ކޮންމެ ނަމާދެއްވެސް ކުރުން މޮޅު އިތުރުވެގެންވަނީ ޖަމާޢަތުގައެވެ. އެއީ ޘަވާބު 27 ގުނައަށް އިތުރުކުރައްވަވާނެތީއެވެ. އެހެންކަމާއިއެކުވެސް ވިސްނާލަންޖެހިފައިވާ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އިން ޝާ ﷲ
މެދުނަމާދަކީ ޢަޞްރުނަމާދުކަމަށް ބަލައި ބައެއް މީހުން ޖަމާޢަތުގައި ހަމައެކަނި ޢަޞްރްނަމާދުކުރަން ސަމާލުކަން އިތުރުކުރެއެވެ. ނަމަވެސް އެކަން އެހައި ފަސޭހައިން އެގޮތަށް ނިންމައިނުލާށެވެ! މިއީ ދަންނަބޭކަލުންގެ މެދުގައިވެސް ޚިޔާލުތަފާތުވުން އޮތްކަމަކަށްވާތީއެވެ!
އަހުރެން ބުރަވަނީ ޢައިޝަތުގެފާނުގެ ބަސްފުޅަށެވެ! އެއީ ދެ މެދުނަމާދު އެބަ އޮތް ކަމަށެވެ.
ފުރަތަމަ ޢަޞްރް ނަމާދެވެ. ޢަޞްރް ނަމާދު މިއަންނަނީ ދުވާލުގެ ދެނަމާދުކަމުގައިވާ ފަތިސްނަމާދާއި މެންދުރުނަމާދާއި ރޭގަނޑުގެ ދެ ނަމާދުކަމުގައިވާ މަޣްރިބް ނަމާދާއި ޢިޝާ ނަމާދުގެ މެދަށެވެ! ދެވަނައަށް ފަތިސްނަމާދު މިއަންނަނީ ރޭގަނޑުގެ ދެ ނަމާދުކަމުގައިވާ މަޣްރިބް ނަމާދާއި ޢިޝާ ނަމާދާއި ދުވާލުގެ ދެނަމާދުކަމުގައިވާ ޢަޞްރުނަމާދާއި މެންދުރުނަމާދުގެ މެދަށެވެ.
އަދި މިދެ ނަމާދަށްބެލި ނަމަވެސް ދެނަމާދަކީވެސް މަލާއިކަތުންގެ ޑިޔުޓީ ބަދަލުވާ ދެނަމާދެވެ! ދުވާލު ޑިޔުޓީގެ މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ފަތިސްނަމާދުގެ ވަގުތުގައެވެ. ރޭގަނޑު ޑިޔުޓީގެ މަލާއިކަތުން ފައިބައިވަޑައިގަންނަވާނީ ޢަޞްރުނަމާދުގެ ވަގުތުގައެވެ. ދެނަމާދުގެ ވަގުތުގައި ދެ ޑިޔުޓީގެ މަލާއިކަތުން ބައްދަލުވެވަޑައިގަންނަވާނެތެވެ! އަދި އެމީހާގެ ޚަބަރު ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވާނެތެވެ!
ވީމާ ދެ ނަމާދުގައިވެސް ކަންކަން މިހިނގަނީ ހަމައެއްގޮތަކަށެވެ. އެހެންކަމާއިއެކުގައިވެސް ގިނަބައަކު ޢަޞްރުނަމާދަށް ދޭ ސަމާލުކަން ފަތިސްނަމާދަކަށް ނުދެއެވެ. ފަތިސްނަމާދުގެ ޖަމާޢަތަށް ސަމާލުކަމެއް ނުދެއެވެ. ކޮންމެ ނަމާދެއްގެ ޖަމާއަތަށްވެސް ސަމާލުކަންދޭންވާނެއެވެ. ވަކިނަމާދެއް ޚާއްޞަކޮށްފައި އެހެން ނަމާދުތަކަށް ފަރުވާކުޑަނުކުރާށެވެ! މަލާއިކަތުންގެ ޑިޔުޓީ ބަދަލުވާ ދެ ނަމާދުކަމުގައިވާ ފަތިސްނަމާދާއި ޢަޞްރުނަމާދާއި ޢިޝާ ނަމާދަށް ސަމާލުކަން އިތުރުކުރާށެވެ! ޢިޝާ ނަމާދު ޖަމާޢަތުގައި ކުރުމަކީ ރޭގަނޑުގެ އެއްބައިގައި ރޭއަޅުކަންކުރުމުގެ ޘަވާބު ދެއްވަވާ ކަމެކެވެ.
ހަމަ އެއާއިއެކު ވިސްނައިލާށެވެ! ދުވަސް ފެށެނީ ފަތިސްނަމާދުންނެވެ. ދުވަސް ކާމިޔާބުވުން އެންމެ ބޮޑަށް ގުޅިފައިވަނީ ފަތިސްނަމާދުކުރުމާއިއެވެ. ފަތިސްނަމާދުކޮށްފި މީހަކަށް އެދުވަހު ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވާނެތެވެ. މިކަންކަމަށް ބަލައިފިނަމަ އެންމެ ބޮޑު ސަމާލުކަމެއް ދޭން އޮތީ ފަތިސްނަމާދުގެ ޖަމާޢަތަށެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން