ކޮންމެ ކަމަކަށް ބޭނުންވިޔަސް އަދި އުފާވެރިކަން އަބަދު ތިމާއާއިއެކުގައިވުމަށް އެދިގެންވެސް ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 6ސ
ކޮންމެ ކަމަކަށް ބޭނުންވިޔަސް އަދި އުފާވެރިކަން އަބަދު ތިމާއާއިއެކުގައިވުމަށް އެދިގެންވެސް ކުރަން އޮތް ދުޢާ-

ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ. އެއީ ދެބަސްވެވެނެ އޮތް ކަމެއް ނޫނެވެ. ހުރިހާ މުސްލިމުންވެސް އެކަން ޤަބޫލުކުރާނެއެވެ. އެހެންވެ ބައެއް މީހުންނަށް ވަޒީފާއެއް ލިބުމުން ވަޒީފާއަށް ނުކުންނަމުން ކިޔާނެ ދުޢާއަކަށް އެދެއެވެ. ވަޒީފާއެއް ނުލިބިގެން ކުރާނެ ދުޢާއަކަށް އަހައެވެ. ދަރިއަކު ލިބުމުން ކުރާނެ ދުޢާއަކަށް އަހައެވެ. ދަރިއަކު ނުލިބުމުން ކުރާނެ ދުޢާއަކަށް އަހައެވެ. މިހެން ގޮސް ހަޔާތުގެ ކޮންމެ ކަމަކަށްވެސް ކުރާނެ ދުޢާއަކަށް އަހައެވެ.  

ވަރަށް ގިނަ ކަންކަމާއި ގުޅިގެން ކުރާނެ ދުޢާތައް ކީރިތި ޤްރުއާނާއި ސުންނަތުން އެނގެން އެބައޮތެވެ. ނަމަވެސް ހަޔާތުގެ ކޮންމެ ކަމަކަށް ކުރާނެ ޚާއްޞަ ދުޢާއެއް ނެތި ހިނގައިދާނެއެވެ. އެފަދަ ދުޢާއެއް ނުފެނިދާނެއެވެ. ނަމަވެސް ހަޔާތުގެ ހުރިހާ ޙާލަތެއްގައި ކުރަން އޮތް ދުޢާ އެބައޮތެވެ. އެއީ ފާފަ ފުއްސަވައިދެއްވެވުމަށް އެދި ކުރަންހުރި ދުޢާއެވެ. އެދުޢާއިން ޙާޞިލް ނުވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.  

މިއީ އަހަރެންގެ ބަހެއް ނޫނެވެ. ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤްވެވަޑައިގަންނަވާ ކަމެކެވެ. ކަމަކަށް ބޭނުންވި ނަމަވެސް ފުރަތަމަވެސް އެދި ދަންނަވަންވީ ފާފަ ފުއްސަވައި ދެއްވެވުމަށެވެ. ނިޢްމަތެއް ލިބުމުންވެސް އެދި ދަންނަވަންވީ ފާފަ ފުއްސަވައި ދެއްވެވުމަށެވެ. ކުރާ ކޮންމެ ދުޢާއެއް ކުރުމުގެ ކުރިން ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ.  

ކުރާ ކޮންމެ ނަމާދަކަށްފަހު ޛިކުރް ތަޞްބީހަ ކިޔަން މިފަށަނީ ފާފަ ފުއްސަވައި ދެއްވެވުން އެދި 3 ފަހަރު ދުޢާކުރުމާއިއެކުގައެވެ. ޛިކުރް ތަޞްބީޙަ ފަށަމުން "އަސްތަޣްފިރުﷲ" 3 ފަހަރު ކިޔަނީ އެހެންވެގެންނެވެ. ވީމާ މިކަމުންވެސް މިބުނި ބަހުގެ ތެދުކަން އެނގިގެންދެއެވެ.  

ނޫހްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ކިބައިން 900 އަހަރުވަންދެން އެދިވަޑައިގަތީވެސް އެކަމަށެވެ. ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމަށެވެ. ޔޫނުސްގެފާނު މަހުގެ ބަނޑުގައި އޮންނަވައިގެންވެސް އެދިވަޑައިގަންނަވަމުން ގެންދެވީ ފާފަ ފުއްސަވައި ދެއްވެވުމަށެވެ. އާދަމްގެފާނަށް ކުށެއް ކުރެއްވެވުމުން ފުރަތަމަ ވެސް އެދިވަޑައިގަތީ ފާފަ ފުއްސަވައި ދެއްވެވުމަށެވެ.  

އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް ފާފައެއް ނުކުރައްވަވާ ޙާލުކޮޅުގައިވެސް ދުވާލަކު 100 ފަހަރު އަސްތަޣްފާރު ކުރެއްވެވި ކުރެއްވެވުން މިކަމުގެ އެންމެ ވަރުގަދަ ދަލީލަށް ފުދެއެވެ. ބޭނުންފުޅަކީ ހަމަ ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯއްދެވުމެވެ. ވީމާ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފާފަ ފުއްސެވުން އެދި ދުޢާކުރުންކަން އެނގިގެންދެއެވެ.  

މީސްތަކުންނޭވެ! ގިނަގިނައިން ފާފަ ފުއްސެވުމަށް އެދޭށެވެ. ﷲ ތަޢާލާ އުޑުން ރަޙްމަތުގެ "ވާރޭ" ވެއްސަވާނެތެވެ. މިތަނުގައި "ވާރޭ" މިބަހުގެ މާނައަކީ ހަމައެކަނި ފެނެއް ނޫނެވެ. ތަފާތު ނިޢްމަތްތަކެވެ. އެމީހަކު އެދި ދަންނަވާ ކަންތައްތަކެވެ. ﷲ ތައާލާ އީ ގިނަގިނައިން ފާފަތައް ފުއްސަވައި ދެއްވަވާ ރަސްކަލާނގެއެވެ. މީސްތަކުން ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދި  ގިނަގިނައިން ދެނެވުމަށް ﷲ ތައާލާ ލޯބިވެވޮޑިގެންވެއެވެ.  

އަނބިންނާއި ފިރިންނާއި މުދަލާއި ދަރިންނަކީވެސް ﷲ ތައާލާ ދެއްވަވާ ނިޢްމަތެވެ. އެ ނިޢްމަތުގައި ބަރަކާތް ލައްވަވައި ދެއްވަވާނީ ދުޢާކުރުމުންނެވެ. ﷲ ތަޢާލާ ބަރަކާތް ލައްވަވައި ނުދެއްވަވައިފިނަމަ އެއިން އެއްވެސް ނިޢްމަތަކުންވެސް ކުރާނެ އެއްވެސް ފައިދާއެއް ނުއޮންނާނެއެވެ. ވީމާ މިހުރިހާ ނިޢްމަތްތަކަށް އެދިވެސް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފާފަ ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާ ކުރުމެވެ.  

ބައެއް މީހުންނަށް ހީކުރެވެނީ ފާފަ ފުއްސަވައި ދެއްވެވުން އެދި ދުޢާ ކުރުމަކީ މާ އާދައިގެ ކަމެއް ކަމަށެވެ. ޙަޤީޤަތަކީ ކުރަން އޮތް އެންމެ މުހިންމު، އެންމެ ޚާއްޞަ ކަމަކީ އެއީ ކަމެވެ.

 

- ޝައިޚް ޢަލީ ހައްމުދާގެ ދަރުސަކުން

 

މިއަދު އޮންލައިން