ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީވެސް އާޚިރަތަށްޓަކައި ދަތިތަކެއް ކުރިމަތިވާ ދުވަހެކެވެ. އެހެނީ ކޮންމެ ދުވަހަކުވެސް ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަންތައްތަކެއް ކުރެވޭނެތީއެވެ. އެނގިގެންނާއި ނުއެނގިތިބެވެސް ކުރެވޭނެތީއެވެ.
އެކަމުގެ ނަތީޖާއަކަށްވެ 2 ކަމެއް މެދުވެރިވެއެވެ. ދުނިޔޭގެ ދިރިއުޅުމަށް ގުޑުން އަރައެވެ. ޢާޚިރަތް ކާމިޔާބުކުރުމަށްވެސް ހުރަސްތައް ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން އެންމެ ހެޔޮލަފާ މީހުންގެވެސް ދުނިޔޭގެ ޙަޔާތާއި އާޚިރަތުގައި ކޫރުތައް އެޅިގެންދެއެވެ.
މިގޮތަށް އެޅޭކޫރުތައް ފިލުވާލައި ޕޮލިސްކޮށް އޮފްއަރުވާލަން ﷲ ތަޢާލާ ފުރުޞަތު ދެއްވަވައެވެ. ކުރިމަތިކުރައްވަވާ ތަކްލީފްތަކެއްގެ ސިފައެިގައެވެ. ދެންމިވާގޮތަކީ ކަންބޮޑުވެގެން ދެކޮޅަށް ދުވެވެނީއެވެ. ޝަކުވާތައް ކުރެވެންފަށަނީއެވެ. އެކަންކަން ކުރިވަރަކަށް އެމީހަކަށް އެދަނީ އިތުރު ނިކަމެތިކަން ލިބެމުންނެވެ. ފޭލްވަމުންނެވެ.
ވީމާ ދުނިޔޭގައި ތަކްލީފެއް އުފުލަންޖެހިއްޖެނަމަ އުފާކުރާށެވެ! ގިނަގިނައިން ކުރިމަތިކުރައްވަވާނަމަ ބޮޑަށް އުފާކުރާށެވެ. ކެތްތެރިކަން އިސްކުރިވަރަކަށް ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތް ދާނީ ޕޮލިސްކުރެވި އަރާ އޮފް ގަދަވަމުންނެވެ.
ޔަޤީންކުރާށެވެ! އެއްވެސް މުސްލިމަކަށް ދެރައެއް ލިބޭނެ އެއްވެސް ކަމެއް ﷲ ތަޢާލާ މެދުވެރިއެއް ނުކުރައްވަވާނެތެވެ. ކޮންމެ ކަމެއްވެސް ކުރިމަތިކުރައްވަވާނީ އެމީހަކަށް ފައިދާއަކަށެވެ. ކެތްތެރިވެ އެކަމުން ޙާޞިލުކުރެވެން އޮތް ބޮޑު ފައިޑާ ޙާޞިލުނުކުރެވެނީ އެކަންކަމަށް ވިސްނައިނުލެވޭތީއެވެ.
- މުފްތީ މެްނކުގެ ދަރުސަކުން