ޙާޞިލްކުރަން ބޭނުންވާ ކަމެއް ކާމިޔާބު ނުކުރެވި ލަސްވުމަކީ ﷲ ތަޢާލާ ތިބާއަށް ރުހިވޮޑިނުގަތުމެއް ނޫން!: ފަހުދު އަލްކަންދަރީ

ކިޔުމަށް ހޭދަވާނީ 6މ 42ސ
ޙާޞިލްކުރަން ބޭނުންވާ ކަމެއް ކާމިޔާބު ނުކުރެވި ލަސްވުމަކީ ﷲ ތަޢާލާ ތިބާއަށް ރުހިވޮޑިނުގަތުމެއް ނޫން!: ފަހުދު އަލްކަންދަރީ

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުގެ ލޮބުވެތި ޝައިޚް! އަޅުގަނޑަށް ދިރިއުޅުމުގައި ކާމިޔާބު ނުލިބުމުގެ މައްސަލައަކާ ކުރިމަތިލާންޖެހިފައިވެއެވެ. އަޅުގަނޑު ވަޒީފާތަކަށް އެދި އެތައް ފަހަރަކު ހުށަހެޅީމެވެ. ނަމަވެސް އަދިވެސް ވަޒީފާއެއް ނެތި ދިގު މުއްދަތެއް ވަންދެން މިހުރީއެވެ. އަޅުގަނޑަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ އަދި ނަމާދުތައް ރަނގަޅަށް އަދާކުރާ މީހަކީމެވެ. 

ސުވާލަކީ،ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑާމެދު ރުހިވޮޑިނުގަންނަވަނީ ހެއްޔެވެ؟ ނުވަތަ އަޅުގަނޑުގެ އަޅުކަމުގައި މައްސަލައެއް އޮތީ ހެއްޔެވެ؟ 

ޖަވާބު: ތިބާ މި ދުނިޔޭގައި ކާމިޔާބު ހޯދަން ބޭނުންވާނަމަ، ތިބާ އެނގެން އަދި ޔަޤީންކުރަން ޖެހޭނެ އެއްޗަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މި ދުނިޔެ ދެއްވަވަނީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި ލޯބިވެވޮޑިނުގަންނަވާ މީހުންނަށްކަން" 

ﷲ ތަޢާލާ އިސްރާ ސޫރަތުގެ 20 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

كُلًّا نُّمِدُّ هَٰٓؤُلَآءِ وَهَٰٓؤُلَآءِ مِنْ عَطَآءِ رَبِّكَ وَمَا كَانَ عَطَآءُ رَبِّكَ مَحْظُورًا ﴿٢٠﴾‏

މާނައީ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުންތަކުން މިބައިމީހުންނާއި އެއުރެންނާއި، އެންމެންނަށް، ތިމަންރަސްކަލާނގެ ދެއްވަމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ދެއްވުމަކީ، މަނާކުރެވޭނޭ އެއްޗެއް ކަމުގައި ނުވެތެވެ. (20)" 

"ނަމަވެސް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ދީނާއި އާޚިރަތް ދެއްވަވަނީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ މީހުންނަށް އެކަންޏެވެ. ފަހެ ވަޒީފާ ނުލިބުމަކުން ނުވަތަ ވަޒީފާ ލިބުން ލަސްވުމަކުން އެއީ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާއަށް ކޯފާވެވޮޑިގެންވާކަމުގެ ހެއްކެއް ނޫނެވެ. ތިބާ ހިތްހަމަޖެހުން އެދޭނަމަ، އަބަދުވެސް މި ޙަދީޘް ތިބާގެ ހަނދާނުގައި ބަހައްޓާށެވެ. 

عن ابن عباس رضي الله عنهما قال:

كُنْتُ خَلْفَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمًا، فَقَالَ: «يَا غُلَامُ، إِنِّي أُعَلِّمُكَ كَلِمَاتٍ، احْفَظِ اللهَ يَحْفَظْكَ، احْفَظِ اللهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ، وَاعْلَمْ أَنَّ الْأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللهُ لَكَ، وَلَوِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ، لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللهُ عَلَيْكَ، رُفِعَتِ الْأَقْلَامُ وَجَفَّتِ الصُّحُفُ». 

އިބްނު ޢައްބާސް ރަޟިޔޔަﷲ ޢަންހުމާ ވިދާޅުވިއެވެ:

"އެއްދުވަހަކު އަހަރެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހަތްޕުޅުގައި ހުރީމެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ: 'އޭ ކުއްޖާއެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނު ތިބާއަށް ބަސްތަކެއް އުނގަންނައިދެއްވާނަމެވެ. ﷲ ރައްކާތެރިކުރާށެވެ. އޭރުން ﷲ ތިބާ ރައްކާތެރި ކުރައްވާނެއެވެ. ﷲ ރައްކާތެރިކުރާށެވެ. އޭރުން ތިބާ ﷲ ދެކޭނެއެވެ. ތިބާ އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެދޭށެވެ. އަދި ތިބާ އެހީއަކަކަށް އެދޭނަމަ، ﷲ ގެ ޙަޟްރަތުން އެހީއަށް އެދޭށެވެ. އަދި ދަންނާށެވެ! ހަމަކަށަވަރުން މުޅި އުއްމަތް އެއްބަސްވެ، ތިބާއަށް މަންފާއެއް ކޮށްދޭން އުޅުނު ނަމަވެސް، ﷲ ތިބާއަށް ލިޔުއްވާފައިވާ އެއްޗެއް މެނުވީ ތިބާއަށް މަންފާއެއް ނުކުރެވޭނެއެވެ. އަދި އެބައިމީހުން އެއްބަސްވެ، ތިބާއަށް ގެއްލުމެއް ދޭން އުޅުނު ނަމަވެސް، ﷲ ތިބާގެ މައްޗަށް ލިޔުއްވާފައިވާ އެއްޗެއް މެނުވީ ތިބާއަށް ގެއްލުމެއް ނުދެވޭނެއެވެ. ގަލަންތައް އުފުލިއްޖެއެވެ. އަދި ފޮތްތައް ހިކިއްޖެއެވެ." 

އެހެންކަމުން، މަސައްކަތްކޮށް ވަރުބަލިވުމަކީ އިންސާނީ ފިޠުރަތެވެ. ވަޒީފާއެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހިތްވަރުކުރާށެވެ. އަދި ތިބާއާ އެއް އުމުރުގެ ޒުވާނުންނަށް އަވަހަށް ވަޒީފާ ލިބުނު ކަމަށް ދެކި ހިތްދަތިނުވާށެވެ. ޙަޤީޤަތުގައި، ބައެއް ޒުވާނުންނަށް ވަޒީފާއެއް ނުލިބި ގިނަ ދުވަސްތަކެއް ވެގެންދެއެވެ. 

ކޮންމެ ޙާލަތެއްގައިވެސް މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދުކުރުމަކީ މުހިންމު ކަމެކެވެ. ތިބާއަށް ދިމާވާ ކޮންމެ ކަމަކީ މާތްﷲ ގެ ޙަޟްރަތުން ކަނޑައެޅިފައިވާ ކަމެކެވެ. އޭގައި ޙިކުމަތެއް ވާނެއެވެ. އެ ޙިކުމަތް ތިބާއަށް ނޭނގުނު ކަމުގައިވިޔަސް މެއެވެ. 

ކާމިޔާބު މީހުންނާއި މުއްސަނދިންވެސް އެއްދުވަހު ވަރުބަލިކަމާއި ދަތިކަމުގެ ދުވަސްތަކެއް ހޭދަކޮށްފައިވާނެއެވެ. މިފަދަ ދަތި ދުވަސްތަކަކީ އިންސާނުންގެ ޙަޔާތުގައި އަންނާނެ ކަމެކެވެ. އަޅުގަނޑުމެން އެންމެންވެސް ތިބެނީ ފާގަތިކަމާއި ދަތިކަމުގެ ދެމެދުގައެވެ. 

ފާގަތިކަމުގައި މާތްﷲ އަށް ޝުކުރުކުރަމުއެވެ. އަދި ދަތިކަމުގައި ކެތްތެރިވަމުއެވެ. އެހެންކަމުން، މަސައްކަތްކޮށް ވަރުބަލިވާށެވެ. ވަޒީފާ ލިބެންދެން ކެތްތެރިކަމާއެކު މަސައްކަތް ކުރަމުން ގެންދާށެވެ. މާތްﷲ ގެ ރަޙްމަތްފުޅާއެކު، ކާމިޔާބު ލިބޭނެކަން ޔަޤީނެވެ. 

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަން ދެއްވާނދޭވެ! އަދި އާޚިރަތުގައިވެސް ހެޔޮކަން ދެއްވާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތްކޮށްދެއްވާނދޭވެ!"

 

މިއަދު އޮންލައިން