ރީތި އަންހެނަކު ތަނަވަސް ފިރިހެނަކު ބޭނުންވެގެން އިއުލާނުކުރީމާ ހޫނުފެނަށް ވެއްޓި އެކައުންޓްވެސް ޑިލީޓްކުރަންޖެހުނު ޝަރުޠު- އެންމެ ބަލައިގަތް ބުއްދިވެރި ޝަރުޠެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރީތި އަންހެނަކު ތަނަވަސް ފިރިހެނަކު ބޭނުންވެގެން އިއުލާނުކުރީމާ ހޫނުފެނަށް ވެއްޓި އެކައުންޓްވެސް ޑިލީޓްކުރަންޖެހުނު ޝަރުޠު- އެންމެ ބަލައިގަތް ބުއްދިވެރި ޝަރުޠެއް!

ރީތިކަމަށް މަޝްހޫރު އަންހެނަކު ތަނަވަސްކަންހުރި ފިރިހެނަކާ ކައިވެނިކުރަން ބޭނުންވެ އެކަން ސޯޝަލްމީޑިއާގަ އިޢުލާނުކުރިއެވެ. ބުނެފައި އޮތީ ސިފައަށް ބަލަން ބޭނުން ނޫން ކަމަށާއި ބޭނުންވަނީ އޭނާ ބޭނުންވާވަރަށް ޚަރަދުކުރުމުގެ ފެންވަރުހުރުންކަމަށެވެ. 

ތަނަވަސްކަންހުރި މީހަކު އޭނާއަށް ދިން ޖަވާބު: 

އުޚުތާއެވެ! އުޚުތާ ވަރަށް ރީއްޗެވެ. ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތްވެސް ވަރަށް ރީއްޗެވެ! ލައިއުޅޭ ފޭރާންވެސް ރީއްޗެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ތިއަ އުޅެވެނީ އުޚުތާގެ ރީތިކަން ފައިސާއަށް ވިއްކާލަންވީމާ ތަނަވަސްކަން ހުރި މީހެއްގެ ޙައިޞިއްޔަތުން ބުނަމެވެ. ތިއަ ވިޔަފާރި އަހުރެންނަށް ހަމަ ސުމެކެވެ. ވިޔަފާރީގެ އުޞޫލުން ބަލައިފިނަމަ ލިބެން އޮތީ ބޮޑު ގެއްލުމެކެވެ. 

އުޚުތާ ތިއަބުނާ ވަރަށް ޚަރަދުކޮށްގެން އަހުރެންނަށް އެތައް ބައިވަރު އަނބިންތަކެއްވެސް ގެންގުޅެވިދާނެއެވެ. އަދި މާކުޑަ ޚަރަދަކުންވެސް ގެންގުޅެވިދާނެއެވެ. 

ދެވަނަ ކަމަކަށް ބުނެލަން އޮތީ އަހުރެންނަށް ލިބިފައިވާ ތަނަވަސްކަން ލިބިފައި މިވަނީ އެތައް އަހަރެއްގެ މަސައްކަތުންނެވެ. އެތައް ބައިވަރު ކުންފުނިތަކެއް އެބަ ހިންގަމެވެ. ވީމާ އެއް ވިޔަފާރިއަކަށް ކަމެއް ދިމާވެ ބަނގުރޫޓުވިޔަސް އަހުރެންނަކީ (ދުނިޔަވީ އުޞޫލުތަކުން ބަލާއިރު ﷲ ތަޢާލާ ރުހިވޮޑިނުގެން ނިކަމެތިކުރެއްވެވުން ފަދަ ބޮޑުކަމެއް ޖެހިގެން ނޫނީ) ތަނަވަސްކަން ކުޑަވާނެ މީހެއް ނޫނެވެ. އުންމީދުކުރަނީ ތަނަވަސްކަން ދާނީ އިތުރުވަމުން ކަމަށެވެ. އަހުރެން އުންމީދުކުރަނީ އެފަދަ ދެރަގޮތެއް މެދުވެރި ނުކުރައްވަވާނެކަމަށެވެ. އަހުރެން އެކަލާނގެ މަގުގައި ބޮޑެތި ހޭދަތައް ކުރަމެވެ. ވީމާ އަހުރެން ނިކަމެތި ނުކުރައްވަވާނެ ކަމުގެ ޔަޤީންކަން އަހުރެންނަށް އެބައޮތެވެ. އިން ޝާ ﷲ 

އަހުރެންނަށް އުޚުތާ ވަރަށް ރިއްޗެވެ. ކައިވެނިކުރަންވެސް ބޭނުމެވެ. އެކަމަކު ޝަރުޠެއްގެ މަތީންނެވެ. އެޝަރުޠަކީ ތިބާ ތިއަބުނާވަރަށް އަހުރެން ހޭދަކުރާހައި ދުވަހަކު ތިބާގެ ސިފައަށް، ރީތިކަމަށް އެއްވެސް ބަދަލެއް ނައިސް ތިއަ ރީތިކަމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން ދިނުމެވެ. މިޝަރުޠަށް ތިބާ އެއްވަސްވެ މިބުނި ޔަޤީންކަން ދީފިނަމަ މިހާރުވެސް މިހުރީ ކައިވެނިކުރަން ތައްޔާރަށެވެ. 

ތަނަވަސްމީހާ ހުށަހެޅި މިޝަރުޠާއި ގުޅިގެން ދެން ކޮމެންޓްތައް ލިބެން ފެށީ އަންހެންމީހާއަށް އެއްޗެތިގޮވާފައެވެ. ކުރިން އޭނާގެ ރީތިކަމަށް ތަޢްރީފްކުރި މީހުންވެސް އެއްޗެތިގޮވަންފެށީއެވެ. ހޫނުފެނަށް ވެއްޓުނީއެވެ. އެކަންކަމަށް ކެތްނުކުރެވިގެން އެންމެފަހުން އަންހެން މީހާއަށް ޖެހުނީ ޕޯސްޓް ނަގާށެވެ. ނެގުމަކުންވެސް ސަލާމަތެއް ނުވެވުނެވެ. ޓެގްކޮށްފައި އެއްޗެތިގޮވުން ގެންދިއައީ ކުރިއަށެވެ. އެންމެފަހުން ޖެހުނީ އެކައުންޓްވެސް ޑިލީޓްކުރާށެވެ. 

އެކަންވެގެންދިއައީ ތިމާގެ ރީތިކަން ފައިސާއަށް ވިއްކާލަން މަސައްކަތްކުރާ އަންހެނުންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށެވެ.

މިއަދު އޮންލައިން