އެދެމަފިރިންނަށް ލިބުނީ އެންމެ ދަރިއެކެވެ. ގެންގުޅެ ބޮޑުކުރީ އެންމެ ފުރިހަމައަށް ލޯތްބާއި އަޅައިލުން ދީގެންނެވެ. އެންމެ މަތީފެންވަރަށް ކިޔަވައިދީ އަމިއްލައަށް ދިރިއުޅެވޭނެ މަގުވެސް ދައްކައިދިނެވެ. ކައިވެނި ކުރުމުން ދިރިއުޅޭނެ ގެދޮރުވެސް ހޯދައިދިނެވެ.
ކައިވެނިކޮށް ވަކިން ދިރިއުޅެން ފެށުމާއިއެކު މައިންބަފައިންނަށް ފަރުވާކުޑަކުރަން ފެށިއެވެ. ޒިޔާރަތްކުރުން މަދުކުރަމުންގޮސް އެކުގައި ހުއްޓައިލީއެވެ. ފޯނުކުރުން މަދުކުރަމުން ގޮސް އެންމެފަހުން އެމީހުންކުރާ ކޯލްތަކަށް ޖަވާބުވެސް ނުދެނީއެވެ. އެންމެ ފަހުން ދިރިއުޅުން އެހެން ޤައުމަކަށްވެސް ބަދަލުކުރީއެވެ. ޖުމްލަކޮށް ބުނާނަމަ މަންމައާއި ބައްޕަގެ މަތިން ހަނދާން ނައްތައިލީއެވެ. އެކުގައި އަތްދޮވެލީއެވެ.
އަހަރުތަކެއް ފަހެވެ. ދެމަފިރިން ޓީވީ ބަލަން ތިއްބައި ފެންނަނީ ޚަބަރެކެވެ. ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މުސްކުޅިއަކު މަރުވި ޚަބަރެވެ. ނަންވެސް ކިޔެވެ. މަރުވީ މަންމަ ޢާއި ބައްޕައެވެ. މައުލޫމާތުދިން އަވަށްޓެރިޔާ ބުނީ ދެމަފިރިން މަރުވީ ޚަބަރެއް ނުވާތާ އެތައް އަހަރެއްވީ އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅާއި ބައްދަލުކުރެވޭތޯ ދަތުރެއްކުރަން އެޢާޕޯޓަށް ދިއަ މަގުމަތީގައި ކަމަށެވެ.
ދެމަފިރިންނަށް އެކުގައި ބާރަށް ރޮވެން ފެށިއެވެ. ނަމަވެސް އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެހީތެރިކަމެއް ފޯރުކޮށްލައި ނުދެވުނު ތަނުގައި މާފަށް އެދުމުގެ ފުރުޞަތުވެސް ގެއްލުނީއެވެ. އެންމެ ދެރަވި ދެވަނަ ސަބަބަކީ ލިބިފައި ތިބި 3 ދަރިންނަށް ކާފަ އާއި މާމަ ދައްކައިވެސް ނުލެވުނުކަމެވެ. ދެން ނުވެސް ދެއްކޭނެ ކަމެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. ބަލާފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. އެއީ ޚުދު އަޅުގަނޑުގެ ޙަޔާތުގައިވެސް ކަންކަން މެދުވެރިވެފައިވާ ގޮތް ކަމަށްވާތީއެވެ. އަޅުގަނޑުގެވެސް ހުރީ އެންމެ ދަރިއެކެވެ. އަހަރަކު އެއްފަހަރުވެސް ލޮލަލަކަށް ނުފެނެއެވެ. އަޅައިވެސް ނުލާތަނުގައި ގުޅައިވެސް ނުލައެވެ. އެކަމަކު އިރާދަކުރެއްވިއްޔާ ދަރިފުޅު ހޯދާކަށް އަޅުގަނޑެއް ނުދާނަމެވެ. މިހައި ބޮޑަށް ނިކަމެތިކޮށްލި ދަރިއެއްގެ ކުރިމަތީގަ ކަރުނައަޅަން ބޭނުންނުވާތީއެވެ.
- ފާޠިމަތު: މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ