އަނެއްކާވެސް ޗުއްޓީއެއް ލިބެނީއެވެ! ޗުއްޓީ މިމަގުން ހޭދަކުރާނަމަ ދަރިފުޅަށް ފައިދާކުރާނެ! އިން ޝާ ﷲ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 21ސ
އަނެއްކާވެސް ޗުއްޓީއެއް ލިބެނީއެވެ! ޗުއްޓީ މިމަގުން ހޭދަކުރާނަމަ ދަރިފުޅަށް ފައިދާކުރާނެ! އިން ޝާ ﷲ

ދިރިއުޅުމުގެ ހަރަދު ބަރަދު ބޮޑުވުމާއި ގުޅިގެން އެންމެންވެސް އުޅެން ޖެހިފައިވަނީ ވަރަށް ބުރަ ކޮށްނެވެ. ހެނދުނު ވަޒީފާއަށް ދާ ގޮތަށް ގެއަށް އާދެވޭއިރު ގިނަ ފަހަރު ހުންނަނީ އިރުއޮށްސެފައެވެ. ދަރިންވެސް ސްކޫލް މަސައްކަތްތަކާއި އިތުރު ހަރަކާތްތައް ނިމޭއިރު ހުންނަނީ ވަރުބަލިވެފައެވެ. 

ހަފްތާ ބަންދާއި ދިމާކޮށް ކޮންމެ މާއްދާއަކުން އެހާ ގިނަ ފިލާވަޅުތައް ކުދިންނަށް ހަވާލު ކުރެރެއެވެ.  އަދި މިވަރުންވެސް ނުނިމެއެވެ. އެކި ޓިއުޝަން ކްލާސްތަކަށްވެސް ދަރިން ފޮނުވަން ޖެހެއެވެ. މި ހުރިހާ ކަމެއް ނިއްމާފަ މައިންބަފައިންނާއި ދަރިން އެއްކޮށް ހޭދަ ކޮށްލާނެ ވަގުތު ކޮޅެއް އޮންނަނީ ނުލިބެފައެވެ.

ދަރިންނަށް މި ލިބުނު ޗުއްޓީގައި ދަރިންނާއެކު ގިނަ ވަގުތު ހޭދަ ކުރުމަށް ކޮންމެ މަންމައަކާއި ބައްޕައަކުވެސް ވީވަރަކުން އެބަ މަސައްކަތް ކުރަން ޖެހެއެވެ. މި ލިޔުމުގައި ޗުއްޓީގައި ދަރިންނާއި އެކު ކުރެވިދާނެ ބައެއް ކަންކަން ގެނެސްދެވޭތޯ މަސައްކަތް ކޮށްލާނަމެވެ. 

ޗުއްޓީގައި ދަރިންނާއި އެކު ކުރެވިދާނެ ބައެއް ކަންކަން:

1. ގޭތެރޭ ބައެއް ކަންކަން ދަސްކޮށްދިނުން:

2. ހަމައެކަނި ސްކޫލުން ކިޔަވައިދޭ އެއްޗެހި ދަރިންނަށް ދަސްވީމަ ނިމުނީކަމަށް ދެކުމަކީ ގިނަ ބައިންބަފައިންނަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ދިރިއުޅުމުގެ ހުރިހާކަމަކީ ކިޔަވައިދޭ މަދަރުސާއިން ދަސްކުރާ ކަންކަމެއް ނޫނެވެ. ދަރިންގެ އުމުރާއި ގުޅޭ ގޮތުން އެކުދިންނަށް ގޭތެރޭ ބައެއް ކަންކަން ދަސްކޮށްދެން އެބަ ޖެހެއެވެ. މި ޗުއްޓީގައި ގޭތެރޭ މަސައްކަތް ކުރާއިރު ދަރިފުޅު ބައިވެރި ކޮށްގެން ކުރާށެވެ. މަންމަ ރޮށި ދަމާއިރު ފިހަން ދަރިފުޅާއި ހަވާލު ކޮށްލެވިދާނެއެވެ. ބައްޕަ މަސްކަނޑާއިރު އެކަމުގައި ދަރިފުޅު ބައިވެރި ކުރެވިދާނެއެވެ. ހަދާނުގައި ބަހައްޓަށްވީ ދަރިފުޅު އުމުރާއި ގުޅޭ ކަހަލަ ކަމެއް ދަރިފުޅާއި ހަވާލު ކުރުމަށެވެ. 

3. އާއިލީ ގޭގެއަށް ޒިޔާރަތް ކުރުން:

4. އާއިލީ ގުޅުން ދެމެހެއްޓުމަށް އަޅުގަނޑުމެންގެ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅައެވެ. ދަރިން ގޮވައިގެން އާއިލާ ގޭގެއަށް ދިއުމަކީ އެކަމުގައި ވަރަށް ފައިދާ ހުރި ކަމެކެވެ. ދަރިންނާއި އާއިލާގެ އެހެން މެންބަރުންގެ މެދުގައި ގުޅުން ރަނގަޅު ވެގެންދާނެއެވެ. އެންމެން އެއްކޮށް ވަގުތު ހޭދަ ކޮށްލުމުން ކުދިން ހިންހަމަޖެހި އުފާވާނެއެވެ. 

އާ ހުނަރެއް ދަސްކޮށްދިނުން: 

ދަރިން ޝައުގުވެރިވާ ކަހަލަ ކަންތައްތައް ބަލައި ދަރިންނަށް އައު ހުނަރެއް މި ޗުއްޓީގައި ދަސްކޮށްދެވިދާނެއެވެ. ފަންގި ވިނުން، ކުރެހުން، ރޯނު ވެށުން ކަހަލަ ކަމެއް ދަސްކޮށްދެވިދާނެއެވެ. މިއީ މަންމަ ، ބައްޕަ އާއިއެކު ކޮށްލުން ރަނގަޅު ކަމެކެވެ. 

ޤުރުއާންނުން މިންވަރެއް ހިތުދަސްކުރުން: 

ދަރިންނަކީ ކީރިތި ޤުރުއާން ލޯބި ކުރާ ބައެއްގެ ގޮތުގައި ބޮޑުކުރުމަށް މަސައްކަތް ކުރަށް ޖެހެއެވެ. ކޮންމެ ދުވަހަކުވެސް ދަރިންނަށް ޤުރުއާނުން މިންވަރެއް ކިޔަވާދޭށެވެ. ދަރިންނާއި އެކު މައިންބަފައިންވެސް ޤުރުއާން ކިޔަވާށެވެ. ދެ ފަރާތުން ވާދައަށް ކީރިތި ޤުރުއާން ހިތުދަސް ކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މައިންބަފައިން ގިނަ ގިނައިން ޤުރުއާން ކިޔަވާ މަންޒަރު ދަރިންނަށް ދައްކާށެވެ. އޭރުން އެކުދިންވެސް ކީރިތި ޤުރުއާން ކިޔެވުމަށް ޝައުގުވެރިވާނެއެވެ.

ފައިދާ ހުރި ޑޮކިއުމެންޓްރީއެއް ދަރިންނާއެކު ބަލާލުން: 

އިސްލާމީ ތާރީހާ ބެހޭ ގޮތުން ދަރިންނަށް ޑޮކިއުމެންޓްރީއެއް ދެއްކިދާނެއެވެ. އަދި މީގެ އިތުރުން ދުނިޔެވީ ގޮތުން މުހިއްމު ފައިދާ ހުރި ކޮންމެވެސް ޑޮކިއުމެންޓްރީއެއް ދަރިންނަށް ދެއްކި ދާނެއެވެ. އޭގެން ލިބޭ ފިލާވަޅާއި އެއްޗެހި ދަރިންނަށް ބުނެދީ އޮޅުންފިލުވައި ދެވިދާނެއެވެ.  

ދަރިންނާއެކު މޫދަށް ގޮސްލާ ތަފާތު އެކި ކުޅިވަރުތައް އާއިލާ އެއްކޮށް ކުޅެލުން: 

ދަރިންނަށް ލިބޭ މި ޗުއްޓީގައި އެކުދިން އުފާކޮށްލުމަށްޓަކައި އެކުދިން ގޮވައިގެން މޫދަށް ގޮސްލާ ތަފާތު އެކި ކަހަލަ ކުޅިވަރުތައް ކުޅެލާ ހަދާލަން ވާނެއެވެ. މި ޗުއްޓީގެ ދުވަސް ތަކަކީ ދަރިންނަށް އުފާވެރި ހަދާންތަކެއްގެ ގޮތުގައި ހެދުމަށްޓަކައި މަންމަ އާއި ބައްޕަ މަސައްކަތް ކުރަން ވާނެއެވެ.

 

- އުންމު ނަވާރު

 

މިއަދު އޮންލައިން