ކޮންމެ މީހަކީވެސް ދުނިޔެއިން ކަންތައްތަކަކަށް އެދޭނެ މީހެކެވެ. އެއްބައަކު ވަރަށް ގިނަ ކަންތައްތަކަށްވެސް ބޭނުންވާނެއެވެ. އެފަދަ މީހެއްގެ ގާތުގައި ދުނިޔެއިން ތިބާ އެދޭ ގިނަ ކަންތައްތައް ޙާޞިލުނުކުރެވުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށާއި އެއީ މާޔޫސްވާންޖެހޭ ކަމެއް ނޫންކަމަށް ބުނެފިނަމަ ރުޅިވެސް އަންނާނެއެވެ.
އެކަމަކު އެއީ އެކަން އޮތް ގޮތެވެ. ތިމާ ބޭނުންވާ ކަންކަން ފުދިގެން ތިބޭ މީހުންގެ ތެރެއިން ވަރަށް މަދު މީހަކަށް ނޫނީ އޭނާ ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދާއިމެދު ވިސްނައިވެސް ނުލެވޭތީއެވެ.
އިންސާނުންނަކީ ހިތް ފުރޭނެ ބައެއް ނޫނެވެ. ލިބޭވަރަކަށް އިތުރަށް ބޭނުންވާނެއެވެ. އެފަދަ މީހުންނަށް ދުނިޔެއިން ނުކުމެގެންދާންޖެހޭއިރުވެސް ތިމާ ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދާއިމެދު އޮންނާނީ ވިސްނައިވެސް ނުލެވިފައެވެ.
އެއިގެ ބަދަލުގައި ތިމާއަށް ބޭނުންވާ ކަންކަން ޙާޞިލުނުކުރެވޭނަމަ، ބޭނުންތައް ނުފުދޭނަމަ ތިމާ ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދާއިމެދު ވިސްނާނެއެވެ. ޢާޚިރަތް ކާމިޔާބުކުރެވޭނީ އެކަމަށް ވިސްނި މީހަކަށެވެ.
އަހުރެންގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް އެންމެ މުހިންމު ކަމެއްގެ ގޮތުން ތިމާ ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ބޭކާރު މީހެއްގެ ގޮތުގައި ނޫންކަން ވިސްނައި ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދު ޙާޞިލުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެއީ ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އެއީ ކުރަން އެއްވެސް ބުރަކަމެއް ނޫނެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާނަމަ އެހުރެވެނީ އަޅުކަންކުރުންމަތީގައެވެ. ވީމާ އެއީ ކުރަން އެންމެ ފަސޭހަ ކަންތަކެވެ.
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން