ޑޮކްޓަރަކު ގޭގެ ދޮރުގައި ނޯޓިސްއެއް ތަތްކުރިއެވެ. "އަހުރެން ދޭ ފަރުވާއިން ޝިފާ ލިބިއްޖެނަމަ ދައްކަންޖެހޭނީ 100 ޑޮލަރެވެ. ޝިފާ ނުލިބިއްޖެނަމަ އަހުރެން އެމީހަކަށް 1000 ޑޮލަރުދޭނަމެވެ.
މިނޯޓިސް ފެނުނު މީހަކު ޑޮކްޓަރާއި ބައްދަލުކޮށްފައި ބުނީ އޭނާއަށް އެއްވެސް ރަހައެއް ނުލާކަށެވެ. އެހެން ބުނާއިރަށް އެހީތެރިޔާ ގާތުގައި ޑޮކްޓަރު ބުނީ މަތީވަތްގަނޑުން ބޭސް ގެނައުމަށެވެ. ބޭސް އަނގައަށް ލުމާއިއެކު ހިތިކަމުން އަނގައިން ބޭރުކޮށްލުމުން ޑޮކްޓަރު ބުނީ މިހާރު ރަހައެބަލާ ނޫންހެއްޔެވެ؟ ތިހުރީ ފަރުވާ ލިބިފައެވެ. އަވަހަށް 100 ޑޮލަރުދޭށެވެ.
އެވަރަކުން އެމީހާއަކަށް ނުފުދުނެވެ. އަނެއް ދުވަހު ގޮސް ބުނީ ހަނދާން ނުހުންނަކަމަށާއި އެކަން ރަނގަޅުކޮށް ދިނުމަށެވެ. އެދުވަހުވެސް ޑޮކްޓަރު އެހީތެރިޔާ ގާތު ބުނީ މަތީވަތްގަނޑުން ބޭސް ގެނައުމަށެވެ. ހަމަބުނާއިރަށް އެމީހާ ބުނެފިއެވެ. ބަލަ މިއަދުވެސް ކާންދޭން ތިއައުޅެނީ ކުރީ ދުވަހު ކާންދިން ހިތިބޭސް ނޫން ހެއްޔެވެ؟ ޑޮކްޓަރު ބުންޏެވެ. އެކަން ތިއައެނގުނީ މިހާރު ޝިފާލިބި ހަނދާން ހުންނާތީއެވެ. އަވަހަށް 100 ޑޮލަރުޑޭށެވެ.
އެވަރަކުންވެސް އެމީހާއަކަށް ނުފުދުނެވެ. ކޮންމެ ގޮތަކުން 1000 ޑޮލަރު ހޯދުމުގެ ބޭނުމުގައި އަނެއް ދުވަހު ގޮސް ބުންޏެވެ. އަހުރެންގެ ލޮލަކަށް ރަނގަޅަކަށް ނުފެނެއެވެ. ފުސްކަމުން ކިޔާކަށް ނޭނގެއެވެ. އެދުވަހު ޑޮކްޓަރު ބުނީ ތިއަ ބައްޔަށް ދޭނެ ބޭހެއް ނެތްކަމަށާއި 1000 ޑޮލަރު މިއޮތީކަމަށެވެ. ފައިސާގައި ހިފައި ގުނައިލުމަށްފަހު އެމީހާ ބުންޏެވެ. "ބަލަ ތިއަދިނީ 10 ޑޮލަރުގެ 10 ގަނޑު ނޫން ހެއްޔެވެ؟ އެއީ 100 ޑޮލަރު ނޫން ހެއްޔެވެ؟ 1000 ޑޮލަރެއް ނޫނެއް ނޫން ހެއްޔެވެ؟" އެސުވާލުތައް ކުރީމާ ޑޮކަޓްރު ބުންޏެވެ. އެހެންވީމާ މިހާރު އެބަ ލޮލަށްފެނި ކިޔަންވެސް އެބަ އެނގޭ ނޫން ހެއްޔެވެ؟ އެހެންވީމާ އަވަހަށް 100 ޑޮލަރުދޭށެވެ.
މިއީ ހެއްވާ ކަމެއްގެ ގޮގައި ޢާންމުކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވާ ވާހަކައެކެވެ. އެކަމަކު އަޅުގނޑަށް މިކަންވީ ހެއްވާ ކަމަކަށް ނޫނެވެ. ވަރަށް ބުއްދިވެރި ކަމަކަށެވެ. ޑޮކްޓަރުގެ ވާހަކަތަކުން އެނގުނީ އޭނާގެ ބުއްދިވެރިކަމެވެ. އެއިގެ އިތރުން މީހާގެ ދަހިވެތިކަން ބޮޑުވެއްޖެނަމަ އަތުން ގެއްލޭވަރު މާބޮޑުވާނެ ކަމެވެ. އޭނާގެ އަތުން އެވަނީ 3 ދުވަސްމަތިން 300 ޑޮލަރު ގެއްލިފައެވެ.
އެހެންވެ ބުނެލަން ބޭނުންވީ ދަހިވެތިކަން ބޮޑުނުކުރުމަށާއި ކޮންމެ ކަމެއްގައިވެސް ބުއްދީގެ ބޭނުން ހިފުމަށެވެ. އެއިރުން ކޮންމެ ކަމެއްވެސް ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ
- ވަފިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް