މީސްތަކުންނޭވެ! ނިކަން ބުނެބަލާށެވެ! މިދައްކަނީ މިތަނުގައި މިތިބަ މީސްކޮޅުގެ ވާހަކައެއް ނޫނެވެ. މުޅި އިސްލާމީ އުންމަތުގެ ޥާހަކައެވެ. އެންމެހައި މުސްލިމުންގެ ވާހަކައެވެ. އެންމެހައި މުސްލިމުންގެ ތެރެއިން އެންމެ ރަނގަޅު މީހާކަމުގައިވާން ބޭނުން ނުވާނީ ކާކުހެއްޔެވެ؟
އަތުގައި ފައިސާ ނެތުމުން ނުވަތަ ފައިސާހުރިނަމަވެސް މަޤްބޫލް ޢުޛުރެއް ދިމާވެގެން ޙައްޖު ނުވެވި ހުންނަންޖެހިދާނެއެވެ. އަދި އަތުގައި ތަނަވަސްކަން ނެތްނަމަ ޙައްޖު ވާޖިބެއްވެސް ނުވެއެވެ. އެހެންކަމާއިއެކުގައިވެސް ނުކައި ނުބޮއި ތިބެގެންވެސް ޙައްޖަށް ދެވޭތޯ އެބަ މަސައްކަތްކުރަމުއެވެ.
އެއީ ކީއްކުރަންހެއްޔެވެ؟ ތިމާއަކީ ފާފަތައް ފުއްސަވައި ދެއްވަވައިފައިވާ އަދި ﷲ ތަޢާލާގެ ޙަޟްރަތުން މަތިވެރިކަން ލިބިގެންވާ މީހަކު ކަމުގައި ވުމަށެވެ. ނުވަތަ ﷲ ތަޢާލާގެ ޙަޟްރަތުގައި ރަނގަޅު މީހަކަށް ވުމަށެވެ.
އެއީ ހަމަ ކުރަން ރަނގަޅު ކަންކަމެވެ. އެކަމަކު އަހުރެންގެ ސުވާލަކީ އަތުގައި އެއްވެސް ފައިށާއެއް ނެތް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ތިމާއަކީ އެންމެ ރަނގަޅު މީހާ ކަމުގައި ވެވެން އޮތް ޢަމަލުނުކޮށް ދޫކޮށްލަނީ ކީއްވެގެން ހެއްޔެވެ؟
ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުންނަށް ސަލާމަތްކަން ލިބިގެންވާ މީހަކުކަމުގައިވުމަކީ އެފަދަ ޢަމަލެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރި މުސްލިމަކަށް ވެވެން އޮތް ޢަމަލެކެވެ.
ދަންނާށެވެ! ތިބާއަކީ ރަނގަޅު މުސްލިމެއް ނަމަ ހަމަ އެކެއްގެ ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް ނުބުނާނެއެވެ. އަދި އެއްވެސް މީހަކަށް ދެރައެއް، ނިކަމެތިކަމެއް، އަނިޔާއެއް ލިބިދާނެފަދަ ޢަމަލެއްވެސް ނުކުރާނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން