ފާފައެއް ކުރެވިއްޖެނަމަ އެކަމަކުން ސަލާމަތް ކުރެއްވެވުން އެދިގެން ޢަމަލުކުޜާނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ކުރައްވާ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބުލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
މިރޭވެސް ފަށަމުން ފުރަތަމަ ބަހަކަށް ބުނެލަން ބޭނުންވަނީ ފާފައެއް ނުކުރެވޭނެ މީހަކު ނުހުންނާނެއެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ ފާފައެއް ކުރެވުމުން އަވަހަށް ތައުބާވާ މީހުން ދެކެއެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ކުރެވޭ އެންމެ ނުބައި އެއް ހީއަކީ ފާފައެއް ކުރެވިއްޖެނަމަ ތައުބާވާންވާނީ ހަމަޖެހިލައިގެން ފަހުން ކަމަށެވެ. ދެރަކްޢަތް ނަމާދެއް ނުވަތަ ދަމުނަމާދު ފަދަ ނަމާދެއްކުރުމަށްފަހުގައއިކަމަށެވެ. ނުވަތަ މާތްވެގެންވާ ދުވަހެއްގެ މާތްވެގެންވާ ވަގުތެއްގައި ކަމަށެވެ.
މިއީ މުޅިން ބާޠިލް ވިސްނުމެކެވެ. ކިތަންމެ ބޮޑުފާފައެއް ކުރެވުނު ކަމުގައިވީނަމަވެސް އެކަން އިޙްޞާޞްކުރެވޭ ހިނދު ވަގުތުން ތައުބާވެ އިސްތިޣްފާރު ކުރުމަށް އަވަސްވެގަންނާށެވެ. ފުރަތަމަކަމަކަށްވެސް لَا إِلٰهَ إِلَّا ٱلله ކިޔާށެވެ. އަދި ވިއްދައިގެން ހެޔޮ ޢަމަލެއް ކުރާށެވެ!
އެހެނީ ފާފަކުރެވެނީ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވުމުންނެވެ. ﷲ ތައާލާ އަންގަވާފައިވަނީ ފާފަނުކުރުމަށެވެ. ވީމާ ފާފަކުރެވެނީ އެކަލާނގެ އަމުރުފުޅަށް ބިރުވެތިކަން ކުޑަކުރެވުމުންނެވެ. ޝައިޠޯނާގެ ބަހަށް ހެއްލެވި ޝައިޠޯނާގެ އަމުރަށް ކިޔަމަންތެރިވެވުމުންނެވެ.
ވީމާ ފާފައެއް ކުރެވޭހިނދު ފުރަތަމަކަމަކަށްވެސް އޮތީ ﷲ ތަޢާލާ މަތިވެރިކުރުމެވެ. ﷲ ތަޢާލާ މަތިވެރިކުރުމަށް لَا إِلٰهَ إِلَّا ٱلله އަށްވުރެ މަތިވެރި ކަލިމައެއް ނުވެއެވެ. لَا إِلٰهَ إِلَّا ٱلله ކިޔަންވީ ދުލުކޮޅަކުން ނޫނެވެ. ހިތުގެ އަޑިންނެވެ. ހިތުގެ އަޑިން ކިޔުމުން ޝައިޠޯނާ ބަލިކަށިވެގެންދާނެއެވެ. އެހެނީ ހިތުގެ އަޑިން لَا إِلٰهَ إِلَّا ٱلله ކިޔައި އަދި ތިމާއަށް ކުރެވުނު ފާފަ ފުއްސަވައިދެއްވެވުން އެދި ﷲ ތަޢާލާއަށް ދެންނެވުމުން އެމީހެއްގެ ފާފަ ﷲ ތަޢާލާ ފުއްސަވައިދެއްވަވާނެތެވެ. އެއިރުން އެމީހާ ފާފަވެރިކުރުވައި ﷲ ތަޢާލާގެ މަގުން ބޭރުކުރުމަށް ޝައިޠޯނާ ކުރި ހުރިހާ މަސައްކަތެއް ފޭލްވެގެންދިއައީއެވެ. އެހާލަތުގައި ޝައިޠޯނާ މާޔޫސްވާނެ މިންވަރު ނިކަން ހިތަށް ގެނެސްބަލާށެވެ!
އަދި ކީއްހެއްޔެވެ؟ لَا إِلٰهَ إِلَّا ٱلله ކިޔުމަކީ ފާފަތައް ކޮށައިލާ ކަތުރެކެވެ. ހިތުން ޝައިޠޯނާގެ ވަސްވާސްތައް ބޭރުކޮށްލައި ﷲ ތައާލާގެ މަތިވެރިކަމުން ހިތްފުރައިލާ ކަމެކެވެ. އެހެންވެ ބައެއް ޢިލްމުވެރިން
لَا إِلٰهَ إِلَّا ٱلله ކިޔުން ސިފަކުރައްވަނީ އަލިފާނުން ދޮންކޮށްފައިވާ ދަނގަނޑުގަނޑަކަށް އައިސްފެން އަޅައި ނިއްވައިލުންކަމަށެވެ.
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން