ﷲ ތަޢާލާއީ ގިނަގިނައިން ފާފަ ފުއްސަވައިދެއްވަވާ އަދި ފާފަފުއްސަވައިދެއްވެވުމަށް ލޯބިވެވޮޑިގަންނަވާ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ޣަފޫރުއްރަޙީމްއެވެ. އެހެންކަމާއިއެކުވެސް އެއް ފާފައެއް ގިނަގިނައިން ކުރެވި ތައުބާވާން ޖެހޭނަމަ އިތުރަށް ވިސްނާލައި ބިރުވެތިވާންޖެހޭނެއެވެ. އެކަން ތަކުރާރު ކުރަން ނުޖެހޭނެ ގޮތެއް ހޯދަން މަސައްކަތްކުރަންވާނެއެވެ. ދީނުގައި ސާބިތުކަން ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންޖެހެނީ އެސަބަބަށްޓަކައެވެ.
މީހަކު ކުށް ކުރުމުން މާފުކުރަނީއެވެ. ނަމަވެސް ތަކުރާރުކޮށް އެއް ކުށަކަށް 3،4،5، މިހެންގޮސް އެތައްފަހަރަކު މާފުކުރަން ޖެހުމުން ކޮންމެ މީހަކުވެސް ވިސްނައިލާނެއެވެ. މިކުރެވޭ މާފަކީ އެމީހާ ކުށް ތަކުރާރު ކުރުމަށް ދެވޭ ހިތްވަރަކަށް ވެދާނެ ކަމަށް ބިރުވެތިވާނެއެވެ.
އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ރަސޫލް (ﷺ) ވަނީ މިސްތަކުންނަށް މާފްކުރެއްވެވުމުގައި ނަމޫނާ ދައްކަވައިފައެވެ. އިތުރު އެކަލޭގެފާނަށް މަލާމާތާއި ފުރައްސާރަކުރަމުން އަނިޔާކުރަމުން ގޮސް ހަށިކޮޅުން ލޭފޮދު އޮހޮރުވި އިރުވެސް ކެތްތެރިވެވަޑައިގެންނެވިއެވެ. އެމީހުންނަށް ޢަޛާބް ދެއްވެވުމަށް ބޭނުންފުޅެއް ނުވިއެވެ. ނަމަވެސް ވަކި ހިސާބަކުން މުޝްރިކުންނާއި ހަނގުރާމަ ކުރެއްވެވި ނޫން ހެއްޔެވެ؟
ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ކުށް ކުރެވުމުން އޮތީ ވީހައި އަވަހަކަށް ތައުބާވުމެވެ. އެހެން ނަމަވެސް އެއްކުށެއް ތަކުރާރުކުރެވިގެން ގިނަގިނައިން ތައުބާވާން ޖެހޭނަމަ ބިރުވެތިވެ އިތުރަށް ވިސްނަން ޖެހޭނެއެވެ. އެހެނީ ތައުބާވުމަށް އެދޭއިރު އެ ކުށް އަލުން ތަކުރާރު ނުކުރަން ޢަޒުމް ކަނޑއަޅަން ޖެހެއެވެ. ވައުދުވެސް ވާން ޖެހެއެވެ. ޢަޒުމް ކަނޑައެޅި ނަމަވެސް ވައުދުވި ނަމަވެސް އަލުން ކުށް ކުރެވެނީ އިންސާނާގެ ބަލިކަށިކަމުންނެވެ. ވީމާ އެ ބަލިކަށިކަމުން އަރައިގަންނަން މަސައްކަތްކުރަން ޖެހޭނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން