ޙައްޤުދީން އޮޅުންފިލުވަން މަސައްކަތްކުރަނިކޮށް ހުވަފެނުގަ ފެނުނު ކަންކަމާއި ގުޅިގެން އިސްލާމްވި ޒުވާނާގެ ވާހަކަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ޙައްޤުދީން އޮޅުންފިލުވަން މަސައްކަތްކުރަނިކޮށް ހުވަފެނުގަ ފެނުނު ކަންކަމާއި ގުޅިގެން އިސްލާމްވި ޒުވާނާގެ ވާހަކަ

ކާފިރެއް ނަމަވެސް ތެދުމަގު ލިބިގަންނަން މަސައްކަތްކޮށްފިނަމަ ތެދުމަގު ދައްކަވާނެތެވެ. އިން ޝާ ﷲ. މުސްލިމުންނަށް އޮތީ ދިނުގައި ޘާބިތުވެ ހުންނަން މަސައްކަތްކުރުމެވެ. އެކަމަށް މަސައްކަތްކުރާ އަޅުންނަށް ޘާބިތުކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

މިއީ ފަހުޒަމާންކަމަށްވުމުން ހުރިހާ ކަންކަން ދާނީ ގޯސްވަމުން ކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. އެއީ އެއްގޮތަކަށްވެސް ރަނގަޅު ވިސްނުމެއް ނޫނެވެ. ހުރިހާ ޒަމާނެއްގައިވެސް ތެދުމަގު ލިބިގަންނަން މަސައްކަތްކުރާ އަޅުންނަށް ތެދުމަގު ދައްކަވަތެވެ. އަދި ޘާބިތުކަން ލިބިގަންނަން މަސައްކަތްކުރާ އަޅުނަންނަށް ޘާބިތުކަންވެސް ދެއްވަވަތެވެ. 

ތިރީގައިވާ ލިޔުމުން އެކަންކަން ވަރަށް ރަނގަޅަށް އެނގިލައްވާނެތެވެ. އިން ޝާ ﷲ   

އިތުރު ސުވާލެއް ނުކޮށް އިސްލާމްވި ޒުވާނަކު އިސްލާމްވާން މެދުވެރިވި ޢަޖައިބެއް ފަދަ ސަބަބުގެ ވާހަކަ- 

މާބޮޑު ޢިލްމެއް އެމީހެއްގެ ކިބައިގައި ނެތް ނަމަވެސް ދުނިޔޭގައި ހިނގަމުންދާ ކަންކަމަށް އެކަނި ވިސްނައިލިނަމަވެސް ބުއްދީގެ އަހުލުވެރިއެއްނަމަ ކަލަކު ވޮޑިގެންވާ ކަމާއި ދުނިޔޭގެ ކަންކަން ހިނގަމުން މިދަނީ ވަކި ނިޒާމަކުންކަން އެނގި ޤަބޫލުކުރެވޭނެއެވެ. ޢިލްމް ލިބިގެންވާނަ އެނގުން މާފަސޭހަވެސްވާނެއެވެ. އެކަން އެނގިގެންދާ ހާދިސާއެއްގެ ވާހަކަ ކިޔައިދޭނަމެވެ. 

އެއްދުވަހަކު އެމެރިކާގެ އިސްލާމިކް ސެންޓަރަކަށް ޒުވާނަކު ގޮސް އެދުނީ އޭނާއަށް އިސްލާމަކު ކަމުގައިވެވޭނެގޮތް ބުނެދިނުމަށެވެ. އޭނާ އިސްލާމް ދީނަށް ވައްދައިދިނުމަށެވެ. 

ޒުވާނާ މިކަންކަން ހުށަހެޅީ އިތުރު އެއްވެސް ސުވާލެއްވެސް ކުރުމަކާއި ނުލައެވެ. އެހެންކަމުން އިމާމުންވެސް އިތުރު އެއްވެސް ސުވާލެއްވެސް ނުކުރައްވައި އޭނާއަށް ޝަހާދަތްލައިދީ އިސްލާމް ދީނަށް ވައްދަވައިދެއްވިއެވެ. އަދި ނަމާދުކުރުމާއި ދީނުގެ އެހެނިހެން ކަންކަމުގެ މައުލޫމާތުވެސް ދެއްވައި ލިޔުންތަކާއި ސީޑީތައްވެސް ހަދޔާކުރެއްވިއެވެ. 

އެއިގެ 2،3 ދުވަސްފަހެވެ. މީހުންނަށް ފާހަގަކުރެވުނީ ވަރަށް ފުރިހަމައަށް، ޚުޝޫޢަތްތެރިކަމާއެކު، ވަރަށް ބޮޑަށް ފަރުވާ ބަހައްޓައިގެން ނަމާދުކުރާ ޒުވާނަކު ނަމާދުގެ ޖަމޢަތަށް އަންނަންފެށިކަމެވެ. 

އެހެންވެ އޭނާގެ ވާހަކަ އޭނާކިޔައިދިނެވެ. 

އޭނާއަކީ ޔަހޫދީ ދެމަފިރިއަކަށް ލިބިފައިހުރި ފިރިހެންދަރިއެކެވެ. ޔުނިވަރސިޓީ ނިންމުމުގެ މަރުޙަލާގައި ޒުވާނާ އެންމެ ބޮޑަށް ކަންބޮޑުވިކަމަކަށް ކުރިމަތިވިކަމަކީ ޙައްޤު ދީނަކީ ކޮބައިކަން ނުއެނގުމެވެ. ދުނިޔެއާއި އެންމެހައި މަޚްލޫޤުން އުފެއްދެވި ކަލަކު ނުއެނގުމެވެ. ދުނިޔޭގައި ހިނގާ ކަންކަން ހިނގަމުން މިދަނީ ކޮންބާރަކުންކަން ނުވިސްނުމެވެ. 

ނަތީޖާއެއްގެ ގޮތުން ހުރިހާ ދީންތަކެއް އޭނާ ދަސްކުރިއެވެ. އިސްލާމް ދީން ވެސް އުނގެނުނެވެ. އެހެންސް ގޮތެއް ނިންމަން އޭނާއަށްވީ ވަރަށް އުނދަގޫ ކަމަކަށެވެ. 

އެންމެފަހުން އެއް ރޭ އޭނާ ކަލާނގެއަށް ދުޢާކުރިއެވެ. "ޙައްޤު ދީނަކީ ކޮބައިކަމާއި އަޅުކަންކުރުން ޙައްޤު ކަލަކީ ކޮބައިކަން އޭނާއަށް އަންގަވައިދެއްވެވުމަށެވެ. 

އެރޭ އޭނާއަށް ހުވަފެނުގައި ފެނުނީ ޢީސާ ޢަލަހިއްސަލާމްއެވެ. އޭނާއަށް ވިދާޅުވިއެވެ. "ތިބާ ﷲ ތަޢާލާއަށް އީމާންވެ މުޙައްމަދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ތަބައަވާށެވެ! އިސްލާމް ދީނަށް އަމަލުކުރާށެވެ!" 

އިތުރު އެއްވެސް ސުވާލެއް ނުކޮށް އޭނާ އިސްލާމްވީ އެ ހުވަފެނުގެ ސަބަބުންނެވެ. 

މީސްތަކުންނޭވެ! އެނގިގެން މިދިއައީ އެމީހަކީ ކޮންމެ ދީނެއްގައި ހުރި މީހެއްނަމަވެސް އަދި އެއްވެސް ދީނެއް ޤަބޫލުނުކުރާ މީހަކުނަމަވެސް ތެދުމަގު ހޯދަން މަސައްކަތްކޮށްފިނަމަ އެމީހަކަށް ތެދުމަގު ދައްކަވައި ދެއްވަވާނެ ކަމެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން