ކޮމްޕިޔުޓަރުން ގޭމް ކުޅުމަށް ބަލާށެވެ! އަތުގައި އޮންނަ ރިމޯޓުން ފިތަކަށް ފިއްތައިލުމުން ފުންމައިގެން މައްޗަށް އަރާނެއެވެ. އަނެއް ފިތަށް ފިއްތައިލުމުން ބަންޑުން ވެއްޓޭނެއެވެ. އަދި ކީއްހެއްޔެވެ؟ ކުޅެން ބޭނުންވާ ގޭމް ސިލެކްޓް ކުރެވޭނެއެވެ. އެމީހަކު ކުޅޭނީ އެމީހަކު ކުޅެން ބޭނުންވާ ގޭމެކެވެ.
ސްވާލަކީ ކަރްންޓަ ދިއައިމަ ކޮމްޕިޔުތަރުން ސްކްރީން ފެނޭހެއްޔެވެ؟ ރިމޯޓުގެ ފިތްތަކަށް ކިތަންމެ ވަރަކަށް ފިއްތި ނަމަވެސް ބެޓެރި ޑައުންވުމުން ރިމޯޓް މަސައްކަތްކުރޭހެއްޔެވެ؟
ދުނިޔޭގެ ދިރިއުޅުމާއިމެދުވެސް ހަމަ މިގޮތަށް ވިސްނާށެވެ! ﷲ ތަޢާލާ ތިބާއަށް ކުޅަދާނަކަން ދެއްވަވާފައިޥާނަމަ ބޭނުން ގޮތަކަށް އުޅެންވީއެވެ. ބޭނުންކަމެއް ކުރަންވީއެވެ. ސިކުނޑިން ކުޑަކުޑަ އެންމެ ހިމަނާރެއް ފަޅައިގެންދާއިރަށް ޕެރެލައިޒްވީއެވެ. ފުރާނަ ގެންދަވައިފިނަމަ ހުރިހާ ބާރުތަކެއް ގެއްލިގެންދިއައީއެވެ. ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެއެވެ.
ބުނަން ހެއްޔެވެ؟ ސްކޫލްގެ އިމްތިޙާނުން ފާސްނުވުމަކީވެސް، އަދާކުރާ ވަޒީފާ ގެއްލުމަކީވެސް، ފަޤީރު ނިކަމެތިޙާލުގައި އުޅެންޖެހުމަކީވެސް، ވަންނާނެ ގެއެއް ނެތުމަކީވެސް އަދި ކައިވެނި ނުކުރެވިހުންނަން ޖެހުންފަދަ ދުނިޔޭގައި މިކުރިމަތިވާ އެއްވެސް ކަމަކީ މަރުވުމާއި އަޅުވާ ބަލައިފިނަމަ އެއްވެސް ކަމެއް ނޫނެވެ.
އެކަން އެންމެންނަށްވެސް އެނގޭނެއެވެ. ޤަބޫލުވެސްކުރާނެއެވެ. ނަމަވެސް މިއަދު އެންމެންވެސް ކަންބޮޑުވެގެން މިއުލެނީ ދުނިޔޭގައި ދަތިޙާލެއްގައި އުޅެންޖެހިދާނެތީއެވެ. ތަނަވަސްކަމާއި އުފާތައް ޙާޞިލްނުކުރެވިގެންނެވެ. މިއަދުވެސް މަރުވެދާނެތީ އެކަމަށް ކަންބޮޑުވެ ތައްޔާރުވަނީ ހާދަ މަދުމީހެކެވެ. ހާހަކުން މީހަކަށްވުރެވެސް މަދުމީހެކެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދުނިޔެއިން އެއްވެސް އުފަލެއް ޙާޞިލުނުކުރެވުނަސް ދެރަވެ ކަންބޮޑުނުވާށެވެ! މިއީ ދަތުރެއްގެ މަތީގައި ޜޭކުރަން ހިނދުކޮޅަކަށް މަޑުކޮށްލާ ވަގުތީ މަންޒިލެކެވެ. އިރުކޮޅަކުން ދަތުރަށް ފަށަންވީއެވެ.
2000 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނެވި ނޫޙުގެފާނުގެ ފުރާނަފުޅު ހިއްޕެވިހިނދު މަލަކުލްމައުތު ކުރެއްވެވި ސުވާލަށް ނޫޙުގެފާނު ދެއްވެވި ޖަވާބުން އެކަން އެނގިގެންދާނެއެވެ. އެކަލޭގެފާނަށްވެސް ހީފުޅުވީ ދާދި ކުޑަކުޑަ ވަޤުތުކޮޅެއްގައި ދުނިޔޭގައި އުޅުއްވެވުނު ކަމަށެވެ. އެހެންވީއިރު އަހުރެމްނެގެ ޙާލަކީ ކޮބައިހެއްޔެވެ؟ ދުނިޔޭގައި މިއުޅެވެނީ އެވްރެޖްކޮށް ބަލައިފިނަމަ އެންމެ 60 ވަރަކަށް އަހަރުގައެވެ.
މިބަޔާންކުރި ކަންކަމަށް ސަމާލުކަންދީގެން ވިސްނައިފިނަމަ ކޮންމެ ވަޤުތަކުވެސް މަރުވާންޖެހިދާނެކަމާއިމެދު ޣާފިލުވެގެން ހުރެވުން ކުޑަކޮށްލެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން