ބައެއް ފަހަރު ޢާއިލާތަކުގައި ދިމާވާ ކަމެކެވެ. 10 އަހަރުނުވާ ހަގު ކުޑަ ފިރިހެން ކުދިންނަށް ދައްތަމެންނަށް ކަޅިއެޅެނީއެވެ. މޭމަތި ބޮޑުނަމަ މިކަން އިތުރަށް ބޮޑުވެސްވާނެއެވެ. ދެންވާގޮތަކީ އެކުއްޖާގެ ނިޔަތް ނުބައިކަމަށް ބަލައި ބުނެގެން ނުވާނެ ބަސްތައް ބުނަނީއެވެ.
އެއީ ޢާންމު ގޮތެއްގައި އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ. އެކުދިންނަށް އެބެލެނީ އެމީހުންގެ ހަށިގަނޑާއި ދައްތަގެ ހަށިގަނޑު ތަފާތުވީމައެވެ. އަންހެނުންނާއި ފިރިހެނުންގެ ހަށިގަނޑުގައި ހުންނާނެ ތަފާތު ނުވިސްނޭތީއެވެ.
މިކަންކަމަށް ވިސްނާނުލައި އެކުދިންނަށް ނުބައިބަސްތައް ބުނާނަމަ އެކުދިން ހަމައެކަނި ދެރަވާނީއެއް ނޫނެވެ. ބަސްތައް ބުނާ ސަބަބު ނުވިސްނޭތީ އިތުރަށް ކަންބޮޑުވާނެއެވެ. މިޙާލަތުގައި ބައެއް ކުދިންނަށް ނަފްސާނީ މައްސަލަތައްވެސް ކުރިމަތިވެއެވެ.
އެފަދަ ކަމެއް ކުއްޖެއްގެ ފަރާތުން މެދުވެރިވާނަމަ ރިވެތި ގޮތުގައި ބުނެލާށެވެ. "ތިއަ ބަލާހެން ބެލީމާ ދައްތަ ލަދުގަންނާނެއެވެ. ރީތިކޮށް ބަލާށެވެ!" އެއިރުން އެކުދިން އެކަން އިޞްލާޙްކުރާނެއެވެ.
ކުޑަކުދިންނަކީ ހަަމަ ތިބެފައި ނުބައި ވިސްނުން އަންނަ ބައެއް ނޫނެވެ. ނުބައި ވިސްނުން އަންނާނީ އެކުދިންނަށް ފެންނަ ނުބައި ކަންކަމުގެ ސަބަބުންނެވެ. ވީމާ ކުދިން ކުޑައިރު ނުބައި މަންޒަރެއް ނުފެންނާނެ ގޮތަށް ޢަމަލުތައް ބަހައްޓާށެވެ.
މިވާހަކަކޮޅު ބުނެލަން މިޖެހުނީ މިބާވަތުގެ ކަންކަމުގައި މަޝްވަރާކުރަން އަންނަ ބެލެނިވެރިން ގިނަކަމުންނެވެ. އެމީހުންނަށް އަހުރެން ދެނީ ހަމަ މިނަޞޭޙަތެވެ. މިކަން އިތުރުވާވަރުން ޢާންމުކޮށް އެންމެންނަށް ވިސްނައިދޭން ބޭނުންވާތީ ބުނެލީއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން