ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެން ކޮންމެ މީހަކީވެސް އެތައް ބައިވަރު ކަންކަމަށް ބޭނުންވެގެން ތިބި ބައަކީމުއެވެ. އެންމެ ގިނަ ބައަކަށް ފައިސާގެ ދަތިތަކެވެ. ކޮންމެވެސް ބަޔެއްގައި އުޅުންޖެހިފައިވާ މީހުންވެސް މަދެއް ނޫނެވެ. ދިރިއުޅުމުގައި އުފާވެރިކަން ނުލިބިގެން ރޯންޖެހިފައިވާ މީހުން މަދީހެއްޔެވެ؟ މިހެން ގޮސް ކޮންމެ މީހަކާއިވެސް ވަނީ ތަފާތު އެތައް ބައިވަރު މައްސަލަތައް ކުރިމަތިވެފައެވެ.
އެކަމަކުވެސް ދަމުނަމާދުކޮށްލައި ދުޢާކޮށްލައި ހެދެނީ ހާދަ މަދު މީހަކަށެވެ. މިފަދަ ނަޞޭޙަތްތައް އަބަދުހެން ދެމުން ގެންދާއިރުވެސް އަޑުނުއިވޭކަން ކިހައި ދެރަހެއްޔެވެ؟ މިވާހަކަތައް އަޑުއިވުނަސް ޢަމަލުނުކޮށް ތިބެގެން "ޝައިޚު އަޅުގަނޑަށް މިވެނިކަމެއް ނުވި، އެވެނިކަމެއް ނުވި، މިވެނިކަމަކުން ސަލާމަތެއް ނުވެވޭ." ކިޔައިގެން ޝަކުވާ ކުރީމާ ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
އިންސާނާއަށް ދުނިޔޭގައި ހުރެ ކުރެވޭނެ އެންމެ ފައިދާ ބޮޑު އެއް ޢަމަލަކީ ތަހައްޖުދު ނަމާދު ކުރުމެވެ. އެކަމުގެ ސަބަބުތަކަށް ބަލައިލާއިރު ފުރަތަމަ ސަބަބު ދެނެގަނެވޭނީ ކުޑަކުޑަ މަސައްކަތެއް ކޮށްލައިގެންނެވެ. އެހެންވެ އެ މަސައްކަތް ކޮށްލަމާ ހިނގާށެވެ.
ފުރަތަމަ ކަމަކީ ފަރުޟު 5 ނަމާދު ޤާއިމުކުރަނީ ކޮންމެހެން ﷲ ތަޢާލާއަށް ލޯތްބަކުން ނޫނެވެ. ތިމާގެ މައްޗަށް ފަރުޟު ކުރައްވަވާފައިވާތީއެވެ. ތިމާ ނަރަކައިން ސަލާމަތްވުމަށެވެ. އެއިގެ ބަދަލުގައި ސުންނަތް ނަމާދުތައް ކުރަނީ ފަރުޟު ކުރައްވަވާފައިވާތީއެއް ނޫނެވެ. ﷲ ތަޢާލާގެ މައްޗަށް އެމީހާގެ ހިތުގައި އޮންނަ ލޯބި ބޮޑުކަމުންނެވެ.
ޚާއްޞަކޮށް ތަހައްޖުދު ނަމާދަށް ބަލާށެވެ. ނިދާފައި ތަހައްޖުދު ނަމާދަށް ހޭލުމަކީ ﷲ ތަޢާލާދެކެ ވަރަށް ބޮޑަށް ލޯބިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. ހޭލެވުނަސް އެފަދަ ދަންވަރުގައި އަރާމު ނިދި ދޫކޮށްލާފައި ތެދުވެގެންގޮސް ފާޚާނާކޮށް ގައިންތާހިރުވެ ވުޟޫކޮށްގެން ނަމާދުކުރުމަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާގެ މައްޗަށް އިންތިހާއަށް ލޯބިނެތި ކުރެވޭނެ ކަންކަމެއް ނޫނެވެ.
ކަންކަން މިފަދައިން ހުރިއިރު ދަމުނަމާދަށް ﷲ ތަޢާލާ ދެއްވަވާފައިވާ ދަރަޖައަކީވެސް ހަމައެންމެ މަތިވެރި ދަރަޖައެވެ. އެހެނީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ނަމާދަކީ ތަހައްޖުދް ނަމާދެވެ.
އާދޭސް މިކުރަނީ ހަމަ މިރެއިން ފެށިގެންވެސް ރޭއަޅުކަން ކުރަން ފެށުމަށެވެ. ކިތަންމު ޚޑަކުޑަ މިންވަރަކުން ނަމަވެސް ކުރަން ފަށާށެވެ. ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން