ބައިވެރިޔާގެ ފަރާތުން ގިނައިން ފެންނަނީ ރަނގަޅު ކަންކަންނަމަ އޭނާގެ ކިބައިން ފެންނަ ކުދިކުދި އެހެން ކަންކަން މައްސަލައަކަށް ހަދައި އޭނާ ބަދުނާމުކޮށްގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ބައިވެރިޔާގެ ފަރާތުން ގިނައިން ފެންނަނީ ރަނގަޅު ކަންކަންނަމަ އޭނާގެ ކިބައިން ފެންނަ ކުދިކުދި އެހެން ކަންކަން މައްސަލައަކަށް ހަދައި އޭނާ ބަދުނާމުކޮށްގެން ނުވާނެ!

އަނެކާގެ ކުށް ދައްކައި ބަދުނާމުކުރަމުން ހިނގުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. އެންމެ ހިތާމަހުރި އެއްކަމަކީ ޙަޔާތުގެ ބައިވެރިޔާއާއިމެދުގައިވެސް އެގޮތަށް ކަންތައް ކުރެވޭކަމެވެ. ބައިވެރިޔާގެ ކިބައިން ގިނައިން ފެންނަނީ ރަނގަޅު ކަންކަން ނަމަވެސް އެކަންކަމުގެ ވާހަކަ ދައްކަނީ މަދުމީހެކެވެ. މަދުން ނަމަވެސް ކުށެއް ކުރެވޭނަމަ އެވާހަކަ ހިފައިގެން ގިނަ ބައަކު ހިނގައެވެ.  

އަހުރެންގެ އަމިއްލަ ތަޖުރިބާއިން ވާހަކައެއް ބުނެލާނަމެވެ. އަލްޙަމްދުލިﷲ އަހުރެންގެ އަނބިމީހާއަކީ ވަރަށް ހެޔޮލަފާ ރަނގަޅު އަންހެނެކެވެ. އެހެންކަމާއިއެކުވެސް ކޮންމެ ދެމީހެއްގެ މެދުގައިވެސް ޚިޔާލު މުޅިން އެއްގޮތް ނުވާ ކަންތައްތަކެއްވެސް ހުންނާނެތާއެވެ.  

އެހެނަސް ދުވަހަކުވެސް އަހުރެންގެ މައިންބަފައިންނާއި ހަމައަކަށް އެއިން އެއްވެސް ކަމެއް ނުގެންދަމެވެ. މައިންބަފައިންގެ ކުރިމަތީގައި އަބަދުވެސް ދައްކަނީ އޭނާގެ ރަނގަޅުވާހަކައެވެ. އަދި އެކުވެރިންގެ ގާތުގައިވެސް ވާހަކަ ދައްކަނީ ހަމައެގޮތަށެވެ. 

އެގޮތަށް ކަންތައް ކުރަންޖެހޭ ސަބަބަކީ އަނބިމީހާގެ ކިބައިން ފެންނަ ކޫސަނި ކުދި ކަންކަމަށްވުރެ އޭނާގެ ޢަމަލުތައް މާރަނގަޅުކަމެވެ. އެހެންކަމަށްވާއިރު ޖެހޭ ކުދިކުދި މައްސަލަތަކުގެ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟  

އެނގޭހެއްޔެވެ؟ އަނބިންނަކީ އަބަދުވެސް އެމީހުންނަށް ތަޢްރީފްކުރާކަން އެނގެން ބޭނުންވާނެ ބައެކެވެ. އެމީހުން ބޮޑަށް އުފާވާނީވެސް އެހެން މީހެއްގެ ކިބައިން އެއަޑު އިވުމުންނެވެ. "ކަލޭގެ ފިރިމީހާ ކަލެއަށް ހާދަ ތައްރީފެއް ކުރެއެވެ. މިވެނި އެވެނި ވާހަކަތަކެއްވެސް ދެއްކިއެވެ." ބުނާއަޑު އިވުނީމާ ވަރަށް އުފާވާނެއެވެ.  

އަނބިންނަށް އަޑުއިއްވައިވެސް ތައްރީފްކުރަންވާނެއެވެ. ސީދާ އަޑުއިވުމުންވެސް އުފާވާނެއެވެ. ނަމަވެސް އެހެން މީހެއްގެ ކިބައިން އެނގުމުން އުފާވާލެއް މާބޮޑުވާނެއެވެ.  

މިޒަމާނުގައި ރަނގަޅު އެކުވެރިން މަދުވާނެއެވެ. އެހެންވީމާ އަނބިމިހާ އާއިމެދު ދައްކާ ރަނގަޅު ވާހަކަތައް ބައެއް ފަހަރު އަނބިމީހާ އާއި ހަމައަށް ގެންދަނީ ބަދަލުކޮށްލައިގެންނެވެ. ފިތުނަ އުފެދޭނެ ގޮތަށެވެ. ވީމާ މިއީވެސް ވިސްނާލަންޖެހޭނެ ކަމެކެވެ.  

ކޮންމެއަކަސް އަހުރެންގެ ނަޞޭޙަތަކީ ދެމީހުންގެ މެދުގައި ޖެހޭ ކަންކަން ޙައްލުނުކުރެވިގެން ނޫނީ މައިންބަފައިންނާއި ހަމައަށްވެސް ނުގެންދިއުމެވެ. ކައިވެނިކުރަނީ ބޮޑުވުމުންނެވެ. ބޮޑުވީމާ އެފަދަ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ކުޅަދާނަކަން ހުންނަންވާނެއެވެ. އެހެންކަމާއިއެކުވެސް މައްސަލައެއް ޙައްލު ނުކުރެވި ގޯސްވަމުންދާނަމަ ފުރަތަމަ ކަމަކަށްވެސް މައިންބަފައިންގެ ލަފާހޯދަންވާނެއެވެ. އެއީ އެމީހުންގެ ތަޖުރިބާ ބޮޑުވާނެތީއެވެ. އެކަމަކުވެސް ވިސްނައިލާށެވެ! މައިންބަފައިންނަކީ ހެޔޮލަފާ ތަޤްވާވެރިންކަމުގައި ވާނަމައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން