ޙަސަދަވެރިންގެ އެސްފީނާއާ ޢަދާވާތްތެރިން ހަދާ ސިހުރުން ސަލާމަތްވެ ހުރެވުމުގެ އިތުރުން އެމީހުން ކުރާ ކަންކަން އެކަންކުރާ މީހުންނާ ދިމާއަށް އަނބުރުވައިލެވޭނެ ގޮތް-
އެންމެ ގާތް މީހުންގެ ތެރޭގައިވެސް ޙަސަދަވެރިން ތިބެ ގެއްލުންދޭން މަސައްކަތްކުރާ ބައަކު ތިބޭކަމީ އެންމެ ހިތާމަހުރި ކަންތަކެވެ. ޚާއްޞަކޮށް އެންމެ ގާތް އެކުވެރިން ކަމަށް ދެކެގެން އުޅޭ މީހުންނާއި ޢާއިލާގެ މީހުންވެސް އެއިގެ ތެރޭގައި ހިމެނޭކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
ސުވާލުގެ ޖަވާބު ތިރީގައިވާ ލިޔުމުން ލިބިލައްވާނެއެވެ. އިން ޝާ ﷲ
ކޮންމެ މީހެއްގެވެސް ޢަދާވާތްތެރިން ތިބޭނެއެވެ. ކޮންމެ ދުވަހަކީ އެމީހުންގެ ޙަމަލާތައް އަމާޒުވާނެ ދުވަހެކެވެ. އަހަރެމެންނަށް އޮތީ ދަހަނާއަޅައި ރައްކައުތެރިވެގެން ތިބުމެވެ. އެކަން ބަޔާންކުރައްވައި އިމާމް އިބްން ޤައްޔިމް (ރަޙިމަހުﷲ) ވިދާޅުވެފައިވެއެވެ.
"ހެނދުނާއި ހަވީރުގެ ޛިކުރުތަކުގެ މިސާލަކީ އައްޑަނައެއްގެ މިސާލެވެ. އައްޑަނަ ވަރުގަދަވި ވަރަކަށް ޖިސްމަށް ލިއްބައިދޭ ރައްކައުތެރިކަންވެސް ބޮޑުވާނެއެވެ. އަދި ބައެއް ފަހަރު އައްޑަނައިގެ ފުރިހަމަކަމުން ތީރު އުކި މީހާ އާ ދިމާއަށް އަނބުރާ ހަމަލާ އަންނަ ފަދަ އައްޑަނަ އަކަށްވެސް އެ އައްޑަނަ ވެދާނެއެވެ.!"
މިއީ ހަމަ ވަރަށް ޙިކުމަތްތެރި ބަސްފުޅެކެވެ. އިމާމު އެދެއްވާ މެސެޖަކީ ފުރިހަމައަށް ރައްކައުތެރިވެ ހުރުމަށް ކުރައްވާ އިލްތިމާސެވެ. ފުރިހަމައަށް ދެއިއރުގެ ޡިކުރުތައް ކިޔަވާ މީހާއަށް ޢަދާވާތްތެރިންގެ ޙަމަލާތަކުން މާތް ﷲ ވާގިފުޅާއިއެކު ސަލާމަތްވެހުރެވޭނެ ކަމާއި އެކަމުގައި ސާބިތުވެހުރެ ޤަވާއިދުން ޛިކުރުކުރާނަމަ ޙަމަލާދޭ ޢަދާވާތްތެރިޔާއަށް އޭނާދޭ ހަމަލާތައް އަނބުރައި ރައްދުވެގެން ދިއުމުގެ ފުރުޞަތުވެސް އެބައޮތްކަމުގެ މެސެޖެވެ.
ﷲ ތަޢާލާއަށް ޛިކުރުކޮށް ރައްކައުތެރިކަމަށް އެދުމަކީ ރައްކައުތެރިކަމަށް އެދިގެން ކުރެވޭ ދުޢާއެވެ. ދުޢާ ކުރުމުން ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަން ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.
وَقالَ رَبُّكُمُ اُدعُونِي أَستَجِب لَكُم
(ޣާފިރް: 60)
އަހަރެމެން ކޮންމެ މީހެއްގެ އެންމެގާތުގައާއި ވަށައިގެން ވެސް މިވަނީ ޢަދާވާތްތެރިންނެވެ. ހަސަދަވެރިންނެވެ. ކެނޑިނޭޅި އެގެންދަނީ ގެއްލުންދޭން މަސައްކަތްކުރަމުންނެވެ. ދުރުގައި ތިބޭ މީހުން އެކަންޏެއް ނޫނެވެ. އެންމެ ގާތް އެކުވެރިންގެ ގޮތުގައި އެންމެ ކައިރީގައި ތިބެގެންވެސްމެއެވެ. ތިމާގެ އަމިއްލަ ޢާއިލާގެ ތެރެއިންވެސްމެއެވެ. ތިމާ ދިރިއުޅޭގޭތެރެއިންވެސްމެއެވެ.
އެކަންކަން އެންމެންނަށްވެސް ޤަބޫލުކުރެވެއެވެ. ވީމާ އޮތީ ދިފާޢުވާން މަސައްކަތްކުރުމެވެ. އެކަމަށް އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ ޛިކުރުކުރުމެވެ. ހެނދުނާއި ހަވީރުގެ ޛިކްރްތައް ކިޔެވުން ގިނަ ކުރުމަކީ ތިމާއަށް ގެއްލުންދޭން ރާވާ، ނުވަތަ ހަސަދަވެރިވެގެން އުޅޭ މީހުން ކުރާ ނުބައި ކަންކަމާއި ހަސަދައާއި އެސްފީނާ އާއި ހަދާސިހުރާއި ރާވާ ނުބައި ރޭވުންތައް އަނބުރައި އެމީހުންނަށް ރައްދުކުރެވިގެން ހިނގައިދާނެ ކަމެކެވެ.
ޛިކްރްކުރުމަކީ ހަމައެކަނި އަމިއްލަ ހަށިގަނޑުގެ ދިފާޢުގައި ކުރަން އޮތް ކަމެއް ނޫނެވެ. ޛިކްރްކުރުމަކީ އެކަމުގެ ސަބަބުން ގިނަ ގުނަ ސަވާބާއި ދަރުމަ ދެއްވަވާނެ ކަމެކެވެ. ހެޔޮކަން އިންތިހާއަށް ބޮޑު އަމަލެކެވެ. ވީމާ ޛިކްރް ކުރުމަކީ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ ފައިދާ ބޮޑު އެއް އަމަލެވެ. ނަމަވެސް ހިތާމައަކީ ނަމާދުކުރާ މީހުންގެ ތެރެއިންވެސް މަދު މީހަކަށް ނޫނީ ޛިކްރްކޮށްލަން 10 ވަރަކަށް މިނިޓް މަޑުކޮށް ނުލެވޭ ކަމެވެ.
ޛިކްރް ކުރުމަށް ލޯބި ޖެހުމުން ޛިކްރްކުރުންމަތީގައި ދެމިހުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. އެހެނީ ޛިކްރްކުރުމަށް ކިޔަން ހުރި ކަލިމަ ތަކަކީ ވަރަށް ކުދިކުދި ދޫމައްޗަށް ވަރަށް ފަސޭހަ ބަސްތަކެކެވެ. އަބަދު ކިޔައި އުޅޭ ކަލިތަކެކެވެ. ކުރަން ޖެހޭ ހަމައެކަނި ކަމަކީ އެކަމަށް ޝައުޤްވެރިވުމެވެ. ޝައުޤްވެރިވެވިއްޖެނަމަ ކޮންމެ މަސައްކަތެއްގައި އުޅުނު ނަމަވެސް ޛިކްރްކުރުންމަތީގައި ދެމހުރުމަކީ ނުހަނު ފަސޭހަ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން