ސުވަރުގެ ވެއްދެވުން އެދިގެން ކުރަން ހުރި ޢަމަލު- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ސުވަރުގެ ވެއްދެވުން އެދިގެން ކުރަން ހުރި ޢަމަލު- ޙަދީޘުން

ސުވަރުގެ ވަންނަން ބޭނުން ނޫންކަމަކަށް ހަމަ އެންމެ މުސްލިމަކުވެސް ނުބުނާނެއެވެ. ނަމަވެސް އެވަރަކުން އަދިއެއީ އެމީހަކީ ސުވަރުގެ ވަންނަން ބޭނުންވާ މީހެއް ކަމުގައެއް ނުވެއެވެ. އެމީހާގެ ޢަމަލުތަކުން އެކަން ނުދެއްކޭނަމަ ދުލުން އެބުނާ ބަހުގެ ބޭނުމެއް ނެތެވެ. 

ސުވަރުގެ އެދުމަކީ ދުލުން ބުނެލާ ބަހަކުން ކުރެވެން އޮތް ކަމެއް ނޫނެވެ. ސުވަރުގެ އެދުން ގުޅިފައިވަނީ އެމީހަކު ކުރާ ޢަމަލުތަކާއިއެވެ. ދުލުން ހެޔޮ ބަސްބުނަމުން އެހެން ގުނަވަންތަކުން ހެޔޮ ޢަމަލު ނުކުރާނަމަ އެމީހަކީ ސުވަރުގެ އެދޭމީހަކަށް ނުވާނެއެވެ. 

ފުރަތަމަ ކަމަކަށް ސުވަރުގެ ލިބުން އެދިގެން މަސައްކަތްކުރާ މީހާ ވަރަށް ހީވާގިވާންޖެހޭނެއެވެ. އެހެނީ ސުވަރުގެ ލިބެން އޮތީ ވަރަށް ހީވާގިކަމާއިއެކު މަސައްކަތްކޮށްގެންނެވެ. މި ބަޔާންކުރަނީ އެގޮތުން ކުރެވިދާނެ ބައެއް ޢަމަލުތަކެވެ. 

1 މީސްތަކުންގެ މެދުގައި ސަލާމްފަތުރާ (ގިނަގިނައިން ސަލާމްކުރާ) މީހަކަށްވާށެވެ!

2 ނިކަމެތިންނަށް ކާންދޭށެވެ! 

ގާތްތިމާގެ މީހުންނަށާ ރައްޓެހިންނަށްވެސް އަދި ފަޤީރުންނަށްވެސް ކާންދޭށެވެ. އިތުރުވާތަކެތި އުކާނުލައި ބަންދުކޮށްލައިގެން ގެންގޮސް ފަޤީރުންނަށް ކާންދޭށެވެ. 

3 ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ! 

ޢާއިލާގެ މީހުންނަށް އެހީތެރިވާށެވެ! ހަސަދަވެރިނުވާށެވެ! ޚިޔލުތަފާތުވާ ކަމެއް އޮތް ނަމަވެސް ވާހަކަދައްކައި އަވަހަށް ޙައްލުކުރާށެވެ! 

4 ދަމުނަމާދުކުރާށެވެ! 

ދަމުނަމާދު ނުކުރާ މީހަކީ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ އެންމެ ބޮޑު ދައުވަތު ޤަބޫލުކުރަން ފަސްޖެހިގެން ހުންނަ މީހެކެވެ. އެކަމަށް ކަންނެތްވެ ނިދާފައި އޮވެގެން ﷲ ތަޢާލާގެ ރަޙްމަތަށް އެދޭކަމަސް ބުނެވޭނީވެސް ކިހިނަކުންހެއްޔެވެ؟ ދުޢާ ކުރަން އޮތް އެންމެ ރަނގަޅު ވަގުތު ކަމުގައިވާ ރޭގަނޑުގެ ފަހު ދަންފަޅީގައި ދުޢާނުކުރާ މީހަކަށް އެމީހާކުރާ ދުޢާ ޢިޖާބް ނުކުރައްވަވައިގެން ޝަކުވާކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟  

5 ބަލިމީހުންނަށް ޒިޔާތްކުރާށެވެ! 

ބަލިމީހުންނަށް ޒިޔާރަތްކުރާށެވެ! އެމީހުންގެ ޙާލުބަލާށެވެ! ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ! ބަލިމީހާއަށްޓަކައި ހެޔޮ ދުޢާކުރާށެވެ!  

6 ﷲ ތަޢާލާއަށްޓަކައި މީސްތަކުންނާއި ބައްދަލުކުރާ މީހަކަށްވާށެވެ! 

އެމީހަކަށް ވެވެން އޮތްވަރަކުން މީސްތަކުންނަށް ޒިޔާރަތްކުރާށެވެ! އެމީހަކީ ޢާއިލާގެ މީހަކަށްވީނަމަވެސް ނުވިނަމަވެސްމެއެވެ. އެކަމަކީ ﷲ ތަޢާލާއަށްޓަކައި ކުރާކަމަކަށް ހަދާށެވެ! 

ސުވަރުގެ ޙާޞިލުކުރަން ކުރެވެން ހުރި މިފަދަ އެތައް ކަމެއް އެބަހުއްޓެވެ. ސުވާލަކީ މިފަދަ އެއްވެސް ކަމެއް، އެންމެ ޢަމަލެއްނަމަވެސް އެބަކުރަމުހެއްޔެވެ؟ ސުވަރުގެ އެދޭނަމަ ކުރަންވީ އެންމެ ޢަމަލެއް ނޫނެވެ. ކުރެވުނުހައި ގިނަ ޢަމަލެކެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ކުރެވޭ ކޮން ޢަމަލުތަކެއްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ވީމާ އޮތީ ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމެވެ. އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން