ކީރިތި ޤުރުޢާން އަހަރެމެންނަށް ބާވައިލެއްވުނީ ޓެކްނޮލޮޖީއާއި ޢިލްމީގޮތުން އަހަރެމެންގެ ބުއްދިއަށް މާބޮޑު އަލިކަމެއް ލިބިފައިނުވާ ޒަމާނެއްގައިއެވެ. ދުނިޔެ އުފެދުމާއި ކާއިނާތުގައިވާ އެންމެހާ ތަކެއްޗާގުޅޭ މާގިނަ މައުލޫމާތުތަކަކާއި ހޯދުންތަކެއް އޭރަކު ނެތެވެ. ނަމަވެސް އެހުރިހާ ތަކެއްޗެއްގެ އެންމެ ފުރިހަމަ މައުލޫމާތުތައް، އެޒަމާނުގެ ފޮތަކުން ފެނިގެން ދިޔުމަކީ އަހަރެމެން ވިސްނާ ފިކުރުކުރަންވީ މުހިއްމުކަމެކެވެ. ދުނިޔެއާއި ދުނިޔޭގައި ވާހާ އެންމެހާ ތަކެއްޗެއްގެ ޢިލްމު، އެންމެ މޮޅަށް ދެނެވޮޑިގެންވާނީ އެތަކި އުފައްދަވާ، ޚަލްޤުކުރެއްވި ފަރާތްނޫނީ ކޮންފަރާތެއްހެއްޔެވެ؟
އެކަލާނގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމުގެ އެންމެ ބޮޑު އެއް ހެކިކަމުގައިވާ ކީރިތި ޤުރުޢާން، އަހަރެމެންގެ އަތްމަތީގައި އޮންނައިރުވެސް އެކަލާނގެއަށް އުރެދެނީއެވެ. ކަލާނގެއެއް ނުވާކަމަށް ދެކޭމީހުންވެސް ވަކި މަދެއްނޫނެވެ. ހަވާނަފްސަށާއި ދުނިޔޭގެ ވަގުތީ އުފަލަށް މީހަކު ގެއްލޭނީ އެވަރަށެވެ. ބުއްދީގެ ބޭނުން ހިފަން ނޭނގެނީބާވައެވެ. ވިސްނާ ފިކުރުކޮށްފި ކޮންމެ މީހަކަށް ކީރިތި ޤުރުޢާނުގެ ކޮންމެ އާޔަތަކީވެސް އިބުރަތުންފުރިގެންވާ ހަނދާންކޮށްދިނުމެކެވެ. އެފޮތުގައިވާ، އެންމެ އާދަޔާ ޚިލާފު ބައެއް މުޢުޖިޒާތްތަކަކީ، ކާއިނާތު އުފެދިފައިވާ ގޮތްތަކާމެދު އައިސްފައިވާ އާޔަތްތަކެވެ.
· ދުނިޔެ އުފެދިގެން އައި ގޮތް
ދުނިޔޭގެ އެންމެ މޮޅު އެއް ސައިންޓިސްޓް ކަމަށްވާ އަލްބާރޓް އައިންސްޓައިން ބުނީ، ކާއިނާތަކީ ފުއްޕާހަމެއްހެން ބޮޑުވަމުން އަންނަ އެއްޗެއްކަމަށެވެ. މުޅި ކާއިނާތް އައީ، ސީދާ ކޮންމެވެސް އެއް ހިސާބަކުން ފެށިގެން، ބޮޑުވެ، ފުޅާވަމުންނެވެ. " ދަ ބިގް ބޭންގް ތިއޮރީ" އުފެދިގެން އައީ އެޚިޔާލުގެ ދަށުންނެވެ. ކީރިތި ޤުރުއާނުގައި އެކަލާނގެ ވަނީ މާކުރިން އަހަރެމެންނަށް އެވާހަކަ ބަޔާންކޮށްދެއްވަވައިފައެވެ.
"ހަމަކަށަވަރުން، އުޑުތަކާއި ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން އީމާންނުވަނީ ހެއްޔެވެ؟ އަދި އެއުރެންނާއިގެން އެބިން ތެޅިފޮޅިގެންފާނެކަމަށްޓަކައި، ހަރުލައި ހުންނަ ފަރުބަދަތައް ތިމަންރަސްކަލާނގެ ބިމުގި ލެއްވީމެވެ. އަދި އެބިމުގައި، ބޮޑެތި ތަނަވަސް މަގުތައް ލެއްވީމެވެ. އެއީ، އެއުރެންނަށް މަގު އެނގުމަށްޓަކައެވެ."
(21:30-31)
މިއާޔަތުގައި އަދި އެ ކިޔައިދެނީ ދިރޭ ކޮންމެ އެއްޗެއްވެސް އެކަލާނގެ ހެއްދެވީ ފެނުންކަމެވެ. އެއީ މިހާރު ސައިންސްވެރިން ޤަބޫލުކޮށްފައިވާ ޙަޤީގަތެކެވެ.
ދުނިޔެއަށް މަޝްހޫރު ޖައްވާ ބެހޭ އިދާރާ، ނާސާ (NASA) އިން، އިންސާނުންނަށް ދިރިއުޅެވޭނެފަދަ ގުރަހަތައް (planets) ހޯދާއިރު، އެތަނުގައި ފެންވޭތޯ ބަލައެވެ.
· މުޅި ޢާލަމް ފެތުރިފައިވާ ގޮތް
މުޅި ކާއިނާތް ފުޅާކޮށް، ފަތުރުއްވަމުންދާވާހަކަވެސް ޤުރުއާނުގައި އައިސްފައިވެއެވެ.
"ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ، ތަންމައްޗެއްގެ ގޮތުގައި ބިންގަނޑު ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ! ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. އެއި ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."
(51:47-49)
· ދުނިޔޭގެ ނިމުން
ކާއުނީ ޢިލްމުވެރިންގެ އެންމެ ބޮޑު އެއް ސުވާލަކީ، މި ކާއިނާތު އަބަދުގެ އަބަދަށް ފުޅާވެ، ބޮޑުވަމުން ދިޔުމުގެމަތީ ދެމިހުންނާނީތޯއެވެ. ނުވަތަ އެންމެ ފަހުން ކާއިނާތައްވާނީ ކިހިނެއްތޯއެވެ. ކާއިނާތުގެ ނިމުން އަންނާނީ ކިހިނަކުންތޯއެވެ. އެސުވާލަށްވެސް މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ވަނީ ޖަވާބުދެއްވާފައިއެވެ.
"އެދުވަހަކީ، ފޮތްތަކުގެ ފަތްފުށް ފަތްޖަހާލެވޭ ފަދައިން، ތިމަންރަސްކަލާނގެ އުޑު ފަތްޖައްސަވައިލައްވާ ދުވަހެވެ. އެންމެ އުފެއްދެވި ފަދައިން، އެތަކެތި އަލުން އިޢާދަކުރައްވާ ހުށީމެވެ. އެއީ ތިމަންރަސްކަލާނގެ މައްޗައް އޮތް ވަޢުދެކެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެކަންތައް ކުރައްވާހުށީމެވެ." (21:104)
· އެހެނިހެން ދިރުންތައް
އަހަރެމެން އިންސާނުން ފިޔަވާ އެހެނިހެން ތަކެތި، ދުނިޔެއާއި ކާއިނާތުގައި ވާކަމާމެދު ޢިލްމުވެރިން އެތަކެއް ހޯދުންތަކެއް ކުރެވިފައިވެއެވެ. އަދިވެސް ދަނީ ކުރަމުންނެވެ. އެކަލާނގެ ޚަލްޤުކުރެއްވި ދިރުންތަކާމެދު، މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާ ވަޙީކުރެއްވިއެވެ.
"އަދި އުޑުތަކާއި، ބިމާއި، އެ ދެތާނގައި ފަތުރުއްވާފައިވާ ދިރޭތަކެތި ހެއްދެވުމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާކަމެކެވެ. އަދި، އެކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާހިނދު، އެތަކެތި އެއްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (42:29)
އިންސާނުން އެހާމެ ފުރިހަމައަށް ޚަލްޤުކުރައްވާ، އުފެއްދެވި ރަސްކަލާނގެ، އަހަރެމެންނަށް ނުފެންނަފަދައިންނާއި، ޓެކްނޮލޮޖީގެ ވަޞީލަތްތައް ނުފޯރާ ހިސާބުތަކުގައި އެތަކެއް ދިރުންތަކެއް އުފައްދަވާ، ޚަލްޤުކުރައްވާފައިވެދާނެކަމާއިމެދު ނިކަން ޚިޔާލުކޮށްލާށެވެ. ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ، ޢާލަމްތަކުގެ ވެރި، ﷲ ޞުބުޙާނަހޫ ވަޠަޢާލާއެވެ.
މުހިއްމީ އަހަރެމެންގެ ބުއްދިއަށް ވިސްނާފިކުރު ކުރުމުގެ ތަނަވަސްކަންދިނުމެވެ.
https://rationalreligion.co.uk/9-scientific-miracles-of-the-quran/