މުސްލިމް އަޚުންނޭވެ! ބުއްދި ރައްކާތެރިކުރުމަކީ، އިސްލާމްދީން އެ ފަސްކަމެއް ރައްކާތެރިކުރުމަށްޓަކައި ބާވައިލެއްވުނު މައިގަނޑު މަޤުޞަދުތަކުގެ ތެރެއިން އެއް މަޤުޞަދެވެ. ބުއްދި ރައްކާތެރިކުރުމުގެ މުރާދަކީ އިންސާނާގެ ބުއްދިޔަށް ގެއްލުންވެދާނެ އެންމެހައި ކަންކަމާ ދުރުކޮށް، އިންސާނާ ރައްކައުތެރިކުރުމެވެ. އިންސާނާ ބޭނުންކުރާ ކާއެއްޗަކުން، ނުވަތަ ބޯއެއްޗަކުން، ނުވަތަ ކުރާ ޢަމަލަކުން، ނުވަތަ ވިސްނާ ވިސްނުމަކުން ވިޔަސް ބުއްދިއަށް އެ ކަމުގެ ނުބައި އަސަރުކުރާ ނަމަ އެއީ އިސްލާމްދީން ނަހީކުރާކަމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. -- މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރީން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތީން ރިޒުޤު ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ."
މުސްލިމް އަޚުންނޭވެ! މާތް الله އިންސާނާ އެހެން މަޚުލޫޤާތުތަކުގެ މައްޗަށް މާތްކުރެއްވީ އޭނާއަށް ދެއްވި ވިސްނުމާއި ބުއްދީގެ ބާރުންނެވެ. އޭނާގެ އުފެއްދެވުމާއި ޞޫރަކުރެއްވުން އެހެން މަޚުލޫޤުންނަށްވުރެ ފުރިހަމަވުމުންނެވެ. މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި ޞޫރައިގައި އިންސާނާ ހެއްދެވީމެވެ."[1] މާތް الله އިންސާނާއަށް ދެއްވި ބުއްދީގެ ބާރުން އޭނާއަށް ހެޔޮ ނުބައި، ޙައްޤާއި ބާޠިލު ވަކިކޮށް ދަނެގަންނާން އެނގެއެވެ. ބުއްދިއަކީ އިންސާނާއަށް ތަކުލީފު ލިބިގެންވާ ސަބަބުވެސްމެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (رُفِعَ الْقَلَمُ عَنْ ثَلَاثَةٍ: عَنِ النَّائِمِ حَتَّى يَسْتَيْقِظَ، وَعَنِ الصَّبِـيِّ حَتَّى يـَحْتَلِمَ، وَعَنِ الْـمَجْنُوْنِ حَتَّى يَعْقِلَ)[2] މާނައީ: "ތިން މީހެއްގެ މަތީން ގަލަން އުފުލިގެންވެއެވެ. (އެބަހީ: އޭނާގެ މައްޗަށް ކުށެއް ނެތެވެ.) ނިދައިފައި އޮތް މީހާ ހޭލުމާއި، ކުޑަކުއްޖާ ބާލިޣުވުމާއި، ބުއްދި ފިލައިގޮސްފައިވާ މީހާ ބުއްދި ހަމަޖެހުމަށް ދާންދެނެވެ."
މުސްލިމް އަޚުންނޭވެ! މާތް الله އިންސާނާއަށް ބުއްދި ދެއްވައިފައި ކައުނުގައި ތަފާތު ހެކިތައް ލައްވައި، ފޮތް ބާވައިލައްވައި އެ ހުރިހައި ކަމަކާ މެދު ވިސްނައި ފިކުރުކުރުމަށް އަމުރުކުރެއްވިއެވެ. އަދި ހެޔޮ ގޮތުގައި ބުއްދީގެ ބޭނުންހިފާ މީހުންނަށް މާތް الله މަދަޙައިގެ ބަސްފުޅު ވަޙީކުރައްވައިފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރީންނަށް ކަށަވަރުވެގެން ހުރި ހެކިތަކެއްވެއެވެ."[3]
އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ފަހެ، ޤުރްއާނާ މެދު އެއުރެން ވިސްނައި ފިކުރުނުކުރަނީހެއްޔެވެ؟ އެ ޤުރްއާނަކީ، الله ނޫން އެހެން ފަރާތަކުން އައި އެއްޗެއްކަމުގައިވީ ނަމަ، ގިނަވެގެންވާ ފުށުއެރުންތައް އެއިން އެއުރެންނަށް ފެނުނީހެވެ."[4]
މުސްލިމް އަޚުންނޭވެ! މާތް الله އިންސާނާއަށް ދެއްވި ބުއްދީގެ ނިޢުމަތް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން އިންސާނިއްޔަތު ކުރިއަރައިފައިވަނީ ކިހާ ވަރަކަށްހެއްޔެވެ؟ ސައިންސާއި ފަންނިއްޔާތާއި ތަފާތު އެކިއެކި ދާއިރާތަކުގައި އިންސާނާ އޭނާ ހޯދައިފައިވާ ކުރިއެރުންތަކާ މެދު ވިސްނައިފި ނަމަ، އޭނާ އަންތަރީސްވާނެއެވެ. މި ކައުނުގައި އިންސާނާއަށް ދެނެގަނެވިފައިނުވާ ކިތައްކިތައް ކަންތައް ވާނެހެއްޔެވެ؟ އެހެންކަމުން އިސްލާމީ ޝަރީޢަތުގައި اللهއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވަނީ ޢިލްމު އުނގެނުމަށެވެ. ޢިލްމީ ދިރާސާތައްކުރުމަށާއި ތަފާތު ހޯދުންތައް ހޯދުމަށެވެ. ދުނިޔެއާއި އާޚިރަތުގެ ލާބަޔާއި މަންފާ ލިބިގަތުމަށް ޓަކައި މަސައްކަތްކުރުމަށެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (طَلَبُ الْعِلْمِ فَرِيْضَةٌ عَلَى كُلِّ مُسْلِمٍ)[5] މާނައީ: "ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުކަމެކެވެ." ހަމަ އެފަދައިން މަސައްކަތްކުރުމަށް ބާރުއަޅުއްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ނަމާދުކޮށް އަވަދިވެއްޖެ ހިނދު، ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙާޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން اللهގެ ފަޟްލުވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން الله ހަނދުމަކުރާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށް ޓަކައެވެ."[6]
މުސްލިމް އަޚުންނޭވެ! ކަން މިހެން ހުރިއިރު މި ކުޑަކުޑަ މުސްލިމު މުޖުތަމަޢުގައި އިންސާނާގެ ހަމަބުއްދިއަށް އަސަރުކުރާ ފަދަ ނޭއްގާނީ ޢަމަލުތައް ކުރާކަމީ ހިތާމަކުރާންޖެހޭ ކަމެކެވެ. މި ވަގުތީ ޙަޔާތުގައި ތިމާއަށް ލިބޭ ވަގުތީ ހިތްހަމަޖެހުމަކާއި ފައިސާގެ ދަހިވެތިކަމުގައި މި ފަދަ އެއްޗެހި ވިއްކާ މީހުންނާއި ބޭނުންކުރާ މީހުން، މާތް الله އެބައިމީހުންގެ ޢަމަލުތަކަށް ބައްލަވައިވޮޑިގެންވާކަމާ މެދު ޣާފިލުވަނީ ހެއްޔެވެ؟ ޣާފިލުކަންމަތީގައި ވަނިކޮށް، ކުއްލިއަކަށް މަރު އައިސް ތިބާއާ ބައްދަލުކޮށްފާނެކަމާ މެދު ބިރުވެތި ނުވަނީ ހެއްޔެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعِ خِصَالٍ : عَنْ عُمُرِهِ فِيْمَا أَفْنَاهُ، وَعَنْ شَبَابِهِ فِيْمَا أَبْلَاهُ، وَعَنْ مَالِهِ مِنْ أَيْنَ اكْتَسَبَهُ وَفِيْمَا أَنْفَقَهُ، وَعَنْ عِلْمِهِ مَاذَا عَمِلَ فِيْهِ).[7] މާނައީ: "ޤިޔާމަތްދުވަހު ހަތަރު ކަމަކާ މެދު ސުވާލުވެވިއްޖައުމަށް ދާންދެން އަޅާގެ ފައިތިލަ ހިސާބު ބެއްލެވުމަށް ހުރި ތަނުން ގުޑުވައެއް ނުލެވޭނެއެވެ. އޭނާގެ ޢުމުރު ފަނާކުރި ގޮތާއި، ޒުވާންކަން ހޭދަކުރި ގޮތާއި، މުދާ ހޯދި ގޮތާއި، އެ މުދާ ހޭދަކުރި ގޮތާއި، އޭނާއަށް ލިބިފައިވާ ޢިލްމު ބޭނުންކުރި ގޮތާ މެދުގައެވެ."
މުސްލިމް އަޚުންނޭވެ! ތިމާ ކުޅަކޮންމެ ޢަމަލެއް ވެސް އެ ދުވަހުގައި ބައްލަވައި އެ ކަމަށް ޖަޒާ ދެއްވާނޭކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެ މީހަކަށް) ދެއްވާނެތެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާ މެދު، ކުށްވެރިން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މި ފަތަށް މި ވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަ ކަމެއް ވިޔަސް، އަދި ބޮޑު ކަމެއް ވިޔަސް، އެ ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެއެވެ. އަދި އެއުރެންކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައިވާތީ، އެއުރެން ދެކޭނެތެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއްނުގަންނަވަތެވެ."[8]
މުސްލިމް އަޚުންނޭވެ! އޮންލައިންކޮށް ޖުވާކުޅުމާއި ގޮތްނޭނގޭ ތަފާތު އިސްކީމުތަކުގައި ބައިވެރިވުމީ އެ ކަމަށް ދެވިހިފައި މާތް الله ތިމާއަށް ދެއްވި ހަމަބުއްދީން ވިސްނައިފިކުރުކުރުމަށް ހުރަސްއެޅި ޝައިތާނާގެ ދަންތުރައިގައި ޖެހިދާނެ ކަންކަމެވެ.
މުސްލިމް އަޚުންނޭވެ! ވަލުޖަނަވާރުންނާއި އިންސާނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ މާތް الله އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ނިޢުމަތެވެ. މާތް الله އިންސާނާއަށް ދެއްވައިފައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުހިފައި ތިމާގެ ހަވާނަފުސަށް ހެއްލި ހިތުހުރި ގޮތަކަށް އުޅޭ އިންސާނާ ވެއްޓިފައިވަނީ، ހަގީގަތުގައި ވެސް ވަލުޖަނަވާރުންނަށްވުރެ ދަށު ދަރަޖައަކަށެވެ. މިކަން ބަޔާންކުރައްވައި މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ނުވަތަ އެއިގެތެރެއިން ގިނަމީހުން އަހާކަމަށް، ނުވަތަ ވިސްނާކަމަށް، ކަލޭގެފާނު ހީފުޅުކުރައްވަމުތޯއެވެ؟ ޖަނަވާރުތަކެއް ފަދައިން މެނުވީ، އެއުރެން ނުވެތެވެ. އަދި ކިއެއްތަ! އެއަށް ވުރެ ވެސް އެއުރެންގެ މަގުފުރެދުން ބޮޑެވެ."[9]