ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ތިމާއަށް ބާރަށް ކުރިއަރައިދާން ފަސޭހަވާނީ ޙަސަދަވެރިންނަށް ދޫދީ އެމީހުން ރުއްސައިގެން ކަމަށެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ބާރަށް ކުރިއަށް ދެވޭނީ ޙަސަދަވެރިންގެ ކުރިމަތީގައި ޘާބިތުވެ ތިމާގެ އަމއްލަ މަސައްކަތުން ކުރިއަށްދާން މަސައްކަތްކުރުމުންނެވެ.
މިއަދު ތިބި ޙަސަދަވެރިން މާދަމާވެސް ތިބޭނީ ހަމައެގޮތުގައެވެ. މިވެނިކަމެއް ކުރީމާ ބަދަލުވާނެކަމަށްބުނިނަމަވެސް އެހަދަނީ ދޮގެކެވެ. ބަދަލެއް ނުވާނެއެވެ. ބަދަލުވި ކަމަށް ހެދުނަސް ފުރަގަހަށް އެނބުރިލާފައި މާބާރަށް ޖަހާނެއެވެ. އެއިރުން އަޅާވޭން މާބޮޑުވާނެއެވެ.
ޙަސަދަވެރިން ދޮގުވާހަކަތައް ފަތުރާނެއެވެ. ތިބާ ބަދުނާމުކުރަންވެސް މަސައްކަތްކުރާނެއެވެ. ވަޒީފާ ގެއްލުވައިލާނެ ކަމަށްވެސް ބުނާނެއެވެ. ކައިވެނި ރޫޅުވައިލާނެ ކަމުގެ ބިރުވެސް ދައްކާނެއެވެ. އަޅައިވެސް ނުލާށެވެ! އެމީހުން ކުރާނެ ކަމެއް ކުރަން ދޫކޮށްލާށެވެ.
އެއްވެސް އެހެން މީހަކަށް ދެރައެއް ދެވޭނީ އެމީހާގެ އެހީތެރިކަން ހޯދައިގެން ކުރިއަރަން މަސައްކަތްކުރާނަމައެވެ. އަމިއްލަ މަސައްކަތުން ކުރިއަރަން މަސައްކަތްކުރާ މީހަކަށް ހުރަސްއެޅޭނެ މީހަކު ނުހުންނާނެއެވެ.
ދެން އޮތީ ކައިވެންޏެވެ. ކައިވެނީގައި ތިމާ ތެދުވެރިވެ ހުއްޓައި އެހެން މީހުން ދައްކާ ދޮގުވާހަކަތައް ޤަބޫލުކުރާނީ ތިބާދެކެ ލޯބިނުވާތީއެވެ. އިތުބާރުނުކުރާނަމަ އެކަމުންވެސް އަންގައިދެނީ ލޯބިނުވާކަމެވެ. އެފަދަ ބައިވެރިއަކު ގެއްލުމުން ކުރާނީ ފައިދާއެވެ. މެދުވެރިވާނީ މާރަނގަޅު ގޮތްތަކެވެ.
މިކަންކަން ޤަބޫލުކުރާނަމަ ޙަސަދަވެރިން ދައްކާ ބިރަށް ތުރުތުރުއަޅާކަށް ނުޖެހޭނެއެވެ. މުސްލިމުން ބިރުގަންނަން އަދި ޖެހިލުންވާންވެސް އޮތީ ހަމަ އެންމެ ފަރާތަކަށެވެ. އެއީ ﷲ ތަޢާލާއެވެ. އެކަން ޔަޤީންކޮށްގެން ހުންނަ މީހަކު ގުޑުވައިލެވޭނެ މީހަކު ނުހުންނާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން