ލޮބުވެތި ކަނބަލުންނޭވެ! ފިރިމީހާ އަށާއި ޢާއިލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ދަނިކޮށް ވަރިކޮށްލައިފިނަމަ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ އެއީ ދުނިޔެ ފެށުނީންސުރެ ހިނގަމުން އަންނަ ކަމެކެވެ. ތިބާއަކީ އެންމެ ފުރަތަމަ ވަރިކުރެވުނު އަންހެނާކަމަކަށްވެސް އަދި އެންމެ ފަހުން ވަރިކުރެވޭނެ އަންހެނާ ކަމަކަށްވެސް ނުވާނެއެވެ.
އަދި ކީއްހެއްޔެވެ؟ ތިބާ ވަރިކުރާނެކަން ﷲ ތަޢާލާގެ ފަތުގައި ވަނީ އެންމެ ކުރިންސުރެ ލިޔުއްވެވިގެންނެވެ. ވަރިކުރުމުން ތިބާ ކަންކަން ކުރާނެގޮތް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާ ޙާލުގައިވެސް ﷲ ތަޢާލާ ވޮޑިގެންވަނީ ތިބާ ޢަމަލުކުރާނެ ގޮތް ބައްލަވައި ވޮޑިގަތުމުގައެވެ.
އެކަން ހިނދުކޮޅަކަށްވެސް ހިތުން ފުހެލައިގެން ނުވާނެއެވެ. މާނައަކީ ﷲ ތަޢާލާ ތިބާއަށް ބައްލަވައި ވޮޑިގެންވެއެވެ. ނަމަނަމަ ފާފައެއް ނުކުރާށެވެ. ތިބާއަށް ކުރިމަތި ކުރެއްވެވި އިމްތިޙާނުން ފޭލްނުވާށެވެ! ފާސްވެއްޖެނަމަ ލައްވަވާނެ ބޮޑު ރަޙްމަތްފުޅަށް އިންތިޒާރުކޮށްގެން ކެތްތެރިވެލާށެވެ!
އަނބިމީހާގެ ކުށެއް ނެތި ވަރިކޮށްލާ ފިރިންނަށް، ޚާއްޞަކޮށް ދަރިން ލިބިފައިވަނިކޮށް ވަރިކުރާ ފިރިންނަށް ބުނެލަން އޮތީ އެއީ ނިކަމެތި އަންހެނަކަށްވެފައި ދަރިން ކުދިވީމާ ތިބާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެ ކަމަށާއި ހިތުހުރި ގޮތަކަށް ކަންކަން ކުރަން އުފަލުގައި ހުރެވޭނެ ކަމަށް ހީވެސް ނުކުރާށެވެ! އަނިޔާވެރި ވެއްޖެނަމަ ﷲ ތަޢާލާ ތިބާ ހިއްޕަވާނެތެވެ. ޚިޔާލަށްވެސް ނުގެނެވޭނެހައި ގޮތްގޮތުން ތިބާ ނިކަމެތިކުރައްވަވާނެތެވެ.
ވިސްނާށެވެ! ވަރިކޮށް 3 ހައިޟުން ޠޯހިރުވުމުން ޢިއްދަ ނިމިގެންދާނީ އަނބިމީހާގެއެވެ. ދަރިންގެ ބެލެނިވެރިކަން ދުވަހަކުވެސް ނުނިމޭނެއެވެ. ތިބާ ވިސްނިފަދައިން ކުޑަކުދިން ކަމަށްވީތީ އެދަރިންނަށް ތިބާގެ ކިބައިން މިއަދު ބަދަލު ނުހިފިވެސްދާނެއެވެ. އެކަމަކު އެދަރިންގެ ބެލެނިވެރިކަން ތިބާ އާއި ޙަވާލުކުރެއްވެވި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ.
މިވާހަކަ މިގޮތަށް ދެއްކޭލެއް ގިނަކަމުން އަބަދު މުފްތީ މެންކު މިހައިގިނައިން މިވާހަކަ އެދައްކަނީ ކީއްވެގެންކަމާއިމެދު ސުވާލު އުފައްދާ މީހުންނަށް ބުނެލަން އޮތީ ޅަދަރިން ނިކަމެތިވެ ޙާލުގައި ޖެހުމަށްވުރެ ވަކިން ބޮޑު މައްސަލައެއް ނެތެވެ. އޮތްނަމަ އެކަމެއް ނިކަން ދައްކައިބަލާށެވެ! އެއިރުން އެކަމުގެ ވާހަކަ ގިނައިން ދައްކަން މަސައްކަތްކުރާނަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން