ކައިވެނިކުރާއިރަށް ދަރިން ނުލިބިގެން ނޫނީ ދަރިން ލިބޭލެއް އަވަސްވެގެން މައިންބަފައިން ނުވަތަ މާމަ ޢާއި ކާފަ އުޅުމަކީ ކޮންކަހަލަ ކަމެއްތޯ؟
ސުވާލުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ޢާއިލާގައި ކުޑަކުއްޖަކު ނެތްނަމަ އަވަހަށް ކުއްޖަކު ލިބުމަށް މައިންބަފައިން އެދުމަކީ ނުވަތަ ބޭނުންވުމަކީ މައްސަލައެއް ކަމަށް ނުހަދާށެވެ. އެކަމަށް ބަހެއް ނުބުނާށެވެ!
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
މިހާރަކަށް އައިސް ގޭތެރޭގައި ދެކެވޭ ވާހަކަތަކަށް ބެލިނަމަވެސް ގިނަވާނީ މޮޅު ޚިޔާލުތައް ފައުޅުކޮށް ދެކެވޭ ވާހަކަތަކެވެ. ކަންކަން ކުރަންވީ މޮޅު ގޮތް ކިޔައިދޭން ދައްކާ ވާހަކަތަކެވެ. އަނެކާއަށް ބޭނުންވާ އެހީތެރިކަން ހޯދައިދޭން ޢަމަލީ ގޮތުން ކަމެއް ކުރެވެނީ ވަރަށް މަދުންނެވެ.
ގިނަ ގޭގޭގައި މައިންބަފައިންގެ ޢަމަލުތައްވެސް ހުންނަނީ މިބާވަތުގެ ގޮތަކަށެވެ. އެހެންކަމުން މިބަޔާންކުރަނީ ތަޖުރިބާހުރި މަންމައަކު ކިޔައިދީފައިވާ ވާހަކައެކެވެ. އޭނާ ޢަމަލުކުރި ގޮތުން މުޅި ޢާއިލާއަށް އުފާވެރިކަން ލިބުނު ގޮތުގެ ވާހަކައެވެ.
މިވާހަކަ މިގެނެސްދެނީ ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބެއްގެ ގޮތުންނެވެ. އެސުވާލަކީ "އަޅުގަނޑުމެންގެ ކައިވެންޏަށް 3 އަހަރެވެ. ބަނޑަށް 2 މަހެވެ. އެކަމަކުވެސް މައިދައިތަ ބުނަނީ ދަރިއަކު ހޯދަން އަދި މާއަވަސްކަމަށެވެ. އެހެންވެ އެކަން މިއުޅެނީ ބޮޑު މައްސަލައަކަށް ވެގެންނެވެ. މިޙާލަތުގައި ދެން ޢަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟"
އަހަރެންގެ ދެވަނަ ފިރިހެންދަރިފުޅު ކައިވެނިކުރީ އުމުރުން 18 އަހަރުގައެވެ. ކައިވެނީގެ 2 ވަނަ އަހަރު، އޭނާގެ އުމުރުން 20 އަހަރުގައި އަހަރެން ސިއްސުވައިލިއެވެ. އެއީ ދަރިއަކު ލިބެން އުޅޭ ވާހަކަބުނުމުންނެވެ.
ކޮންމެއަކަސް ލިބެން އުޅޭކަމަށް ބުނި ދަރިފުޅަކީ އަހަރެންގެ ފުރަތަމަ މާމަ ދަރިފުޅެވެ. އަހަރެންގެ އުމުރަކީ 38 އަހަރެވެ. އުފާވެރިކަންވެސް ލިބުނެވެ. ނަމަވެސް އިންތިހާއަށް ކަންބޮޑުވިއެވެ. އެއީ ދަރިފުޅުގެ އެހައި ހަގު ޢުމުރުގައި ދަރިއަކު ލިބޭތީއެވެ. ދެމަފިރިންގެ ގުޅުން ދެމިއޮވެދާނެކަމަށް ޝައްކުކުރެވޭތީއެވެ. އެހައި ހަގު އުމުރުގައި ކުދިން ލިބުމުން ދެމަފިރިންގެ މެދުގައި އޮންނަ ގުޅުމަށް ހުރަސްތަކެއް ކުރިމަތިވެދާނެތީއެވެ.
ކޮންމެއަކަސް އަހަރެން ވިސްނައިލީމެވެ. "އަހަރެންވެސް ކައިވެނިކުރީ އުމުރުން އެންމެ 16 އަހަރުގައެވެ. ފުރަތަމަ ދަރިފުޅުލިބުނީ 18 އަހަރު ނުފުރެނީހެވެ. ދެމަފިރިން މިހާރުވެސް މިއުޅެނީ ވަރަށް ލޯބިންނެވެ. ވީމާ ޅައުމުރުގައި ދަރިން ލިބުމަކީ ލޯބިން ދިރިއުޅުމަށް އޮތް ހުރަހަކަށްވެގެން ނުވާނެއެވެ. އެދެކުދިންގެ ކައިވެންޏަށްވެސްވެސް 2 އަހަރުވީއެވެ. ތިބޭނީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަސްވެފައެވެ. އެއުޅެނީ ވަރަށް ލޯބިންނެވެ. ވީމާ އޮތީ މުސްތަޤްބަލް އުޖާލާކޮށްދެއްވެވުން އެދި ވަކީލްކުރުމާ ދުޢާކުރުމެވެ."
މިފަދަ ޚިޔާލުތައް ކުރެވުނެވެ. ލިބެން އުޅޭ ދަރިފުޅަށް މަރުޙަބާކިޔަން ތައްޔާރުވީމެވެ. އަދި އަހަރެމެންގެ ފެންވަރުން ކުރެވެންހުރި ހުރިހާ ކަންކަން ކުރީމެވެ.
މިހާރު ކުއްޖާގެ އުމުރުން 5 އަހަރެވެ. އެހެންދަރިންނަށްވެސް ދަރިން ލިބި ގޭގައި 4 މާމަދަރިން އެބަތިއްބެވެ. ގެއަށް މިވަނީ ވަރަށް ބޮޑު ދިރުމެއް ލިބިފައެވެ.
މާމަ، ކާފައިންނަށް އަހަރެންގެ މެސެޖަކީ ދަރިންނަށް ދަރިން ލިބޭ އުމުރާއިމެދު ކަންބޮޑުނުވާށެވެ. ކަންބޮޑުވާންވީ ޒަވާޖީ ހަޔާތުގައި ދަރިން އުޅެމުންދާ ގޮތާއިމެދުގައެވެ. ދެމަފިރިން ގުޅިގެން ލޯބިން ދިރިއުޅެމުން ގެންދާނަމަ އެނިމުނީއެވެ. މާމަ އާއި ކާފަ ވާންވީ ދަރިން ކުދިން ހޯދަންޖެހޭ އުމުރު ކަނޑައަޅާބައަކަށް ނޫނެވެ. ވާންވީ ދަރިންގެ ޒަވާޖީ ޙަޔާތް އުފާވެރިކޮށްދޭން މަސައްކަތްކުރާ ބައަކަށެވެ. އެކަމަށް އެހީތެރިވާ ބައަކަށެވެ. އެކަމަށް އެދި ދުޢާކުރާ ބައަކަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް