އެހީއަށް އެދޭ ނިކަމެތިންނަށް ދޭ ޞަދަޤާތުންވެސް ވައްކަންކުރުން ގިނަވަނީ! އިންސާނިއްޔަތުކަންވެސް ނެތީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
އެހީއަށް އެދޭ ނިކަމެތިންނަށް ދޭ ޞަދަޤާތުންވެސް ވައްކަންކުރުން ގިނަވަނީ! އިންސާނިއްޔަތުކަންވެސް ނެތީތަ؟

އޭނާއަކީ އަމިއްލަ ވިޔަފާރިކުރާ މީހެކެވެ. ލިބޭ ފައިދާއިން ނިކަމެތިންނަށް ޞަދަޤާތްކުރުމަކީ އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއްކަންތަކެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ވެވެން އޮތް ވަރަކުން ނިކަމެތިންނަށް އެހީތެރިވެއެވެ. 

އެއްދުވަހަކު ލިބުނު ސިޓީއެއްގައި އޮތީ ދަރިފުޅުގެ ބޭސްފަރުވާއަށް ޢާސަންދަ ލިބި އެކަމަކު އިތުރު ޚަރަދުކުރާނެ ފައިސާ ނުލިބިގެން ނުފުރިފައިތިބި ވާހަކައެވެ. މެނޭޖަރު ގެނެސް 1000 ޑޮލަރު ދީފައި ބުންޏެވެ. "މިސިޓީ ލިޔުނު މީހާ ގެނެސް އަވަހަށް މި 1000 ޑޮލަރު އޭނާއާއި ޙަވާލުކުރާށެވެ. މިފައިސާ މިދެނީ އަހުރެންގެ އަމިއްލަ ފައިސާއިންނެވެ. ކުންފުނީގެ ފައިސާއަކުން ނޫނެވެ." 

ގަޑިއެއްހައިއިރު ފަހުން ބޭރަށް ނުކުމެ ހިނގައިގަތްތަނާ އަންހެނަކާއި ބައްދަލުވެ ވަރަށް އަދަބުވެރިކަމާއިއެކު ބުންޏެވެ. "އަޅުގަނޑަކީ ދަރިފުޅުގެ ބޭސްފަރުވާއަށް ނުފުރިގެން ސިޓީ ލިޔުނު އަންހެން މީހާއެވެ. 100 ޑޮލަރު ލިބިއްޖެއެވެ. އެވަރުވެސް ކޮށްދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ." އެއިރުވެސް އަންހެން މީހާއަށް ހުރީ ރޮވިފައެވެ. އެއީ އެންމެ 100 ޑޮލަރު ލިބިގެން ނުފުރޭނެތީއެވެ. 

ޙައިރާންވެފައި ލިބުނީ ހަމަ އެންމެ 100 ޑޮލަރުތޯ ސުވާލުކުރުމުން ދަބަހުން ނަގައި 100 ޑޮލަރު ދައްކައިލިއެވެ. ވެރިމީހާ އަންހެން މީހާ ގޮވައިގެން އެނބުރި އޭނާގެ އޮފީހަށް ވަދެފައި މެނޭޖަރު ގެނެސް މިވީ ގޮތަކާއިބެހޭ ގޮތުން ސުވާލުކުރުމުން މެނޭޖަރު ފުރަތަމަ އުޅުނީ ދޮގުހަދާށެވެ. ނަމަވެސް ވެރިމީހާ ރުޅިގަދަވެފައިހުރިވަރު ފެނުމުން މާފަށް އެދުނެވެ. 900 ޑޮލަރު ނެގީ ވަރަށް ދަތިޙާލުގައި ހުރި އޭނާގެ ތިމާގެ މީހަކަށްދޭން ކަމަށް ބުންޏެވެ.  

ވެރިމީހާ ބުނީ ފުރަތަމަ ކަމަކަށް އެ 900 ޑޮލަރު އަންހެން މީހާ އާއި ޙަވާލުކުރުމަށެވެ. ފައިސާ ޙަވާލުކުރުމުން ވެރިމީހާ އަންހެން މީހާއަށް ފޯނު ނަންބަރު ދީފައި ބުނީ އަވަހަށް ފުރުމަށެވެ. އިތުރަށް ކަމެއް ބޭނުންވިޔަސް މެސެޖެއް ކޮށްލުމަށެވެ.  

މެނޭޖަރަށް ބުންޏެވެ. "ކަލެއާ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. ޢާއިލާއިން ދަތިޙާލުގައި އުޅޭމީހަކަށް އެހީވާން 10000 ރުފިޔާ ދިންތާ އަދި މިވީ 3 ދަވަހެވެ. އެހެންވީމާ ތިއަހުރީ ވަޒީފާއިން ވަކިކޮށްފައެވެ. ލިޔުމެއް ބޭނުންވާނަމަ ސިޓީލާށެވެ! ވަކިކުރަންޖެހުނު ސަބަބު ބަޔާންކޮށް ޖަވާބުދޭނަމެވެ." އެއިގެ އިތުރުން ސެކެޓްރީ ގެނުވާފައި ބުންޏެވެ. "މީނާގެ ފޮޓޯއާއިއެކު ނޯޓިސް ބޯޑަށް އަރުވާށެވެ! ވައްކަންކޮށްގެން ވަޒީފާއިން ވަކިކުރި ކަމަށެވެ."  

މިހުރީ މިއަދު ކަންކަން ހިނގާގޮތެވެ. ނިކަމެތިންނަށް ދޭ ޞަދަޤާތުންވެސް ކުރަނީ ވައްކަމެވެ. މިހާލަތަށް ނުވެއްޓި ހަމަ ނުއުޅެވޭނީ ހެއްޔެވެ؟ މިކަހަ ކިތައް މެނޭޖަރުން ތިބޭނެބާވައެވެ!  

މިޙާދިސާއިން އެނގެނީ ނިކަމެތިންނަށް ދޭ ޞަދަޤާތް އެމީހުންނަށް ލިބޭކަން ޔަޤިންކުރަން ވެރިންނަށް ޖެހިފައިވާ ކަމެވެ. މީހަކަށް އިތުބާރުކޮށްގެން ފުއްދައިލެވެން ނެތް ކަމެވެ.

މިއަދު އޮންލައިން