ފިރިހެން ދަރިފުޅު ކައިވެނިކޯށްގެން އަނބިމީހާ ގެއަށް ގެނައުމުން މަންމަ އާއި ބައްޕަ ހޫނު މަރުޙަބާއެއް ކިޔެވެ. އެއްވެސް މަސައްކަތެއް ކުރަން ނުބުނެ އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލިއެވެ. އެފުރުޞަތުދިނީ ޢޭނާގެ އުޅުން އިމްތިޙާނުކުރުމަށެވެ.
ދާދި އަވަހަށް މަންމަޢާއި ބައްޕަގެ ޝަކުވާތައް ފިރިމީހާ ގާތުގައި ކުރަން ފެށިއެވެ. އެކަމަކު ފިރިމީހާ އެއްވެސް ޖަވާބެއް ނުދެއެވެ. އަޑުއިވުނު ކަމަށްވެސް ނުހަދައި ހުރީއެވެ.
އެއްރެއެއްގެ ކެއުމުގެ ވަޤުތެވެ. މަންމަ ކައްކާފައި ހުރި އެއްޗެތި ކަމަކު ނުދިއައެވެ. މީރެއްވެސް ނުވިއެވެ. އެހެންވެ ޝަކުވާކުރަން ފެށުމުން ފިރިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ބުންޏެވެ! "ތިއަދެން ކަންކަން މާމައްޗަށް ދަނީއެވެ. އަހުރެން މިވަރުވެފައި މިހުރީ މަންމަ ކެއްކި އެއްޗެތި ކައިގެންނެވެ. އަހުރެންނަށް ވަރަށް މީރެވެ. އަހުރެންނަށް ވަރަށް ކަމުދެއެވެ. ދެން އޮތީ ތިބާއަށް މީރުނުވުމެވެ. އެހެންވީމާ އެކަމަށް އޮތް ޙައްލުވެސް ބުނާނަމެވެ. އަމިއްލައަށް ކައްކައިގެންކާށެވެ! ކައްކަންވާނީ އަހުރެންނާއިވެސް ލައިގެންނެވެ."
އަނބިމީހާ ބުންޏެވެ. "މިވަރުގެ ބަހެއް ބުނާއިރަށް ތިއަވަރަށް ރުޅިއަންނަން ޖެހޭ ހެއްޔެވެ؟ ޖަވާބުގައި ފިރިމީހާ ބުންޏެވެ. "މިވަރު އަދި މާކުޑައެވެ. ކައިވެނިކޮށްގެން މިގޭގައި އުޅެން ނިންމި ހިސާބުން އަހުރެން މަންމަ ޢާއި ބައްޕަ ދެކެ ލޯބިވާވަރުކިޔައިދިނީމެވެ. ޢުމުރުން މިހައިވަރުވެފައިހުރިއިރުވެސް ނުރުހުމުގެ ބަހެއްވެސް ނުބުނަމެވެ. ނުވެސް ބުނާނަމެވެ. މިބުނަނީ ކުށެއް ނުކުރަނީސް ނުބުނާނެ ވާހަކައެވެ."
އަނބިމީހާ ބުނީ އެހެންވެއްޖިއްޔާ އެކުގައި އުޅެން ބޭނުން ނޫން ކަމަށެވެ! އެނބުރި ގެއަށްދާނީ ކަމަށެވެ. ފިރިމީހާ ބުނީ އެކަމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ. އަނބިމީހާ ބުނީ އެހެންވެއްޖިއްޔާ އަހުރެން ދެކެ ލޯބިވާކަމަށްބުނެ ހަދަމުން އައީ ދޮގު ނޫން ހެއްޔެވެ؟ ފިރިމީހާގެ ޖަވާބަކަށްވީ އަނބިމީހާ ދެކެވާ ލޯތްބާއި މައިންބަފައިން ދެކެވާ ލޯތްބަކީ ތަފާތު ލޯތްބެއް ކަމަށެވެ.
އަދިވެސް ބުންޏެވެ. "އަހުރެންނަށް ވަރަށް ބޮޑެތި ކުށްތައް ކުރެވުނެވެ. މަންމަމެން އަހުރެން އެއްލައިލާ ވާހަކައެއް ދުވަހަކުވެސް ނުދައްކައެވެ. އެކަމަކު މިރޭ މިދިމާވި ކަންތަކުގައި ބުނަން އޮތް އެންމެ ޙައްޤުބަސް ބުނީމާ ތިއައުޅެނީ އަހުރެން އެއްލާލާފައި ދާށެވެ. އެހެންވީމާ ތިބާ އަހުރެން ދެކެ ލޯބިނުވާކަން މިހާރުވެސް މިއޮތީ އެނގިފައެވެ.
އަނބިމީހާއަށް ޙަޤީޤަތް ވިސްނި ރޮވުނެވެ. މަންމަގެ ދެފައިމައްޗަށް ތިރިވެ މާފަށް އެދިފައި ބުންޏެވެ! "މަންމާއެވެ! މާފުކުރާށެވެ! އިރާދަކުރެއްވިއްޔާ ދެން އަޅުގަނޑުގެ ކިބައިން ކުށެއް ނުފެންނާނެއެވެ. އަޅުގަނޑަށް މަްނމައާއި ބައްޕަގެ ދިރިއުޅުމުން ކަންކަން ދަސްވެފައި ހުރި ގޮތަށް ބަސްބުނެވުނީއެވެ. ދެން ވިސްނާނަމެވެ."
މަންމަ ބުނީ ތިއަހުންނަނީ ވެދާނެ ގޮތެވެ. މިމަންމަޢާއި ބައްޕަ މިއުޅޭ ގޮތް ބަލައި ދަސްކުރާށެވެ! ފިރިމީހާއާއިމެދު އެގޮތަށް ކަންކަން ކުރާށެވެ! މިގޭގައި ތިއައީ ރާނީއެވެ. ރަސްކަލަކީ ތިއަ ދަރިފުޅުގެ ފިރިމީހާއެވެ. އެކަމަކު ފުރަތަމަ ކަމަކަށް ދަސްކުރާށެވެ! ގޭގެ ޙަޤީޤީ ރާނީކަމަށް ވެވޭނީ ތާޖުއަޅައިގެން ތަޚުތުގައި އިނދެގެނެއް ނޫނެވެ. ރާނީގެ މަސްއޫލިއްޔަތު އަދާކޮށްގެންނެވެ. އެއީ ގޭގައި ކުރަންޖެހޭ މަސައްކަތުގައި މަންމައާއި އެއްބައިވެ މަސައްކަތްކުރުމެވެ.
މިމަންމަ މިމަންމަގެ ފިރިމީހާއަށް ޚިދުމަތްކުރާ ގޮތް ދަސްކޮށް ހަމައެގޮތަށް ދަރިފުޅުގެ ފިރިމީހާއަށް ޚިދުމަތްކުރީމައެވެ. އަހުރެމެން ދެމަފިރިންގެ މޫނުމަތިން ހިނިތުންވުން ނޫންކަމެއް އެންމެ ފަހަރަކުވެސް ފެނުނު ހެއްޔެވެ؟ އެގޮތަށް އެތިބެވެނީ ކަންކަން ކުރިމަތިނުވާތީއެއް ނޫނެވެ. ކަންކަން ކުރިމަތިވީމާ ދެމަފިރިން މަޝްވަރާކުރާތީއެވެ. އެކަކު އަނެކަކަށް މާފުކުރާތީއެވެ. ކައިވެނި ކުރެވުމާއިއެކު އަހުރެމެންގެ ރަދީފުން ރުޅިއާއި ވަރި އޮންނާނީ ނަގައި ދުރަށްލައިފައެވެ. އެހެންވެ އެހިސާބަކަށް އެކަކުވެސް އެއްވެސް ކަމެއް ނުގެންދަމެވެ.
މިހައިތަނަށް މިހެން ނުބުނެ މިހުރީ ދަރިފުޅަށް އެކަން އަމިއްލައަށް ވިސްނޭތޯއެވެ. ނުވިސްނުނީމާ މިބުނީއެވެ."
އެޒުވާން ދެމަފިރިންގެ ކައިވެންޏަށް މިހާރު 12 އަހަރެވެ. އެއިގެ ފަހުން އެއްވެސް މައްސަލައެއް ނުޖެހެއެވެ. އުޅެމުން އަންނަނީ މައިދައިތަ ބުނެދިން ގޮތަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މައްސަލައެއް ޖެހުމުން އެފިރިމީހާ އެނިންމި ނިންމުމާއި އެއްގޮތަށް ކަންކަން ނިންމާނަމަ ކައިވެނި ކާމިޔާބުކުރެވޭނެއެވެ. އެނިންމުން ޤަބޫލުނުކުރިނަމަ ރަނގަޅުވާނީ އެއަންތބަކު އެހިސާބުން ދޫކޮށްލުމެވެ. ކުށެއް ނެތި މައިންބަފައިންނަށް އފްވެސް ނުބުނާށެވެ. ﷲ ގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. މައްސަލަ އެހައިފަސޭހައިން ޙައްލުވެގެން އެދިއައީ އެ ޒުވާނާ މަންމައަސް ކުރި ޤަދަރާއި އިޙްތިރާމުގެ ސަބަބުން ކަމަށްވުމަކީ އެންމެ ގާތުގައި އޮތް ކަންތަކެވެ.
މިކާމިޔާބީގެ ވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އެދެމަފިރިންގެ ކަންކަމާއި އެގޭގެ ކަންކަން ވަރަށް ގާތުން އެނގޭ އަންހެނެކެވެ.
- ޒުލޭޚާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް