ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ނަސޭހަތްތެރިވަމެވެ.
ދުނިޔަވީ ކަންކަމާ ގުޅޭގޮތުން ދެމަފިރިން އެކަކު އަނެކަކަށް މަޢާފުކުރުމަށާއި، އަދި އެމީހުންގެ ދުނިޔަވީ ކަންކަމުން ބައެއް ކަންކަން ދޫކޮށްލުމަށް އިލްތިމާސްކުރަމެވެ. ސަބަބަކީ ދުނިޔަވީ ކަންކަމުގައި ކުށްތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.
ނަމަވެސް، ޙިކުމަތްތެރި ފިރިމީހާ އޭނާގެ އަނބިމީހާއާމެދު މަޑުމައިތިރިކަން ގެންގުޅެ، އޭނާގެ ހެޔޮ ޢަމަލުތަކަށް އިސްކަންދީ، ކުރިން ހިނގާދިޔަ ނޭދެވޭ ކަންތައްތައް ހަނދާނުން ފުހެލުމަކީ މުހިންމު ކަމެކެވެ.
قال رسول الله ﷺ: لا يَفرَكْ مؤمن مؤمنة، إن كره منها خُلقًا رضي منها آخر
ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "މުއުމިނަކު މުއުމިނާއަކަށް ނުރުހުމެއް ނުބަހައްޓާހުށިކަމެވެ. އޭނާގެ ކިބައިން އެއް އަޚްލާޤަކަށް ނުރުހުނު ކަމުގައިވިޔަސް، އެހެން އަޚްލާޤަކަށް ރުހޭނެއެވެ. "
މި ޙަދީޘްގެ އަލީގައި، ވިސްނުންތެރި މުއުމިނަކު ދީނީ ކަމަކާ ނުގުޅޭ ދުނިޔަވީ ކަމެއްކަމަށް ދެކޭނަމަ، އެކަން ދޫކޮށްލައި، އެ ފަރާތެއްގެ ކިބައިގައިވާ އެހެނިހެން ހެޔޮ ސިފަތަކާއި މަތިވެރި ޢަމަލުތަކަށް އަހައްމިއްޔަތުކަން ދިނުމަކީ މުހިންމު ކަމެކެވެ.
އަދި އަނބިމީހާ، ﷲ އަށް އުރެދުމެއް ނެތް ކަންކަމުގައި އޭނާގެ ފިރިމީހާއަށް ކިޔަމަންވުމަކީ މުހިންމު ކަމެކެވެ. މިކަމާ ގުޅޭގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ:
لو كنتُ آمِرًا أحدًا أن يسجدَ لأحدٍ، لأمرتُ المرأةَ أن تسجدَ لزوجِها "
މާނައީ:ތިމަންކަލޭގެފާނު އެއްވެސް އިންސާނަކަށް އެހެން އިންސާނަކަށް ސަޖިދަކުރުމަށް އަމުރުކުރައްވާ ކަމުގައިވާނަމަ، ހަމަކަށަވަރުން ތިމަންކަލޭގެފާނު އަންހެނާއަށް އޭނާގެ ފިރިމީހާއަށް ސަޖިދަކުރުމަށް އަމުރުކުރެއްވީމުހެވެ."
މިއީ އަނބިމީހާގެ މައްޗަށް ފިރިމީހާގެ ޙައްޤު ބޮޑުކަން ދޭހަކޮށްދޭ ކަމެކެވެ.
ވީމާ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނުންނަށް ބަޔާންކޮށްދެއްވާފައިވަނީ އެބައިމީހުންގެ މައްޗަށް ފިރިމީހާގެ ޙައްޤު ބޮޑުކަމެވެ. އެހެންކަމުން، ދެމަފިރިންގެ ދެމެދުގައި އޮންނަންވާނީ އެކަކު އަނެކަކަށް އިޙްތިރާމްކުރުމާއި، ލޯބިވުމާއި، އެކަކު އަނެކަކަށް އިޚްލާޞްތެރިވުމުގެ ގުޅުމެކެވެ.
- ޝައިޚް ސުލައިމާން އައްރުޙައިލީގެ ދަރުސަކުން