ވަޒީފާގަ ދުރުގަ ހުއްޓަސް ފުރުޞަތުލިބޭއިރަށް އަނބިމީހާގެ ގާތަށްދާންޖެހޭ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ވަޒީފާގަ ދުރުގަ ހުއްޓަސް ފުރުޞަތުލިބޭއިރަށް އަނބިމީހާގެ ގާތަށްދާންޖެހޭ ސަބަބު-

އަދާކުރާ ވަޒީފާގެ ގޮތުން ދެމަފިރިންނަށް ދުރުގައި ތިބެންޖެހުމަކީ ޢާންމު ކަމެކެވެ. އެޙާލަތުގައި ދެމަފިރިކަމުގެ ގުޅުިމެއް ނުހިންގޭނެއެވެ. އެޙާލަތުގައި އަނބިމީހާއަށް އޮތީ ކެތްތެރިވާން މަސައްކަތްކުރުމެވެ. އަދި ފިރިމިހާއަށްވެސް މެއެވެ.  

އެހެންކަމާއިއެކުގައިވެސް އެކި މީހުންނަށް ކެތްތެރިވެވޭނީ އެކިވަރަށެވެ. އެކަން ދަންނަންވާނެއެވެ. އަދި އަނބިމިހާއަށް އެއްބާރުލުން ދިނުމަކީ ފިރިމިހާއަށް ކުރަންޖެހޭނެ ކަމެކެވެ. މިކަން ފާހަގަކޮށްލަން މިޖެހުނީ ކިޔުންތެރިއަކު ކުރައްވާފައިވާ ސުވާލަކާއި ގުޅިގެންނެވެ.  

"އަޅުގަނޑުގެ ފިރިމީހާ މަސައްކަތްކުރަނީ ރިޒޯޓެއްގައެވެ. ރަށަށް އައުމުގެ ފުރުޞަތު ކޮންމެ 3 މަހަކުން ލިބެއެވެ. އެކަމަކު ބައެއް ފަހަރު ދަނީ އެކުވެރިންނާއިއެކު އެމީހުންދާ ތަނަކަށެވެ. އެހެންވެ އަޅުގަނޑަށް ވަރަށް ވޭން އަޅައެވެ. މިކަމުގައި އޮތީ ކޮން ގޮތެއްތޯ؟  

ތިރީގައި އެވަނީ ހަމަ ތިއަފަދަ ސުވާލެކެވެ. ސުވާލާއި ޖަވާބު ވިދާޅުވެލައްވާށެވެ!  

ހަތަރު މަހަށްވުރެ ގިނަދުވަހު އަނބިމީހާ އާއި ދުރުގައި ހުރުމަކީ ހުއްދަ ކަމަކަށް ނުވާއިރު، ވަޒީފާގެ ގޮތުން ހަތަރުމަސްވާއިރުވެސް އަނބިމީހާ ކައިރިއަށް ނުދެވޭނަމަ ހަދާނީ ކިހިނެއްތޯ؟ މިފަދަ ހާލަތްތަކުގައި އިސްކަންދޭންޖެހޭނީ ވަޒީފާއަށްތޯ ނުވަތަ އަނބިމީހާއަށްތޯ؟ 

މި ޙާލަތުގައި އަނބިމީހާގެ ހުއްދަ ހޯދަން ޖެހޭނެއެވެ. އަނބިމީހާއަށް އެހާ ގިނަދުވަހު ފިރިމީހާ އާއި ދުރުގައި ނުހުރެވޭނެ ކަމަށް ބުނެފިނަމަ އެހެން ވަޒީފާ އެއް ހޯދައިގެން ނަމަވެސް އަނިބިމީހާ އަށް އިއްފަތް ތެރި ކަމާއިއެކު ހުރެވޭނެ ގޮތް ހަދައި ދިނުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. والله أعلم. 

އިތުރު ސުވާލާ ޖަވާބު: 

އަޅުގަނޑު ހައިޞުވެ ރަގަޅު ވުމަށްފަހު 10 ދުވަސް ފަހުން އަނެއްކާ ލޭ ފެނިއްޖެއެވެ. ދެވަނަ ފަހަރަށް ލޭފެނުނުއިރު ކައިވެނިކުރުމަށް ވަނީ 03 ދުވަހަށް ވެފައެވެ. އަދި ކޯޓުން މައުލޫމާތުސާފުކޮށް ނިމިފައެވެ. އެހެންކަމުން ދެވެނަ ފަހަރަށް ފެނުނުލެޔަކީ ހައިޞުގެ ލޭކަމުގައި ބެލެވޭނެތޯއޭ؟ އަދި މިހާލަތުގައި ކައިވެނި ކުރުން ހުއްދަވާނެތޯ؟ 

ޙައިޟުގެ ދުވަސްވަރުގައި ކައިވެނި ކުރުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް ކައިވެނި ކުރިނަމަވެސް ޙައިޟުގެ ލޭ ކެނޑުމުގެ ކުރިން ޖިމާޢުވުން ހުއްދަވެގެން ނުވެއެވެ. ޖިމާޢު ނުވެ ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ. والله أعلم. 

މާބަނޑުމީހުންގެ ކުރިމަތި ފަރާތުން އަންނަ ދިޔާ އެއްޗެހީގެ ސަބަބުން ނަމާދު ކުރުން ހުއްދަވާނެތަ؟ އަދި ނަމާދު ކުރާ ކޮންމެ ގަޑިއަކު ފެންވަރައިގެން ނަމާދު ކުރަން ޖެހޭނެތަ؟ ފެން ނުވަރާ ވެސް ނަމާދު ޞައްޙަވާނެތަ؟ 

މާބަނޑު މީހެއްގެ ކުރިމަތީ ފަރާތުން ލޭއަތުވެއްޖެނަމަ އެވާނީ ހައިޟުގެ ލެޔަށެވެ. އެހެންނަމަ އެދުވަސްތަކުގައި ނަމާދު ދޫކޮށްލާނީ އެވެ. ނަމަވެސް ކުރިމަތީ ފަރާތުން ފެންފަދަ އެއްޗެއް އައުމަކުން ނަމާދު ދޫކޮށްލުމެއް ނެތެވެ. އަދި ފެންވެރުމެއްވެސް ނެތެވެ. އަދިކިއެއްތަ، ކުރިމަތީފަރާތް ރަގަޅަށް ސާފުކޮށް ބަންދުކޮށްލުމަށް ފަހުގައި ވުޟޫކޮށްގެން ނަމާދު ކުރަންވީއެވެ. والله أعلم. 

ހައިޟުވެ ރަނގަޅުވުމުން ހިނައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރަންޖެހޭނީ ކޮން ފަރުޟުނަމާދެއްތޯ. މިސާލަކަށް އަޞުރު ނަމާދާއި މަޣްރިބް ނަމާދާއި ދެމެދު ހިނައި ގަނެފިނަމަ ދެން އެންމެ ފުރަތަމަ ކުރާނީ ކޮންނަމާދެއްތޯއޭ؟

މި ޙާލަތުގައި ފުރަތަމަ ކުރަން ޖެހޭނީ ޢަޞްރު ނަމާދެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

މިއަދު އޮންލައިން