟް ނަމާދެއްގެ ބަންގިއާއި ޤަމަތާއި ދެމެދުގައި އެމީހަކު ބޭނުންނަމަ ސުންނަތުގެ 2 ރަކްޢަތް ކުރެވޭނެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ސުންނަތް ނަމާދުތައް ކުރުމުގައި ފިރިހެނުންނާއި އަންހެނުންގެ މެދުގައިވެސް އެއްވެސް ތަފާތެއް ނެތެވެ.
ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ކޮންމެ ބަންގިއަކާއި ޤަމަތް ދިނުމާއި ދެމެދުގައި ސުންނަތުގެ 2 ރަކްޢަތް ކުރުމްކީ މުސްތަޙައްބު ކަމެކެވެ. އެކަމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއްވެސް ތަފާތެއް ނެތެވެ. އަމްހެނުންނަށްވެސް އަދި ފިރިހެނުންނަށްވެސް އޮތީ ވީހާ ގިނަ ސަޖިދަ ކުރަން މަސައްކަތްކުރުމެވެ. އެކަމަށް ދެއްވަވާ ދަރަޖަ ކިތަންމެހައިވެސް މަތިވެރިއެވެ.
އެހެނީ ވީހާގިނަ ސަޖިދަކުރުމަކީ ޤިޔާމަތް ދުވަހު ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވުމަށް ކުރަން ކަމެއްކަން ޙަދީޘްފުޅުން އެނގެން އެބަ އޮތެވެ.
ވީހާ ގިނަ ސަޖިދަކޮށް ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެންމެ އަރިއަހުގައި ވަމުމަށް މަސައްކަތް ކުރަމާތޯއެވެ؟
It was narrated that ‘Abdullah ibn Mughaffal (may Allah be pleased with him) said: The Prophet (blessings and peace of Allah be upon him) said: “Between each two calls there is a prayer, between each two calls there is a prayer, between each two calls there is a prayer,” then the third time he said: “For whoever wishes.”
Narrated by al-Bukhaari (627) and Muslim (838).
ތަކުރާރުކޮށްލާނަމެވެ. ކޮންމެ ފަރުޟް ނަމާދެއްގެ ބަންގިއާއި ޤަމަތާއި ދެމެދުގައި އެމީހަކު ބޭނުންނަމަ ސުންނަތުގެ 2 ރަކްޢަތް ކުރެވޭނެއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ސުންނަތް ނަމާދުތައް ކުރުމުގައި ފިރިހެނުންނާއި އަންހެނުންގެ މެދުގައިވެސް އެއްވެސް ތަފާތެއް ނެތެވެ.
ދަލީލުލިބޭ ލިޔުމެއް:
މިކަން ހަނދުމަކޮށްލައިދޭން ޖެހެނީ ތިރީގައިވާ ލިޔުމުގައިވާ ކަންތައް ތަކުރާރުވަމުން އަންނަތަން ފެންނާތީއެވެ.
މިބުނަނީ މިހާރަކަށް އައިސް މިސްކިތުގެ ޖަމާޢަތުން ފެންނަ ކަމެއްގެ ވާހަކައެވެ. ޢިޝާ ނަމާދަށް ބަންގިގޮވުމުން ބައެއް މީހުން ފަދައިން އިހު ސުންނަތެއް ނުކުރެއެވެ. އެއީ ކުރަން އޮތް ސުންނަތެއް ކަމަށް ޤަބޫލުނުކުރެވޭތީއެވެ. އެއީ އެމީހުން ޤަބޫލުކުރާ ގޮތް ކަމަށްވާތީ އެކަމަށް އެއްޗެއް ބުނާކަށް ނެތީމެވެ.
ސުވާލުކުރަން މިއުޅެނީ އެއީ ސުންނަތެއް ކަމަށް ޤަބޫލުނުކުރެވޭތީ އިހުސުންނަތް ނުކުރި މީހާ ކުރި ޢަމަލު ފެތެނީ ކޮން ގޮޅިއަކަށްތޯއެވެ؟ އަޅުގަނޑަށް ހުރެވުނީ އެގޮތަށް އިން މީހަކާ ޖެހިގެންނެވެ. ވީމާ ޤަޞްދުގައި ނުބެލި ނަމަވެސް އޭނާ އިށީޏދެއިނދެ ކުރި ކަންކަން ފެނުނެވެ.
ބަންގި ގޮވީންސުރެ އިމާމް ނަމާދަށް ޤަމާތް ދެންދެން އޭނާ ކުރިކަމަކީ ސޯޝަލް މީޑިއާގައި ޗެޓްކުރުމެވެ. ވީމާ ސުންނަތުގެ ދަރަޖަ މަތިވެރިކުރުމުގެ ގޮތުން އެބަސް މި ޖުމުލައިގައި ބޭނުންކުރާކަށް ނެތީމެވެ.
ކޮންމެ ނަމާދެއްގެވެސް ބަންގިއާއި ޤަމަތާއި ދެމެދަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެކެވެ. އޭނާ އެންމެ ކުޑަމިނުން ދުޢާއެއް ކޮށްނުލީ ހުރިހާ ބޭނުންތަކެއް ފުދި އިތުރުވެގެން ހުރީތީހެއްޔެވެ؟ ޛިކުރުކޮށް ނުލީ މާގިނައިން އަޅުކަން ކުރެވި ސުވަރުގެ ޔަޤީންކުރެވިފައި ހުރުމުން ހެއްޔެވެ؟
އަޅުގަނޑުގެ ދުޢާއަކީ އެންމެންނަށްވެސް ހެޔޮވިސްނުން މިންވަރުކުރެއްވެވުމެވެ. ބަންގިއާއި ޤަމަތްދިނުމާއި ދެމެދުގައިވާ ވަޤުތުކޮޅަކީ ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެކެވެ. ވީމާ އެވަޤުތުކޮޅުގެ ބާނުން އެންމެ ހެޔޮގޮތުގައި ހިފަމާތޯއެވެ؟
- މިއަދުނޫހުގެ ކިޔުންތެރިއެއް