ބައިވެރިޔާގެ އަގުވަޒަންކޮށް ކުރާ ރަނގަޅު ކަންކަމަށް ތަޢްރީފް ނުކޮށް ޒަވާޖީ ޙަޔާތް އުފާވެރިއެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ބައިވެރިޔާގެ އަގުވަޒަންކޮށް ކުރާ ރަނގަޅު ކަންކަމަށް ތަޢްރީފް ނުކޮށް ޒަވާޖީ ޙަޔާތް އުފާވެރިއެއް ނުކުރެވޭނެ!

އަޅުގަނޑުގެ ބައިވެރިޔާ އަބަދުވެސް ދައްކަނީ ނުކޮށްދެވި ހުންނަ ކަންކަމުގެ ޥާހަކައެވެ. ކޮށްދެވޭ އެއްވެސް ކަމަކަށް ހެޔޮބަހެއްވެސް ނުބުނެއެވެ. މިއީ ގިނަ ބއަކު ކުރާ އެންމެ ބޮޑު އެއް ޝަކުވާއެވެ. ވީމާ ޙައްލާއިމެދު ވިސްނައިލަމާ ހިނގާށެވެ!

ދެމަފިރިންގެ މެދުގައި ލޯބި ދިރުވައި އާލާކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އެކަކު އަނެކަކަށް ހިތްވަރުދީ ތަޢްރީފްކުރުމެވެ. ވީމާ ދެމަފިރިންކުރެ ކޮންމެ މީހަކަށް ނަމަވެސް ކިތަންމެ ކުޑަކަމެއްގައި ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ކުރިއެރުމެއް ލިބިއްޖެނަމަ އެކަން ފާހަގަކުރާށެވެ!

އެގޮތަށް އެކަން ނުކޮށް ހުއްޓައި އެހެން މީހަކު އެފަދަ ތަޢްރީފެއް ކުރުމުން އެމީހަކަށް ހުރިހާ ސަމާލުކަމެއް ދެވި ދެމަފިރިންގެ ގުޅުން ވީރާނާވެގެންދަނީވެސް މަދަކުން ނޫނެވެ! ވީމާ އެއި ކުޑަކަމެއް ކަމަށް ނުދެކޭށެވެ!

ދެމަފިރިންކުރެ ކޮންމެ މީހަކަށް ނަމަވެސް ކިތަންމެ ކުޑަ ކުރިއެރުމެއް ކާމިޔާބީއެއް ލިބުނު ނަމަވެސް އެއީ ވަރަށް ބޮޑުކަމެއް ކަމަށް ދެކެގެން ހޫނުމަރުޙަބާއެއް ކިޔާށެވެ! އެއިރުން އެ އަންގައިދެނީ ބައިވެރިޔާއަށް ލިބޭ ކިތަންމެ ކުޑަ ކުރިއެރުމަކަށްވެސް އެދެވޭ މިންވަރެވެ.

ކޮންމެ ފަހަރަކު، ކޮންމެ ކަމެއްގައި ލިބޭނީ އެންމެ ބޮޑު ކާމިޔާބީއެއް ނޫނެވެ! ބައެއް ކަންކަމުގައި ލިބޭ ކާމިޔާބީގެ މިންވަރު ކުޑަވެދާނެއެވެ. ފިރިމީހާގެ ވަޒީފާ ކުޑަތަންކޮޅެއް މަތިވެލީއެވެ. ލިބޭ މުސާރަވެސް މަތިވެލީ އެހައިމެ ކުޑަ މިންވަރަކުންނެވެ!

އެފަދަ ޙާލަތެއްގައ "ތިއައީ ދެން ކޮން ކުރިއެރުމެއް؟" ކަމަށް ނުބުނާށެވެ! އެއިގެ ބަދަލުގައި "މާޝާﷲ" ބުނާށެވެ! "އިން ޝާ ﷲ ދެން ލިބޭނީ މާބޮޑު ކުރިއެރުމެއް!" ފަދަ ހިތްވަރުދިނުމުގެ ބަސްތައް ބުނާށެވެ!

ހަމައެފަދައިން އަނބިމީހާއަށް ކުރިން ކައްކަން ނުއެނގޭ އެއްޗެއް ކައްކަން އެނގުން ފަދަ ކަމެއް ދަސްވިނަމަވެސް އެއީ ކުޑަކުޑަ ކަމަކަށް ނުހަދާށެވެ! އެއީ ވަރަށް ބޮޑަށްބޮޑު ކަމެއްގެ ދެކެންވާނެއެވެ! އިތުރަށް ދަސްކުރަން ޝައުޤުވެރިވާނީވެސް ހިތްވަރު ދިނުމުންނެވެ.

--ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން